ޓެކްސް ބޮޑު ކުރާ ބިލް ފާސް ކުރުމާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދައްކަމުން ދަނިކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ ވަނީ އެ ބިލް ސަރުކާރުން ބޭނުންވާ ގޮތަށް ފާސް ކޮށްދޭން ނިންމާފަ އެވެ.
ޓެކްސް ބޮޑު ކުރުމާމެދު ހިޔާލު ތަފާތު ވުމުން ކޮމެޓީން މަޝްވަރާތައް ކުރުމުގެ ކުރިން ބިލު އޮތް ގޮތަށް ފާސް ކުރަން ތްރީލައިން ވިޕެއް ނެރުމުން ހިތަށް ވަންނަނީ ބިރުވެރި ހުދުމުހުތާރު ތަސައްވަރެއް ކަމަށް އެމްޑީޕީގައި ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރުކަން ވެސް ކުރެއްވި އާޒިމް މިއަދު ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ދެކޮޅު ޖެއްސުމަށް ޓެކްސް ބޮޑު ކުރުމާމެދު ހިޔާލުތައް ތަފާތުވުމުން އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ކޮމެޓީއިން ފިނޭންސް މިނިސްޓަރާއި ވިޔަފާރިވެރިންނާއި ޓުއަރިޒަމް ސެކްޓަރާއެކު މަޝްވަރާތައް ކުރުމުގެ ކުރިން ބިލް އޮތް ގޮތަށް ފާސް ކުރުމަށް ތްރީލައިން ވިޕެއް ނެރުމުން ބިރުވެރި ކަން ހިތަށްވަންނަ ކަމަށާއި ދުމުހުތާރު ތަސައްވަރެއް ކުރެއްވޭ ކަމަށެވެ.
ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) އާއި އާއްމު ޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލް ފާސް ކުރަން އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ. ސަރުކާރުގެ ހަރަދުތައް ދެކޮޅު ޖައްސަން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރަން ކަމަށް ބުނެ ނިންމާފައި ވަނީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑު ކުރާށެވެ.
ޓެކްސް ބޮޑު ކުރާ ބިލް ފާސް ކުރުމާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދައްކަމުން ދަނިކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ ވަނީ އެ ބިލް ސަރުކާރުން ބޭނުންވާ ގޮތަށް ފާސް ކޮށްދޭން ނިންމާފަ އެވެ. ޓެކްސް ބޮޑު ކުރުން ގޯސް ކަމަށާ މިވަގުތު ކުރަންވީ ކަމަކީ ހަރަދު ކުޑަކުރުން ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެގޮތަށް މުޅީންހެން ވިދާޅުވަނީ ރައީސް ސޯލިހާއި ގުޅުން ގޯސް، ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުންނެވެ.
ޓެކްސް ބޮޑު ކުރަން ސަރުކާރުން ނިންމުމުން ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ. އަދި ސަރުކާރުގެ އިސްރާފު ބޮޑުވެ ދަރަނި 100 ބިލިއަނާ ކައިރިކޮށްފައިވާތީ ވެސް ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ.