ޔާމީން ރޭ ވިދާޅުވީ އިގްތިސާދުގެ އާރުކާޓީއަކީ އަދީބު ކަމަށް ދައްކަަވަން ބޭރުގެ ބައެއް ނޫސްތަކަށް ފައިސާ ދީގެން އެކި ލިޔުންތައް ޝާއިއު ކުރަމުން ގެންދާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެމަނިކުފާނުގެ ނާއިބު ރައީސް އަހްމަދު އަދީބު ވަރުގަދަ މެސެޖެއް ދެއްވައިފި އެވެ.
ރާއްޖެއިން ބޭރުގައި މިވަގުތު ދިރިއުޅުއްވާ އަދީބުގެ ވަރުގަދަ މެސެޖެއް ރައީސް ޔާމީނަށް އަމާޒު ކުރެއްވީ ރޭ އޮތް ޕީއެންއެފްގެ ޖަލްސާ ގައި އަދީބަށް އަމާޒު ކުރައްވާ ރައީސް ޔާމީން ދެއްކެވި ވާހަކަތަކާއި ގުޅިގެނެވެ. ރައީސް ޔާމީންގެ ވެރިކަމަކީ މި ފަހުގެ ތާރީހުގައި ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގި ސަރުކާރެވެ.
ސިނަމާލެ ބްރިޖު މަޝްރޫއު އާއި ވީއައިއޭގެ ތަރައްގީގެ މަޝްރޫއު އާއި ހުޅުމާލެ ދެވަނަ ފޭސް ހިއްކާ ތަރައްގީ ކުރުމާއި އެތައް ހާސް ފްލެޓެއް އެޅުމުގެ މަސައްކަތް ފެށުމާއި 25 ބުރީގެ ބޮޑު ހޮސްޕިޓަލެއް އެޅުން ފަދަ ކިތަންމެ މަަސައްކަތެއްގައި ހަގީގީ ކުލަ ޖެހުނީ އެ ދުވަސްވަރު އެވެ.
ޔާމީން ރޭ ވިދާޅުވީ އެ ދުވަސްވަރު ހިނގި ކަންކަމަށް އިޝާރާތް ކުރައްވާ ރާއްޖޭގެ އިގްތިސާދުގެ އާރުކާޓީއަކީ އަދީބު ކަމަށް ދައްކަަވަން ބޭރުގެ ބައެއް ނޫސްތަކަށް ފައިސާ ދީގެން އެކި ލިޔުންތައް ޝާއިއު ކުރަމުން ގެންދާ ކަމަށެވެ. އަދީބަށް ނުސީދާކޮށް މަލާމާތް ރައްދު ކުރައްވާ ޔާމީން ވިދާޅުވީ އަދީބަކީ މި ސަރުކާރަށް ވެސް މާލީ އެޑްވައިޒް ދެއްވާ ބޭފުޅެއް ކަމަށެވެ. އަދި އަބޫދާބީ/ދުބާއީން ވެސް އަދީބުގެ އެޑްވައިޒް ހޯދަން ބޭނުންވާ ކަމަށެވެ.
އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ އަދީބު ވަނީ އެއް ފަހަރު ނަމަވެސް ހަގީގީ މަސައްކަތްތަކެއް ކޮށްލެވުމަށް ޔާމީނަށް އިލްތިމާސް ކުރައްވާފަ އެވެ. އެދިވަޑައިގަތީ ތާސްކުޅުން ދޫކޮށްލެވުމަށެވެ. އަދި ގެކޮޅު ބާއްވަމުން ގެންދަވާ ފްރަންޓް އޮފީސް ޖަލްސާތަކުން ބްރޭކެއް ނެންގެވުމަށެވެ. އެ ޖަލްސާތަކަކީ "ބަދިގޭ ޖަލްސާ" ތަކެއްގެ ގޮތުގައި އަދީބު ސިފަ ކުރެއްވި އެވެ.
"ދެން އެހެން މީހުންނަށް ހަސަދަވެރި ނުވޭ،" ޔާމީނަށް މެސެޖެއް ދެއްވާ އަދީބު ވިދާޅުވި އެވެ.