ގދ އަތޮޅު ކައުންސިލުން ބުނީ އެލްޖީއޭގެ އެންގުމާއި އެއްގޮތަށް މައްސަލަ ބަލާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމުން ގދ. ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހްމަދުގެ މައްސަލަ ބަލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެ އަތޮޅު ކައުންސިލަށް އަންގައިިފި އެވެ.
އެލްޖީއޭ އިން ގދ އަތޮޅު ކައުންސިލަށް އެކަން އެންގީ ގދ. ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހްމަދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރީންނަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް ބުނެ އާންމުންގެ މީހަކު ހުށައެޅި ޝަކުވާއަކާ ގުޅިގެންނެވެ.
ގައްދޫ ރައީސް އެކަން ކުރީ ކައުންސިލްގެ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖުތަކެއްގަ އެވެ. އެލްޖީއޭ އިން އަތޮޅު ކައުންސިލްގައި އެދުނީ އެ މައްސަލަ ބެލުމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ގައްދޫ ރައީސަށް އެންގުމަށެވެ.
ގދ އަތޮޅު ކައުންސިލުން ބުނީ އެލްޖީއޭގެ އެންގުމާއި އެއްގޮތަށް މައްސަލަ ބަލާނެ ކަމަށެވެ.
ގައްދޫ ރައީސަކީ ޕީޕީއެމްގެ މެންބަރެއް ނަމަވެސް ރައީސް ޔާމީން އެ ޕާޓީ ދޫކޮށްލުމުން އޭނާ ވަނީ ރައީސް މުއިއްޒާ ދެކޮޅުކަން ހާމަކޮށްފަ އެވެ. ރައީސް އެ ރަށަށް ވަޑައިގަތުމުން ކައުންސިލުން އެއްބާރުލުމެއް ވެސް ނުދިނެވެ. އެމަނިކުފާނާއި ބައްދަލު ވެސް ނުކުރެއްވި އެވެ.