ބަޖެޓު އޮންނަންވީ ގޮތް | މަޝްރޫއުތަކުގެ ތަފުސީލުތައް ނެތުމަކީ މައްސަލައެއްތަ؟

2025 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓާމެދު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލު ނެތުންކަމަށްވާއިރު މިކަމުގައި ދުނިޔޭގެ ގައުމުތަކުގައި އަމަލުކުރާ ގޮތާއި ބަޖެޓު އެކުލަވައިލުމުގެ މިންގަނޑުތައް ބުނަނީ ކީކޭ ހެއްޔެވެ؟

ދައުލަތުގެ ބަޖެޓް ފޮތް

މިހާރު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ އެންމެ ބޮޑު މަސައްކަތަކީ 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތެވެ. ބަޖެޓު ދިރާސާކުރާ ކޮމިޓީން ބަޖެޓު އޮތީ ފާސްކޮށްފަ އެވެ. ދެން އޮތީ މަޖިލީހުގެ ތަޅުމުން ބަޖެޓު ފާސްކުރުމުގެ މަރުހަލާ އެވެ. ބަޖެޓު ބަހުސްގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ފާހަގަކުރައްވާ އެންމެ ބޮޑު ކަންބޮޑުވުމަކީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ބަޖެޓުގައި ވަކިވަކި ރަށްތަކުުގައި ހިންގާ ހުރިހާ މަޝްރޫއުތަކެއްގެ ތަފުސީލު ފެންނަން ނެތުމެވެ. 

ތަކުރާރުކޮށް ދިވެހި ސަރުކާރުތަކުން ދައުވާކުރަނީ ސަރުކާރުތަކުން އެކުލަވައިލަނީ ޕްރޮގުރާމު ބަޖެޓުތަކެއް ކަމަށެވެ. އެހެންކަމަށްވާނަމަ ޕްރޮގުރާމު ބަޖެޓުތައް އެކުލަވައިލުމުގެ އުސޫލުތަކާއި، ޒަމާނީ ޑިމޮކްރަސީތަކުގައި ބަޖެޓު އެކުލަވައިލާ ގޮތަށް ބަލާއިރު، ބަޖެޓުތަކުގައި އެ އަހަރެއްގައި ސަރުކާރަކުން ހިންގަން ގަސްތުކުރާ ހުރިހާ މަޝްރޫއުތަކެއްގެ ތަފުސީލުތައް ހިމަނާތޯ، އަދި އެގޮތަށް ތަފުސީލުތައް ނުހިމަނާނަމަ ސަރުކާރުގެ މަޝްރޫއުތަކުގެ މައުލޫމާތު ރައްޔިތުންނަށާއި، މަޖިލީހުގެ މެންބަރުންނަށް ލިބޭނެ އިންތިޒާމުތަކެއް ހަމަޖެހިފައި އޮންނަންޖެހޭތޯ ބަލައިލަންޖެހެ އެވެ. 

ބަޖެޓު އެކުލަވައިލާ ގޮތްތައް

ދައުލަތުގެ ބަޖެޓު ތައްޔާރުކުރުމުގައި މައިގަނޑު ގޮތެއްގައި ހާސިލުކުރަން ޖެހޭ އަމާޒުތަކާ ގުޅޭ ގޮތުން އޯއީސީޑީން ނެރެފައިވާ މޮޑާން ބަޖެޓިން ފޮތުގައި ބަޔާންކޮށްފައިވާ ކަންކަމަކީ، ދެފުށްފެނުމާއި، ތަންފީޒުކުރެވޭ ކަންކަން އެކުލެވުމާއި، ޖަވާބުދާރީވެވުމާއި، ގައުމީ ފެންވަރުގައި އިސްކަންދޭ ކަންކަމާ އެއްގޮތަށް ބަޖެޓު އެކުލަވއިލެވުން ފަދަ ކަންކަމެވެ. އެކަންކަން ހާސިލުކުރުމަށްޓަކައި ބަޖެޓު އެކުލަވައިލުމުގައި އަންނަނިވި މިންގަނޑުތައް ހިފަހައްޓަންޖެހޭކަމަށް ގަވަމެންޓް ފައިނޭންސް އޮފިސާސް އެސޯސިއޭޝަނުން ޝާއިއުކޮށްފައިވާ "ރިކޮމެންޑެޑް ބަޖެޓް ޕްރެކްޓިސެސް" ގައި ބަޔާންކޮށްފއިވެ އެވެ. 

އަމާޒުތަކަށް ބިނާކޮށް ބަޖެޓު ޕްލޭންކުރުން ބަޖެޓުތައް އެކުލަވައިލަންވާނީ ސްޓްރެޓެޖިކް އަމާޒުތަކެއް ހާސިލުކުރުމަށްޓަކައި މިންކުރެވޭ ވަޒަންކުރެވޭ ނަތީޖާތަކަކަށް ސަމާލުކަންދީގެންނެވެ. ސަރުކާރުން އިސްކަންދޭ ކަންކަމާ ބަޖެޓު ގުޅުވައިލުމަކީ އެންމެ ބޮޑަށް ހެޔޮ އަސަރެއް ނެރެވޭނެ ދާއިރާތަކަށް ވަސީލަތްތައް ހާއްސަކުރުމަށް ފުރުސަތު ލިބޭނެ ކަމެކެވެ. އެގޮތުން ކޮންމެ އަހަރެއްގެ ބަޖެޓު އެކުލަވައިލާއިރުވެސް މައިގަނޑު އަމާޒުތަކަކީ ދިގުރާސްތާ ޕްލޭނެއްގައި ބަޔާންކުރާ އަމާޒުތައް ކަމުގައި ހަދަންޖެހެ އެވެ.
ނަތީޖާގެ މައްޗަށް ބިނާވާ ބަޖެޓެއް އެކުލަވައިލުން ބަޖެޓުގައި ކަނޑައަޅާ އަމާޒުތައް ހާސިލުވާ މިންވަރު ދެނެގަންނާނެ ވަޒަންކުރާނެ މިންގަނޑުތަކެއް ބަޔާންކުރުމަކީ ބަޖެޓުގައި އެކި ކަންކަމަށް ކަނޑައަޅާ ފައިސާއާއި ވަސީލަތްތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުވާކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށް މުހިއްމު ކަމެކެވެ. އޯއީސީޑީން ތައްޔާރުކޮށްފައިވާ ބަޖެޓު ތައްޔާރުކުރުމާ ގުޅޭ ޓޫލްކިޓުގައިވެސް ހަރަދުކުރުމުގެ ނިންމުންތަކާއި ނަތީޖާ ނެރެވޭ މިންވަރާ ގުޅޭ ޑާޓާތައް ލާމެހިގެންދިއުމުގެ މުހިއްމުކަން ފާހަގަކޮށްފައިވަނީ މި ސަބަބަށްޓަކަ އެވެ.
ހިއްސާދާރުންނާ މަޝްވަރާކުރުން ކާމިޔާބު ގޮތެއްގައި ބަޖެޓުތައް އެކުލަވައިލުމުގެ މައިގަނޑު އެއް ސިފައަކީ ބަޖެޓު އެކުލަވައިލުމުގެ މަރުހަލާތަކުގައި ރައްޔިތުންނާއި، ވިޔަފާރިތަކާއި، ސިޔާސަތު އެކަށައަޅާ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރެވުމެވެ. މިގޮތަށް ގަވަމެންޓް ފައިނޭންސް އޮފިސާސް އެސޯސިއޭޝަނުން އެކުލަވައިލާފައިވާ ބަޖެޓު ތައްޔާރުކުރުމުގެ އޮނިގަނޑުތަކުގައި މި ކޮންސަލްޓޭޝަން މަރުހަލާގެ މުހިއްމުކަން ފާހަގަކޮށް ބަޔާންކޮށްފައިވަނީ ފުޅާދާއިރާއެއްގައި މިފަދަ މަޝްވަރާތައް ހިންގުމުން ބަޖެޓަކީ ރައްޔިތުންގެ ބޭނުންތައް ރިވެލިވާ އަދި ރައްޔިތުންގެ އިތުބާރާއި މަގުބޫލުކަން އޮތް އެއްޗަކަށް ވާނެ ކަމަށެވެ.
ހުރިހާ މަޝްރޫއުތަކެއްގެ ތަފުސީލު ހިމެނުން މުހިއްމެއް ނޫން އޯއީސީޑީން އާންމުކޮށްފައިވާ ބަޖެޓު އެކުލަވައިލުމުގެ ޓޫލްކިޓާއި، ގަވަމެންޓް ފައިނޭންސް އޮފިސާސް އެސޯސިއޭޝަންގެ ކަރުދާހުންވެސް ސާފުވާ ގޮތުގައި ބަޖެޓުގައި ހުރިހާ މަޝްރޫއެއްގެ ތަފުސީލުތައް ހިމަނާކަށް ނުޖެހެ އެވެ. ނަމަވެސް ކޮންމެ ޕްރޮގުރާމަކަށް ހިނގާނެ ހަރަދުތަކާއި، އާމްދަނީއާއި މައިގަނޑު ގޮތެއްގައި ސަރުކާރުން އަލަށް ފަށައިގަންނަ މަސައްކަތްތަކުގެ ތަފުސީލުތައް ބަޖެޓުގައި ހިމަނަންޖެހެ އެވެ. ތަފުސީލު ރިޕޯޓުތަކަކީ ވަކިވަކި ސެކްޓާތައް ނުވަތަ ދާއިރާތަކުން ތައްޔާރުކޮށް އާންމުކުރަންޖެހޭ ތަކެއްޗެވެ. މިސާލަކަށް ސިއްހީ ދާއިރާއިން ހިންގާނެ މަޝްރޫއުތަކުގެ ތަފުސީލު އެކުލަވައިލާ އާންމުކުރާނީ އެ ދާއިރާއިންނެވެ.

ޕްރޮގްރާމް ބަޖެޓިން

ދެން އޮތީ ޕްރޮގުރާމް ބަޖެޓިންގެ ސުވާލެވެ. ފާއިތުވި ފަސް އަހަރުވެސް ކޮންމެ އަހަރެއްގެ ބަޖެޓު ހުށަހަޅުއްވާއިރު ބަޖެޓު ބަޔާނުގައި އެއިރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވާ ގޮތުން އެ ހުށަހަޅުއްވަނީ ޕްރޮގުރާމު ބަޖެޓެކެވެ. މިހާރުގެ ސަރުކާރުންވެސް ބުނަނީ 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ޕްރޮގުރާމް ބަޖެޓެކެވެ. ސުވާލަކީ ޕްރޮގުރާމު ބަޖެޓެއްގެ ސިފަތަކަކީ ކޮބައިތޯ އެވެ. 

ޕްރޮގުރާމު ބަޖެޓުގެ ތާރީފެއްގެ ގޮތުގައި އިސްވެ ހަވާލާދެވުނު އޯއީސީޑީގެ މޮޑަން ބަޖެޓިން ފޮތުގައި ބަޔާންކުރަނީ، ސަރުކާރަކުން ހިންގަން ގަސްތުކުރާ ޕްރޮގުރާމުތަކަކަށް ނުވަތަ އަމާޒުތަކަކަށް ބިނާކޮށް ވަސީލަތްތައް/ ފައިސާ ހާއްސަކޮށްގެން އެކުލަވައިލާ ބަޖެޓަކީ ޕްރޮގުރާމު ބަޖެޓު ކަމަށެވެ. އިހުގެ ބަޖެޓުތަކުގައ ލައިން އައިޓެމްތައް ނުވަތަ ވަކިވަކި ކަންކަމށް ހިނގާ ހަރަދުތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ޕްރޮގުރާމް ބަޖެޓުގައި ސަމާލުކަންދެނީ ޕްރޮގުރާމުތަކަށެވެ. 

މިސާލަކަށް ސުކޫލު އިމާރާތް އެޅުމަކީ ޕްރޮގުރާމެކެވެ. ނަމަވެސް ބ.ހިތާދޫގައި 15 ކިލާސްރޫމު އެޅުމަކީ ލައިންއައިޓަމެކެވެ. ޕްރޮގުރާމް ބަޖެޓުގައި ސަމާލުކަންދޭނީ ލައިން އައިޓަމަށްވުރެ ބޮޑަށް ޕްރޮގުރާމަށްކަމުގައިވުމުން ވަކިވަކި މަޝްރޫއުތައް ބަޔާންނުކޮށް ބަޔާންކުރާނީ އެ ޕްރޮގުރާމަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދެވެ. 

ޕްރޮގުރާމު ބަޖެޓަކީ ޕަފޯމެންސް ބަޖެޓިންގެ ނުވަތަ ނަތީޖާ ނެރެވޭ މިންވަރަށް ބަލައިގެން ބަޖެޓު އެކުލަވައިލުމުގެ އުސްލޫބެކެވެ. އެހެންކަމުން ޕްރޮގުރާމު ބަޖެޓިންގައި މައިގަނޑު ގޮތެއްގަައި ކޮންމެ ޕްރޮގުރާމަކުން އެ އަހަރު ހާސިލުކުރަން ބޭނުންވާ އަމާޒުތައް ސާފުކޮށް ބަޔާންކުރެ އެވެ. ހާއްސަކޮށް ސަރުކާރުގެ މައިގަނޑު އަމާޒުތައް ބަޔާންކުރެ އެވެ. 

ޕްރޮގުރާމު ބަޖެޓެއްގެ މައިގަނޑު ސިފަތައް

  •  ޕްރޮގުރާމުތަކަށް ސަމާލުކަން ދިނުން: ޕްރޮގުރާމު ބަޖެޓެއްގައި ހަރަދުތައް އިންތިޒާމުކޮށް ތަރުތީބުކުރާނީ އެ އަހަރެއްގައި ހިންގުމަށް ގަސްތުކުރާ ޕްރޮގުރާމުތަކުގެ ވަށައިގެންނެވެ. އަދި ވަކިވަކި ހަރަދުތަކުގެ ތަފުސީލުތައް މިފަދަ ބަޖެޓުތަކުގައި ހިމެނެނީ ވަރަށް މަދުންނެވެ. ހަރަދުކުރާ ވަކި ހަރަކާތްތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ހަރަދުކުރާ ހަރަކާތްތަކުން ހާސިލުކުރަން ބޭނުންވާ އަމާޒަށެވެ. މިސާލަކަށް ތައުލީމީ ދާއިރާގެ އަމާޒުތަކުގެ ތެރޭގައި އިބްތިދާއީ ތައުލީމުގެ ފެންވަރު ރަނގަޅުކުރުން ހިމެނިފައި އޮވެދާނެ އެވެ. އޭގެ ދަށުން ކިލާސްރޫމުތައް ޑިޖިޓައިޒްކުރުމާއި، އޭސީކުރުން ފަދަ ކަންކަން ވަކިވަކި މަޝްރޫއުތަކުގެ ގޮތުގައި ހިންގަން ނިންމާފައި އޮތަސް ބަޖެޓުގައި އެކަންކަން ނުހިމެނިދާނެ އެވެ.
  •  ނަތީޖާއަށް އަމާޒު ހިފުން: މިފަދަ ބަޖެޓެއްގެ މައިގަނޑު އަމާޒަކީ ހަރަދުކުރާ ފައިސާ ނަތީޖާއާ ގުޅުވައިލުމެވެ. މިސާލަކަށް ގައުމެއްގައި އުފަންވާ ކުދިން މަރުވާ ނިސްބަތް ދަށްކުރުމަކީ އަމާޒެއްކަމުގައި ބަޖެޓުގައި ބަޔާންކޮށްފާނެ އެވެ. އެ އަމާޒު ހާސިލުކުރަން ކުރާނެ ކަންކަމުގެ ތަފުސީލު ބަޖެޓުގައި ނުހިމެނި ހިނގައިދާނެ އެވެ.
  •  ވަކިން މަޝްރޫއުތަކުގެ ތަފުސީލު ނެރުން: ބަޖެޓުގައި ހުރިހާ މަޝްރޫއުތަކެއްގެ ތަފުސީލު ނުހިމެނުނު ނަަމަވެސް އިދާރާތަކުން އެކުލަވއިލާ އޮޕަރޭޝަނަލް ޕްލޭންތަކުަގއި އެ މަޝްރޫއުތަކުގެ ތަފުސީލުތައް ހިމެނޭނެ އެވެ. އަދި އެ އިދާރާތަކުން އާންމުކުރާ ޕާފޯމެންސް ރިޕޯޓުތަކުގައި އެ މަޝްރޫއުތައް ހިންގުނު މިންވަރާއި ހާސިލުވި ނަތީޖާތައްވެސް ހިމެނޭނެ އެވެ.

ބަޖެޓު އެކުލަވައިލާ ގޮތުގެ މިސާލު ބައެއް ގައުމުތަކުން

އާންމު ގޮތެއްގައި އިނގިރޭސިވިލާތުގެ ބަޖެޓުގައި އެ އަހަރެއްގައި އެކި ދާއިރާތަކުގައި ހިންގަން ސަރުކާރުން ގަސްތުކުރާ ކޮންމެ މަޝްރޫއެއްގެ ތަފުސީލުތަކެއް ނުހިމެނެ އެވެ. އެހެންނަމަވެސް ބޮޑު މެގަ މަޝްރޫއެއް ހިންގާނަމަ އެ މަޝްރޫއުގެ ތަފުސީލުތަކެއް ބަޖެޓުގައި ހިމަނަފާނެ އެވެ. މިސާލަކަށް ހައި ސްޕީޑު ރޭލުން އިނގިރޭސިވިލާތް ގުޅުވައިލުމަށް ހިންގާ އެޗްއެސް-2 މަޝްރޫއަށް ހިނގާ ހަރަދުގެ ވާހަކަ ބަޖެޓުގައި ވަކިން ފާހަގަކޮށްފައި އޮވެ އެވެ. ނަމަވެސް އެ މަޝްރޫއުގެ ތެރެއިން ވަކިވަކި ދާއިރާތަކުގައި ގާއިމުކުރާ ސްޓޭޝަންތަކުގެ ތަފުސީލެއް ބަޖެޓުގައި ނުހިމެނެ އެވެ. 

ސިންގަޕޫރަށް ބަލާއިރު އެ ގައުމުގައިވެސް ބަޖެޓުގައި ހުރިހާ މަޝްރޫއުތަކެއްގެ ތަފުސީލު ވަކިވަކިން ހިމަނާފައި ނުހުރެ އެވެ. ނަމަވެސް ބަޖެޓުގައި ހިމެނެނީ މުހިއްމު މައިގަނޑު މަސައްކަތްތަކާއި، އިސްތިރާޖީ ގޮތުން އިސްކަންދޭ ކަންކަމާއި އެކި ދާއިރާތަކަށް ކަނޑައަޅައި ހާއްސަކުރާ ވަސީލަތްތަކެވެ. ގައުމީ ފެންވަރެއްގައި މުހިއްމުވާ މަޝްރޫއެއް ނޫނީ ވަކި މަޝްރޫއަކށް ހިނގާ ހަރަދުތަކުގެ ތަފުސީލު ސިންގަޕޫރު ބަޖެޓުގައި ނުހިމަނަ އެވެ. ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލުތައް ހާމަކުރަނީ އެ މަޝްރޫއުތައް ހިންގާ އިދާރާތަކާއި ވުޒާރާތަކުން ވަކިން ނެރޭ ރިޕޯޓުތަކެއްގަ އެވެ. 

އެމެރިކާގައިވެސް ފެޑެރަލް ބަޖެޓުގައި ހިންގަން ރާވާ ހުރިހާ މަޝްރޫއެއްގެ ތަފުސީލު ނުހިމަނަ އެވެ. ޕްރޮގުރާމުތަކަށް ކަނޑައަޅާ ފައިސާގެ އަދަދުތައް ހިމެނި ނަމަވެސް ޕްރޮގުރާމުގެ ތެރެއިން ހިންގާ ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލުތައް ހާމަކުރަނީ ވަކިންނެވެ. 

ބަޖެޓުގައި މަޝްރޫއުތަކުގެ ތަފުސީލު ނުހިމެނުނަސް މައުލޫމާތު ލިބެންޖެހޭނެ

ބަޖެޓުގައި މަޝްރޫއުތަކުގެ ތަފުސީލުތައް ނުހިމެނުމާ ގުޅިގެން އިދިކޮޅު ޕާޓީގެ މެންބަރުން ފާޅުކުރައްވާ ކަންބޮޑުވުމަކީ ސަރުކާރުން އަހަރު ތެރޭގައި ހިންގަން ގަސްތުކުރާ މަޝްރޫއުތައް ނޭނގި މަޖިލީހަށް ސަރުކާރު ޖަވާބުދާރީނުކުރެވޭނެ ކަމުގެ ކަންބޮޑުވުމެވެ. މި ކަންބޮޑުވުމަކީ އޭގެ ޒާތުގައި ބުރަދަންހުރި ކަންބޮޑުވުމެކެވެ. ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލު ނުހިމެނުމަކީ އެ ތަފުސީލު ލިބެންނުޖެހޭ ނުވަތަ ފެންނަންނުޖެހޭ ސަބަބެއް ނޫނެވެ. އެކި ގައުމުތަކުގައި މިކަމުގައި އަމަލުކުރާ ގޮތަށް ބަލާއިރު ބަޖެޓުގެ ތެރެއިން ހިންގާ ހުރިހާ މަޝްރޫއެއްގެ ތަފުސީލު ފެންނާނެ ގޮތް އެކި ގައުމުތަކުގައި ހަމަޖައްސަނީ އެކި އުސޫލުތަކުގެ ތެރެއިންނެވެ. 

މިސާލަކަށް އެމެރިކާގެ ބަޖެޓުގައި ބަޖެޓުން ހަރަދުކުރާ ކޮންމެ ކަމެއްގެ ތަފުސީލު ނުހިމެނެ އެވެ. ނަމަވެސް އެ ގައުމުގައި ސަރުކާރުން ހަރަދުކުރާ ގޮތުގެ ހުރިހާ ތަފުސީލެއް ޝާއިއުކުރެ އެވެ. މިސާލަކަށް ޔޫއެސްއޭ ސްޕެންޑިން ވެބްސައިޓުގައި މިދެންނެވި ތަފުސީލުތައް ފެންނަން ހުރެ އެވެ. 

އަވައްޓެރި އިންޑިޔާގައިވެސް ފެޑެރަލް ބަޖެޓުގައި މަރުކަޒީ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ހުރިހާ ތަފުސީލެއް ފެންނަން ނުހުރެ އެވެ. ނަމަވެސް އެ ގައުމުގައި އޮންނަ ޕްރޮޖެކްޓް މޮނިޓަރިން ގްރޫޕްގެ ވެބްސައިޓުގައި މަޝްރޫއުތަކަށް ހިނގަމުންދާ ހަރަދާއި، މަޝްރޫއުތައް ތަންފީޒުކުރަން ހޭދަވާ މުހުލަތު ފަދަ މައުލޫމާތުތައް އަދާހަމަކޮށް ލިބެންހުރެ އެވެ. 

ކެނަޑާގެ ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލުތައް ނުހިމެނި ނަމަވެސް އެ ތަފުސީލުތައް ސަރުކާރުގެ ވުޒާރާތަކުގެ ނުވަތަ އިދާރާތަކުގެ ހަރަދުތަކުގެ ޕްލޭންތަކުގައި ހިމަނއި އެ ޕްލޭންތައް ހާމަކުރެ އެވެ. އެ ޕްލޭންތަކުގައި އެ އަހަރެއްގައި މަޝްރޫއެއްގެ ތެރެއިން ތަންފީޒުކުރާނެ މިންވަރުފަދަ ތަފުސީލުތައްވެސް ހިމެނެ އެވެ. 

ދައުލަތުގެ ހަރަދުބަރަދާ ގުޅުންހުރި މައުލޫމާތު ހާމަކުރުމުގެ އެންމެ ރަނގަޅު މިންގަނޑުތައް އޯއީސީޑީގެ ޓޫލްކިޓުގައި އަދި އެހެނިހެން ފްރޭމްވޯކުތަކުގައި ބަޔާންކުރެ އެވެ. މެޝިން ރީޑަބަލް މާނައަކީ ދިރާސާކޮށް އަޅައިކިޔަން ފަސޭހަ ފޯމެޓެއްގައި، ވަކިވަކި ތަފުސީލުތައް ބެލޭނެހެން، އައިއެމްއެފްގެ ގަވަމެންޓް ފައިނޭންސް ސްޓެޓިސްޓިކްސް ފަދަ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭހެން އެ މައުލޫމާތު ފެންނަން ހުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި މި ހުރިހާ އޮނިގަނޑެއްގައި ފާހަގަކުރެ އެވެ. 

އެހެންކަމުން ބަޖެޓު އެކުލަވައިލުމުގެ އެންމެ ރަނގަޅު މިންގަނޑަކީ އަދި ތަރައްގީވެފައި ހުރި ގިނަ ގައުމުތަކުގައި އަމަލުކުރަމުން އަންނަ ގޮތަކީވެސް ދައުލަތުގެ ބަޖެޓުގައި ސަރުކާރުން ހިންގަން ގަސްތުކުރާ ހުރިހާ މަޝްރޫއުތަކެއްގެ ތަފުސީލު ވަކިވަކިން ނުހިމެނުމެވެ. ނަމަވެސް އެ ތަފުސީލުތަކަކީ އެއްވެސް ހާލެއްގައި ސިއްރުކުރާ ކަންކަމެއް ނޫނެވެ. އެ ތަފުސީލުތައް ހާމަކުރަން އެކި ގައުމުތަކުން އެކި އުސްލޫބުތައް ބޭނުންކުރި ނަމަވެސް ކުރިއަރާފައިވާ ހުރިހާ ގައުމެއްގައިހެން އެ ތަފުސީލުތައް ފަހުން ހާމަކުރެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.