"އެއީ މި އެޖެންސީ [އެންސްޕާ] އާ އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވ މުއާމަލާތެއް ނޫނެވެ،"
ރޭގެ ވަގުތެއްގައި ބްރޯޑްކާސްޓިން ފެށި "އެމްއެމް ޓީވީ" ޗެނަލާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅުވާ ފަތުރަމުންދާ ވާހަކަތައް އެ އެޖެންސީން ދޮގުކޮށްފި އެވެ.
އެމްއެމްޓީވީ ހިންގަނީ އެންސްޕާގެ ފައިސާ އިން ކުއްޔަށް ނަގާފައިވާ ތަނެއްގައި ކަމަށާ އެތަނަށް ކުލި ދައްކަނީ އެންސްޕާ އިން ކަމަށް ބުނެ ވަރަށް ބޮޑަށް ވާހަކަ ދެކެވެމުން ދެ އެވެ.
މި ޓީވީ ޗެނަލަށް އެންސްޕާ އިން 34 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ. އެންސްޕާ ހިންގުމަށް ފަސް އަހަރު ދުވަހު މއ. ސީރާޒީގެ ދެ ފަންގިފިލާ ކުއްޔަށް ހިފާ އެއްބަސްވުން ހެދުމަށް ފަހު އެތަނުގައި ޓީވީ ސްޓޭޝަން ހިންގަން ފެށީ ކަމަށް ބުނެ އެވެ.
އެ ވާހަކަތައް ދޮގުކޮށް އެންސްޕާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ އެޖެންސީ ހިންގަން އިމާރާތެއް ހޯދުމުގެ މުއާމަލާތަކީ މާލީ ވުޒާރާއާ އެ އެޖެންސީއާ ދެމެދު އެކަން ކުރުމަށް ކަނޑައެޅިފައިވާ ގަވާއިދާ އުސޫލުގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަަށެވެ.
"އެއީ މި އެޖެންސީ [އެންސްޕާ] އާ އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވާ މުއާމަލާތެއް ނޫނެވެ،"
އެންސްޕާ ހިންގުމަށް މުވައްޒިފުން ހޯދުމާއި އެ މުވައްޒިފުންގެ ޒިންމާތައް ހަވާލު ކުރުމަކީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކުރަމުންދާ ކަމެެއް ކަމަށް ވެސް ބުންޏެވެ. އަދި ބުނީ އެ އެޖެންސީއާ ގުޅުވާ ފަތުރަމުންދާ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށެވެ. މިފަދަ ދޮގު ވާހަކަތައް ފަތުރާ މީހުންގެ މައްސަލަތައް ކަމާބެހޭ އިދާރާއަށް ހުށައާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަދި އެކަމާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގާ އެކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށް ދިނުމަށް އޭސީސީއަށް ވެސް ވަނީ ގޮވާލާފަ އެވެ.
އެންސްޕާ ހިންގުމަށް ފަސް އަހަރު ދުވަހު މއ. ސީރާޒީގެ ދެ ފަންގިފިލާ ކުއްޔަށް ހިފާ އެތަނުގައި އެމްއެމްޓީވީ ހިންގާ ކަން ފުރަތަމަ އާންމުކުރީ "ހަސަންކުރުސީ" އެކައުންޓުންނެވެ. ރައީސް މުއިއްޒުގެ އިރުޝާދަށް ހިންގާ ކަމަށް ބުނާ އެ ޗެނަލްއާ ގުޅޭ ވަރަށް ގިނަ ވާހަކަތައް އެ އެކައުންޓުން ރެެއިން ފެށިގެން ހާމަކޮށްފައިވެ އެވެ.
ފަހުން ބައެއް ނޫސްތަކުން ވެސް އެ ވާހަކަތައް ރިޕޯޓް ކޮށްފައިވެ އެވެ.