އެ ޕާޓީން މިއަދު ވަނީ ދާއިރާތަކުގެ އިންތިހާބުގެ ވޯޓު ނަގާ ދާއިރާތަކާއި ރަށްތަށް އަދި ކެންޑިޑޭޓުންގެ ނަންތައް އިއުލާނު ކޮށްފަ އެވެ.
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގުރެސް ޕާޓީ (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ހާމަކޮށް ނެރުނު ލިސްޓާއިމެދު ބޮޑެތި ޝަކުވާތަކެއް ފެންމަތިވެފައި ވަނިކޮށް ލިސްޓްގައި މައްސަލަ ހުރި ކަމަށް ޕާޓީން އެއްބަސް ވެއްޖެ އެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބު ގައި ބޮޑު ވާދަވެރި ކަމެއް އެބަ އޮތެވެ. އެ ޕާޓީން މިއަދު ވަނީ ދާއިރާތަކުގެ އިންތިހާބުގެ ވޯޓު ނަގާ ދާއިރާތަކާއި ރަށްތަށް އަދި ކެންޑިޑޭޓުންގެ ނަންތައް އިއުލާނު ކޮށްފަ އެވެ.
ނަމަވެސް ބައެއް މީހުން ވަނީ އެ މީހުންގެ ނަން ލިސްޓްގައި ނެތް ކަމަށް ބުނެ ޝަކުވާ ކޮށްފަ އެވެ. އަދި ބައެއް މީހުން ކުރިމަތިލީ ދާއިރާ ނޫން ދާއިރާތަކުގައި ނަން ހިމަނާފައި ވުން ފަދަ މައްސަލަތައް ވެސް ފާހަގަ ވެފައި ވެ އެވެ. އެކަމާއި ގުޅިގެން ހިތްހަމަ ނުޖެހުން އުފެދި ގިނަ ބަޔަކު ޕާޓީގެ އޮފީހަށް ގޮސް ޝަކުވާ ވެސް ކުރި އެވެ.
އެ ޝަކުވާތަކާއި ގުޅިގެން ޕީއެންސީން މިރޭ ބުނީ ލިސްޓްގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު އޮތް ލިސްޓް މުރާޖައާ ކުރުމުގެ މަސައްކަތް ފަށައިފި ކަމަށެވެ.
މެންބަރުންގެ އަދަދު ވަރަށް މަދު ޕީއެންސީއަށް ވެރިކަން ލިބުމާ އެކު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ ބޮޑު ތަނުން އިތުުރުވެފަ އެވެ. ޕީޕީއެމް ގައި ތިބި ވަރަށް ގިނަ އަދަދެއްގެ މެންބަރުން ޕީއެންސީއަށް ބަދަލުކޮށް އިތުރަށް ގުޅުނު މެންބަރުންނާ އެކު ޕީއެންސީ އަކީ އެންމެ ބޮޑު ޕާޓީއަށް ބަދަލުވާނެ ކަމަށް ބެލެވެ އެވެ. އެ ޕާޓީގެ ލީޑާޝިޕުން ވެސް އެކަމުގެ ޔަގީންކަން ދެ އެވެ.
ވެރިކަމުގައި އޮންނަ ޕާޓީއެއްގެ އިސް މަގާމުތަކަށް އައުމަށް އަބަދުވެސް ބޮޑު ވާދަވެރި ކަމެއް އޮވެ އެވެ. ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ހުޅުވާލުމުން ވެސް ވަރަށް ގިނަ ބަޔަކު ކުރިމަތިލި އެވެ.