މަސްވެރިންގެ ދަފުތަރު | ކުރަހައިދެނީ މަސްވެރިންގެ އާ ކުރިމަގު

އަވަށްޓެރި ލަންކާގަ މަސްވެރިންގެ ދަފުތަރެއް އޮވެ އެވެ. މީގެ ސަބަބުން 300،000 މަސްވެރިންނަށް ދައުލަތުގެ ނިޒާމްގެ ތެރޭން ގިނަ ފައިދާތަކެއް ކުރެ އެވެ. ރާއްޖޭގެ ދަފުތަރާއެކު ކުރިމަގުގައި މަސްވެރިންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ އެވެ.

އަންޒަމާނުއްސުރެން ފެށިގެން ރާއްޖޭގައި މަސްވެރިކަން ކުރަމުން ދިޔަނަމަވެސް މިހާތަނަށް މަސްވެރިންނަކީ ދައުލަތް ދަންނަ ބައެއް ނޫނެވެ. އަނެއްހެން ރީތިކޮށް ބުނާނަމަ އެ މީހުންނަކީ ކޮންމެ ދުވަހަކު ކަނޑަށް ނުކުމެ މަސް ބާނައިގެން ލަފާ ބައެކެވެ. ނުވަތަ ކަނޑުމަތީ އުޅޭ ބައެކެވެ. މަސްވެރިންނަށް ތައުރީފުކޮށް "މަސްވެރި ކަމަކީ ލޭނާރޭ"  "މަސްވެރިންނަކީ އިގްތިސޯދުގެ މުހިންމު ބައެކޭ" ކިޔަސް ހަގީގަތުގައި މަސްވެރިންނަށް ދައުލަތުގެ ނިޒާމުގެ ތެރެއިން އެއް ކަމެއްވެސް ކޮށެއް ނުދެވެ އެވެ. ނުވަތަ ނުދެ އެވެ. ކޮންމެ ސަރުކާރެއް ގެންނަން "ގަދަ ޕާޓީ" ގެ ފަސްބައިގައި އެލިގަނެގެން މަސްވެރިން ތިބެން ޖެހެ އެވެ. އެކަމަކު ވެރިކަމަށް އައުމާއެކު އެ މީހުންނަށް ހަގީގީ މަންފާ ލިބޭނެ ކަމެއް ނުކުރެ އެވެ. ދައްކަނީ މަހަށް ހަމައަގު ދިނުމާއި ބެޔަސް ނުބެޔަސް ނުވަތަ މަސް މަސް ފެކްޓްރީ ފަދަ "ކޮސް" ދެކޮޅު ނުޖެހޭ ވާހަކަ ތަކެވެ. މިހާތަނަށް މަސްވެރިން ގަބޫލުކުރީ އެންމެ ރަނގަޅު ބަޔަކީ ބާނާ މަހަށް ވަގުތީ ގޮތުންނަމަވެސް ބޮޑު އަގެއް ދޭ ބައެކެވެ. ފަހުން ވާނެ ގޮތެއް ބަލަން އެމީހުން ވެސް ބޭނުމެއް ނޫނެވެ. ނުވަތަ އެ ފަދަ ވިސްނުމަކަށް ދާން ފުރުސަތެއް ވެސް ނުދެ އެވެ. އެކަމަކު ހަގީގަތުގައި މަސްވެރިންގެ ސިކުނޑި އަށް ނުވައްދާ އޮތް ހަގީގަތަކީ އެ މީހުންނަށް ބޮޑު އަގު ދީގެން ހެއްލުމަށްވުރެ ބޮޑުކަމަކުން މިހާތަނަށް އެ ތިބީ މަހުރޫމްކޮަށްފަ އެވެ. 

މަސްވެރިކަމުގެ ޖީލު ތަކެއް ދުނިޔެ ދޫކޮށް ދިޔަނަމަވެސް އެ މީހުންނަކީ ދައުލަތް ދަންނަ ދައުލަތުގެ ނިޒާމުގެތެރެއަށް ވަދެވޭނެ "ކުޑަ ދޮރެއް" ވެސް މިހާތަނަށް އޮތް ބައެއް ނޫނެވެ. އެ މީހުންނަށް ކުރިއަރައި ބަދަލު ވަމުންދާ މާލީ ނިޒާމުގެ ތެރޭން މަންފާއެއް ހޯދޭނެ މަގެއް ނެތެވެ. މަސައްކަތުން އަތް ދޫކޮށްލާ ދުވަހު "ރިޓަޔަމަންޓް" ގެ ގޮތުގައި ލިބޭނެ އެއްޗެއް ނެތެވެ. މީގެ މައިގަނޑު ސަބަބަކީ މަސްވެރިންގެ ހަގީގީ މައުލޫމާތު އެނގޭނެ ނިޒާމެއް ދައުލަތުގައި ނެތުމެވެ. ދައުލަތަށް މަސްވެރިންގެ ހަގީގީ އަދަދާއި މައުލޫމާތު ނޭނގުމެވެ. މަސްވެރިކަމުގައި "އެކްޓިވްކޮށް" އުޅޭ އުޅަނދު ފަހަރު ބެލޭނެ ނިޒާމެއް ނެތުމެވެ. ރާއްޖޭގައި އާއްމުކޮށް ކުރާ އެކި މަސްވެރިކަމުގައި އުޅޭ މަސްވެރިންގެ ގައުމީ ދަފުތަރެއް ނެތުމެވެ.

ރާއްޖޭގައި މިކަން މިގޮތަށް އޮތަސް ދުނިޔޭގެ މަސްވެރި ބޮޑެތި އާބާދީތައް އޮތް ގައުމުތަކުގައި ކަންއޮތީ މުޅި ތަފާތު ކޮށެވެ. ރާއްޖެއާ އެންމެ ކައިރިން އޮތް އެންމެ ބޮޑު މަސްވެރި ގައުމުކަމަށްވާ ސްރީލަންކާގައި ފުރިހަމަ މަސްވެރި ރަޖިސްޓްރީއެއް ނުވަތަ މަސްވެރިންގެ ދަފުތަރެއް އޮވެ އެވެ. އަދި އެ ދަފުތަރުގެ ސަބަބުން މަސްވެރިންނަށް ގިނަ ފައިދާތަކެއްވެސް ލިބެ އެވެ. އެމީހުންނަކީ ދައުލަތް ދަންނަ ވަޒީފާއެއް އަދާކުރާ ބަޔަކަށްވެ އެވެ. 

ލަންކާގެ މަސްވެރި ރިޕޯޓްތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލަންކާ މަސްވެރިންގެ ދަފުތަރުގައި ޖުމްލަ ތިބި މީހުންގެ އަދަދަކީ 315,720 އެވެ. ލަންކާގައި މަސްވެރި 266,640 އާއިލާއެއް ދިރިއުޅެ އެވެ. ަދި މަސްވެރިކަމަށް ސީދާ ބަރޯސާވާ އާބާދީ 1.1 މިލިއަނަށް އަރަ އެވެ. އަދި ނުސީދާ ގޮތުން މަސްވެރިކަމުން މަންފާ ލިބޭ މީހުންގެ އަދަދު ތިން މިލިއަންގައި އުޅޭއިރު މަސްވެރިން އެ ގައުމުގެ އާބާދީގެ 18 ޕަސެންޓު ހިއްސާއެއް ކުރެ އެވެ. އަދި ލަންކާ މަސްވެރިންގެ 44,977 މީހުންނަކީ މަސްވެރިކަމުގައި ހަރަކާތްތެރިވަނިކޮށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަަށްޓަކައި އިންޝުއަކޮށްފައިވާ މީހުންނެވެ. އަދި  69,049 މީހުންނަކީ ވަޒީފާއިން އަތް ދޫކޮށްލައި އުމުރުން ދުވަސްވެ ރިޓަޔަ ކުރަން ޖެހޭ ދުވަހު ލިބޭ ޕެންޝަނަށް ފައިސާ ދައްކާ މީހުންނެވެ.  މި ނިޒާމުގެ ސަބަބުން ލަންކާ މަސްވެރިންނަށް ގިނަ ފައިދާތަކެއް ކުރެ އެވެ. އެކަމަކު މިފަދަ ނިޒާމެއް އެ ގައުމުގައި އޮތީ ފުރިހަމަ މަސްވެރިންގެ ދަފުތަރެއްގެ ސަބަބުނެވ. 

ލަންކާ މަސްވެރިންގެ ދަފުތަރު

  • ޖުމްލަ މަސްވެރިން 315,720
  • މަސްވެރި އާއިލާގެ އަދަދު 266,640
  • ސީދާ މަސްވެރިކަމަށް ބަރޯސާވާ އާބާދީ 1.1 މިލިއަން
  • ނުސީދާކޮށް މަސްވެރިކަމަށް ބަރޯސާ ޖުމްލަ އާބާދީ ތިން މިލިއަން (ލަންކާ އާބާދީގެ 18 ޕަސެންޓް )
  • އިންޝުކޮށްފައިވާ މަސްވެރިންގެ އަދަދު 44,977
  • ރިޓަޔަމަންޓް ޕެންޝަނަށް ފައިސާ ދައްކާ މަސްވެރިން 69,049

ލަންކާގައި މަސްވެރިންގެ ދަފުތަރެއް އޮތަސް ރާއްޖޭގައި މިފަދަ އެއްވެސް ރަސްމީ ނިޒާމެއް މަސްވެރިންނަކަށް ނެތެވެ. ރާއްޖޭގެ އިގްތިސޯދުގެ މައިގަނޑު ހަރަކާތުގެ ގޮތުގައި 1972 ގައި ފެށުނު ޓޫރިޒަމް އައުމުގެ ކުރީގައި މަސްވެރިކަން އޮތީ މައިގަނޑު ސިނާއަތުގެ ގޮތުގަ އެވެ. އެކަމަކު ހަމައެކަނި އެ ދުވަސްވަރު އޮތީ ކަޅު ބިލަމަހުގެ މަސްވެރިކަމެކެވެ. ނަމަވެސް 1990 ގެ ފަހުކޮޅުން ފެށިގެން ކަންނެލީގެ މަސްވެރިކަން ތައާރަފުވެ މަސްވެރިންގެ އާބާދީ އިތުރުވި އެވެ. މަސްވެރިންގެ އާބާދީ އަށް މި އިތުރުވުން އައިނަމަވެސް މަސްވެރިންގެ ދަފުތަރެއް ހެދިފައެއް ނެތެވެ. އެކަމަކު މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމަށްޓަކައި މަސްވެރިކަމުގެ ގާނޫނުން ލާޒިމްކޮށްފައިވެ އެވެ. މަސްވެރިކަމުގެ އާ ގާނޫނެއް 2019 ވަނަ އަހަރު ފާސްކުރިނަމަވެސް މިކަން ނުކޮށް އުޅެފައިވަނީ މުޅިން ތާކުން ތާކު ނުޖެހޭ ދެކޮޅު ނުޖެހޭ ކަންކަމުގަ އެވެ. މި ގާނޫނު ފާސްކުރިތާ މި އަދަދަށް ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މި ގާނޫނުން މަސްވެރިންގެ ދަފުތަރެެއް ހަދަން ލާޒިމް ކުރިނަމަވެސް އެކަން ނުކޮށް އޮތުމީ މިއަދާ ހަމައަށް އައިއިރު ބޮޑު ގެއްލުމެކެވެ. 

ދަފުތަރު ނެތުމުން ދިވެހި މަސްވެރިންނަށް ގެއްލުން

ކަންނެލި މަސްވެރިންގެ ޖަމިއްޔާއާ ރައީސް ބައްދަލު ކުރައްވަނީ -- ރައީސް އޮފީސް

މަސްވެރިން ދަފުތަރު ނުކޮށް އޮތުމުގެ ނަތީޖާއަކީ މަސްވެރިންނަކީ ދައުލަތް ދަންނަ އަދި މާލީ ނިޒާމާއި ޒަމާނީ ކްރެޑިޓް ނިޒާމުގެ ތެރެ އަށް ވަންނާނެ ދޮރުތައް ބަންދުވެފައިވާ ބައެއްގެ ގޮތުގައި ތިބުމެވެ. މިސާލަކީ އާއްމުކޮށް ސަރުކާރު ވަޒީފާއެއްގައި އުޅޭ މީހަކަށް މަހު މުސާރަ އަށް ލިބޭ އާމްދަނީއަށްވުރެ ބޮޑު އަދަދެއް މަސްވެރިންގެ އަތަށް ހަފުތާއެއްގެ ތެރޭ އަަރަ އެވެ. އަދި ފާނަ މަސްވެރިކަމަށް ބަލާނަމަ މަހެއްގެ މައްޗަށް ލިބޭ އާމްދަނީ ސަރުކާރު ކުންފުންޏެއްގެ ޑިރެކްޓަރެއްގެ މަހު މުސާރަ އަށްވުރެ ވެސް  ބޮޑެވެ. ފާނަ މަސްވެރި އޮޑިވެރިއެއްގެ މަހު އާމްދަނީ އެންމެ މަތީން މުސާރަ ލިބޭ ސަރުކާރު އެސްއޯއީއެއްގެ މެނޭޖިން ޑިރެކްޓަރެއްގެ މުސާރަ އަށް ވުރެ ވެސް ބޮޑުވާނެ އެވެ. އެކަމަކު މި މީހުންނަކީ ދައުލަތާއި ރާއްޖޭގެ މާލީ ނިޒާމް ބަލައިގަންނަ ބަޔަކަށް ނުވެ އެވެ. ކޮންމެ މަހަކު ކިތަންމެ ގިނަ ފައިސާއެއް އެކައުންޓަށް ވަދެ ނުކުތަސް އެކަން ލިބޭނެ އިތުރު މަންފާއެއް ނެތެވެ. އިސްލާމިކް ފެސިލިޓީއެއް ނޫނީ ކްރެޑިޓް ސްކީމެއްގައި އެމީހުންނަކަށް ބައިވެރިއެއް ނުވެ އެވެ. މި ކަމަށް ހައްލު ހޯދަން ސަރުކާރުން ވަނީ މަސްވެރިކަމުގެ ގާނޫނުގެ ދަށުން މަސްވެރިންގެ ދަފުތަރެއް ހަދައި އޭގައި މަސްވެރިން ރަޖިސްޓްރީ ކުރަން ފަށާފަ އެވެ.

މިހާތަނަށް 80 ޕަސެންޓް މަސްވެރިން ދަފުތަރަށް

މަސްވެރި އުޅަނދެއް: މަސްވެރިންނަށް ނުދެވި ހުރިހާ ފައިސާ މާދަމާ ދޭނެ -- ފޮޓޯ: ޒުވާން މަސްވެރިޔާ

މަސްވެރިކަމާއި ކަނޑުގެ ދިރުންތަކުގެ މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވާ 80 ޕަސެންޓަށްވުރެ ގިނަ މަސްވެރިން ވަނީ މި ދަފުތަރުގައި ރަޖިސްޓްރީވެފަ އެވެ. މިހާރު މި ރަޖިސްޓްރީއަށް ވަތް ވަކިވަކި މަސްވެރިންގެ އަދަދު 2،000 އިން މަތީގައި އުޅޭއިރު މަސްވެރިންގެ ދުވަސް އަންނަންވާއިރަށް މި ދަފުތަރުގައި ހުރިހާ މަސްވެރިން ރަޖިސްޓްރީ ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު ވިދާޅުވީ މަސްވެރިކަމުގައި އެކްޓިވްކޮށް އުޅޭ ގިނަ އަދަދެއްގެ ފަރާތްތައް ދަފުތަރުގައި ރަޖިސްޓްރީ ކުރަން ރަށްރަށުގައި އެ މިނިސްޓްރީގެ ޓީމުތައް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ރަޖިސްޓްރީ ކުރުމާއެކު މިނިސްޓްރީން މިދަނީ ދައުލަތުގެ އެކި ދިމަދިމާލަށް މަސްވެރިން އެންޑޯޒް ކުރަން [މަސްވެރިންނަށް ފައިދާ ލިބޭނެ ސްކީމް] ތަކަށް ގެންދަން މަސައްކަތް ވެސް ކުރަމުން،" ޝާފިއު ވިދާޅުވި އެވެ.

ދަފުތަރުގައި މަސްވެރިން ރަޖިސްޓްރީވުން ކުރިއަށްދާއިރު ސުވާލަކީ މި ދަފުތަރުގެ ސަބަބުން މަސްވެރިންނަށް ލިބޭނެ މަންފާއެވެ. ނޫނީ ފައިދާ އެވެ. މަސްވެރިންނަށް ލިބޭނެ މޮޅަކީ ކޮބައި ހެއްޔެވެ؟ 

މަސްވެރިން ދަފުތަރު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ދަފުތަރު ކުރަނީ އެކަމަށް ހާއްސަ "ކެޔޮޅު އެޕް" މެދުވެރިކޮށެވެ. ކެޔޮޅު އެޕަކީ ދައުލަތުގެ އޮންލައިން ވިއުގަ "އީފާސް" އާ ކަނެޓްކޮށްފައިވާ ނިޒާމެކެވެ. މި އެޕަށް ވަދެވެނީ އީފާހުން ލޮގިން ވެގެންނެވެ. ފުރަތަމަ ދަފުތަރު ވާން ޖެހެނީ އޮޑީގެ ޒިންމާރުވެރިޔާ ނުވަތަ އޮޕަރޭޓަރެވެ. އޭގެ ފަހުން އޮޑީގެ ކެޔޮޅު ދަފުތަރަށް ވައްދާނީ އޮޕަރޭޓަރެވެ. ކެޔޮޅާއި އޮޕަޜޭޓަރަށްފަހު ފަޅުވެރިން ދަފުތަރު ކުރަން ލިންކް ފޮނުވޭނެ އެވެ. އެއް ފަޅުވެރިއަކަށް ދެ އޮޑިއެއްގައި އެއް ވަގުތެއްގައި ދަފުތަރެއް ނުވެވޭނެ އެވެ. މި ސިސްޓަމާއެކު އޮޕަރޭޝަނަލީ ގިނަ މައުލޫމާތުތަކެއް ވެސް ލިބިގެންދެ އެވެ. މިގޮތުން އޮޑި އޮތީ  ދަފުތަރުވެފައި ތޯ އާއި މަސްވެރިޔާ މަހަށް ދާ އޮޑި އާއި ފަޅުވެރިން އޮޑި ބަދަލުކޮށްފިނަމަ އޭގެ މައުލޫމާތު ވެސް އެނގޭނެ އެވެ.

ދަފުތަރުން މަސްވެރިންނަށް ލިބޭނެ ފައިދާ

  • ދައުލަތުގެ އޮނިގަނޑުގެ ތެރެއަށް ވަދެ ދައުލަތް ދަންނަ ބަޔަކަށްވުން
  • މަސްވެރިންގެ އާބާދީގެ މައުލޫމާތު ސަރުކާރުގެ އިދާރާތަކަށް ބެލޭނެ ގޮތްވުން
  • މަސްވެރި އާއިލާތައް ވަކިން އެނގުން
  • މަސްވެރިންނަށް އަމާޒުކޮށްގެން ކަންކަން ރާވާ ހިންގަން ފަސޭހަވުން
  • ދާއިމީ އާމްދަނީ ލިބޭ ބައެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުން
  • މަސްވެރިކަމަކީ ވެސް ވަޒީފާއެއްގެ ގޮތަށް އަދާކުރެވޭނެ ކަމެއްގެ ގޮތުގައި ވުން

މި ނިޒާމު ތަރައްގީ ވެގެންދާއިރު ފިޝަރީޒް މިނިސްޓްރީން ވަނީ މުސްތަގުބަލުގައި މަސްވެރިކަމަކީ އެންމެ ޒަމާނީ ވަޒީފާގެ ނިޒާމަކަށް ބަދަލު ކުރުމުގެ ވިސްނުން ގެންގުޅެ އެވެ. މުސްތަގުބަލުގައި މަސްވެރިންގެ ދަފުތަރާއެކު މަސްވެރިޔާ އާއި އޮޑިއާ ދެމެދު ވަޒީފާގެ އެއްބަސްވުން ހެދުމާއި މަސްވެރިން ބޭނުންވާ ވަޒީފާގެ ލިޔުން ހޯދުން އަދި ލާރި ބަހާފައި މަސްވެރިންގެ އާމްދަނީ ހިމަނައިގެން "ވޭޖް ސްޕިލް" އެއް ދިނުން ވެސް ހިމެނެ އެވެ. މީގެ އިތުރުން މުސްތަގުބަލުގައި އިސްލާމިކް ބޭންކިންއިން މަސްވެރިންނަށް ފައިނޭންޝަލް ސްކީމެއް ހެދުމާއި އެސްޓީއޯ މެދުވެރިކޮށް މަސްވެރިންނަށް ހާއްސަ ސްކީމެއް ތައާރަފު ކުރުމަށް ސަރުކާރުން ދަނީ އެ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންނެވެ.

މަސްވެރިންގެ ދަފުތަރަކީ މުސްތަގުބަލުގައި މަސްވެރިންގެ ކުރިމަގު ކުރަހައިދޭނެ ޗާޓެވެ. މި ދަފުތަރާއެކު މަސްވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހި ވެގެންދާނެ އެވެ. މަސްވެރިން އިތުރަށް ބާރުވެރި ވެގެންދާނެ އެވެ. އެމީހުންގެ ހައްގުތައް ހޯދަން އެއް ބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.