"އެންމެ ޖަލްސާއެއް ބާއްވާލީ. ހައްޔަރު ކުރަން މަޖިލީސް ތަޅުމުގައި ސަރުކާރުގެ މެންބަރުން މިއޮއް ގޮވަނީ. އަސްލު ވެސް ވަރަށް ބޮޑަށް ގުޑައިފި،"
އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި ޖަލްސާއާ އެކު ސަރުކާރު ގުޑާފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި އެމްޑީޕީގެ އިސްވެރިން ހައްޔަރު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝަމީޒް ވިދާޅުވުމާއި ގުޅިގެންނެވެ. ކުރީ ސަރުކާރުގެ ވެރީންނަށް ތުހުމަތު ކުރައްވާ އޭނާ ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހައްޔަރު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޝާހިދަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ފޮރިން މިނިސްޓަރެވެ. ފައްޔާޒަކީ އިކޮނޮމިކް މިނިސްޓަރެވެ.
ޝަމީޒުގެ ވީޑިއޯ ހިއްސާކޮށް ޝާހިދު ވަނީ ދެ ޕޯސްޓެއް ކުރައްވާފަ އެވެ. އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓް ގައި ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއަށް އަނެއްކާ ވެސް ނުރައްކާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ ރޭގެ ރެލީއާ ގުޅިގެން ޕާޓީގެ އިސްވެރީން ހައްޔަރު ކުރުމަށް ސަރުކާތު ހިންގާ ޕާޓީގެ މެންބަރުން ފާޅުގައި ގޮވާލާފައިވާ ކަމަށް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި މިފަދަ އިންޒާރުތަކާއި ގޮވާލުންތަކުން އެ ބޭފުޅުންގެ އަޑު ހިމޭން ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ސާބިތުވެ ދެމި ތިބޭނީ އިންސާފާއި މިނިވަން ކަން ދިފާއު ކުރުމުގައި ކަމަށެވެ.
ދެން ޕޯސްޓެއް ކުރެއްވީ ދިވެހި ބަހުންނެވެ.
"އެންމެ ޖަލްސާއެއް ބާއްވާލީ. ހައްޔަރު ކުރަން މަޖިލީސް ތަޅުމުގައި ސަރުކާރުގެ މެންބަރުން މިއޮއް ގޮވަނީ. އަސްލު ވެސް ވަރަށް ބޮޑަށް ގުޑައިފި،" މަލާމާތުގެ ހިނިތުންވުން ހިމެނޭ އިމޯޖީތަކަކާ އެކު ޝާހިދު ކުރެއްވި ޕޯސްޓް ގައި ވިދާޅުވެފައިވެ އެވެ.