އެމްޑީޕީ މެންބަރުން 19 ވަނަ މަޖިލީހުގައި އެންޑި ޑިފެކްޝަން އިސްލާހަށް ދެއްކެވި ވާހަކަފުޅާއި މިއަދު މަޖިލީހުގައި ދެއްކި ވާހަކަފުޅުގައި ބޮޑު ފަރަގެއް އެބަހުއްޓެވެ.
ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ސަރުކާރުން ގެންނަން ހުށަހެޅި އިސްލާހަށް ކުރިން އެމްޑީޕީ މެންބަރުން ތާއީދު ކުރިނަމަވެސް މެންބަރުން މި ފަހަރު ވާހަކަ ބަދަލުކޮށްފި އެވެ.
އެންޑި ޑިޕެންޝަން ގާނޫނަށް އެމްޑީޕީން 19 ވަނަ މަޖިލީހުގައި އިސްލާހެއް ގެނަ އެވެ. އޭރު އިސްލާހު ގެނެސްފައިވަނީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ޕާޓީ ބަދަލު ކުރުމުގެ ހަރަކާތްތަކެއް ހިންގަމުން ދިޔަ ވަގުތެއްގަ އެވެ. އެހެންވެ އެ މަޖިލީހުގައި އެމްޑީޕީގެ "ސަރުކާރަށް ތާއީދުކުރި" މެންބަރުން ވަނީ އޭރު ބިލަށް ގެނައި އިސްލާހަށް ތާއީދުކޮށްފަ އެވެ.
ނަމަވެސް މިފަހަރު ސަރުކާރުން ގާނޫނު އަސާސީއަށް މި އިސްލާހު ހުށަހެޅުމާއެކު ބިލްގައި ހުރި ބައެއް އިސްލާހުތަކާމެދު މެންބަރުން ވަނީ ފާޑު ވިދާޅުވެފަ އެވެ. އެމްޑީޕީ ގިނަ މެންބަރުން ފާޑު ކިޔާފައިވާ އެއް އިސްލާހަކީ ޕާޓީން ވަކި ކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތުމާއި މެންބަރަކު ހުރި ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް އޮތް އޮތުމާ އެމްޑީޕީގެ މެންބަރުން ވަނީ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.
އެމްޑީޕީގެ ކެންޑިޑޭޓް ހުސެއިން ޒިޔާދު (ފިއްޓެ) ވިދާޅުވީ އަމިއްލަ މެންބަރު ޕާޓީއާ ގުޅިގެން ގޮނޑި ގެއްލުމާ އޭނާ ދެކޮޅު ކަމަށެވެ.
"އިސްލާހުގެ ތިރީގައި ލިޔެފަ އެބައޮތް ޕާޓީއަކުން މެންބަރަކު ވަކި ކުރާއިރު ހެދިފައިވާ ގާނޫނަކުންނޭ ވަކި ކުރެވޭނީ. އަޅުގަނޑުމެން މި އިސްލާހު ގެނެސް މާދަމާ ގާނޫނު ހަދަން މި އަންނަނީ. ހަދާ ގާނޫނުގައި އޮންނާނީ ކޯއްޗެއް ކަމެއް ނެތް. ބިރުވެރިކަން އެބައޮތް. އެ އިތުބާރެއް ނެތް،" ޒިޔާދު ވިދާޅުވި އެވެ.
މަޖިލީހުގެ މެންބަރުން ގަނެވިއްކުން ހުއްޓުވުމުގެ މަގުސަދުގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހަށް އެ ޕާޓީން ހުށަހަޅައިގެން ފާސްކުރި ބިލު ރައިސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ ފާއިތުވި އޭޕްރީލު މަހުގަ އެވެ. އެމްޑީޕީން ފުރަތަމަަ ބިލު ހުށަހަޅާފައި އޮތީ މަޖިލިސް މެންބަރަކު ޕާޓީ ބަދަލުކުރުމުން އޭގެ ޒާތުގައި ގޮނޑި ގެއްލޭ ގޮތަށެވެ. ނަމަވެސް ފަހުން އެ ޕާޓީންވަނީ އެ މާއްދާ ބަދަލުކޮށް އެ ހާލަތުގައި އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް އިސްލާހުކޮށްފަ އެވެ.
މުހައްމަދު އަނީސް ނަމަކަށް ކިޔާ އަމިއްލަ ފަރާތަކުން މިއަދު ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެ ގާނޫނުގެ ބަައެއް މާއްދާތައް ބާތިލުކުރަން އެދުނު ނަމަވެސް ބާތިލުކުރަން އެދުނު މާއްދާތަކަކީ ކޮބައިކަން ހައިކޯޓުން ހާމަނުކުރެ އެވެ. އެންޓި ޑިފެކްޝަން ގާނޫނު މިހާރު އޮތް ގޮތުން ތިން ހާލަތެއްގައި މަޖިލިސް މެންބަރުން އަމިއްލަ އަށް އިސްތިއުފާދެއްވަންޖެހެ އެވެ.