ނިއު ޑިވްލޮޕްމަންޓް ބޭންކްއަކީ ރަޝިއާއި ޗައިނާ އަދި އިންޑިއާގެ އިތުރުން ދެކުނު އެފްރިކާ އިން އުފައްދާފައިވާ ބްރިކްސް ގައުމުތަކުގެ ހާއްސަ ބޭންކް އެކެވެ. މި ބޭންކަކީ މުސްތަގުބަލުގައި އެންމެ ވަރުގަދަ މާލީ އެހީދޭ ބޭންކްއަށް ވެގެންދާނެ އެވެ.
ރަޝިއާ އާއި ޗައިނާ އަދި އިންޑިއާ އިސްވެރި އޮވެ އުފައްދާފައިވާ ބްރިކްސް ބޭންކް ނުވަތަ ނިއު ޑިވްލޮޕްމަންޓް ބޭންކުގައި ރާއްޖޭން ބައިވެރިވުމުގެ މަސައްކަތް ފަަށައިފި އެވެ.
މި ސަރުކާރުގެ އެއް އަހަރުތެރޭގައި އިކޮނޮމިކް މިނިސްޓްރީން ފަށާފައިވާ ކަންތައްތަކުގެ ތެރޭގައި މުހިންމު ގިނަ ކަންތައްތަކެއް ވެސް ހިމެނެ އެވެ. މީގެ ތެރޭން މުހިންމު އެއް ކަމެއްގެ ގޮތުގައި އޮތީ ނިއު ޑިވްލޮޕްމަންޓް ބޭންކް (އެންޑީބީ) ގައި ބައިވެރިވާން ނިންމައި އެކަން ކުރެވިދާނެ ގޮތްތަކެއް ބެލުމުގެ މަސައްކަތް ފެށުނެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެންޑީބީގައި ބައިވެރިވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭން ހިންގާ ތަރައްގީގެ މަސައްކަތްތަކަށް ބޭރުންވާ ފައިނޭންސް ހޯދަން މަގު ފަހި ކުރުމެވެ. މީގެ އިތުރުން މާލީ އަދި ފަންނީ ދާއިރާތަކުން ރާއްޖެއަށް ބޭނުންވާނެ އެހީތެރިކަން ހޯދުމަކީވެސް މުހިންމު އެއް ކަމެވެ. މިކަމުގެ ސަބަބުން ބްރިކްސް ނޭޝަންގެ ގައުމުތަކާއެކު ގުޅުން ވަރުގަދަ ވެގެންދާނެ އެވެ.