ސައު އަރަބިއްޔާ އާއި އަޒަރްބައިޖާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ވަނީ މިއަދު މާލެ ވަޑައިގެންފަ އެވެ.
ސައު އަރަބިއްޔާ އާއި އަޒަރްބައިޖާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފި އެވެ.
ރައީސް، ސައުދީއަށް ކުރެއްވި ދަތުރުފުޅަކީ، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް، ޖޮއިންޓް އަރަބް- އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަގުރީރު ކުރައްވާފަ އެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގެންނެވީ ކޮޕް29 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް، އަޒަރްބައިޖާންގެ ބާކޫއަށެވެ. ކޮޕް29ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމީ ބަދަލުތަކާ ގުޅުންހުރި މާލީ އެހީގެ މައްސަލަތައް ހައްލުކުރުމަށް ވަކާލާތުކުރައްވާއި މޫސުމީ ނޭދެވޭ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގައި ބައިނަލްއަގްވާމީ ފެންވަރެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ކޮޕް29ގެ ހަވާސާގައި އެމަނިކުފާނު ވަނީ، މޫސުމީ ބަދަލުތަކާ ގުޅުންހުރި މާލީ ވަސީލަތްތަކާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކާމެދު ދުނިޔޭގެ ލީޑަރުންނާ އެކު މަޝްވަރާ ތަކެއް ކުރައްވާފައެވެ.