ގައުމު ސަލާމަތް ވެފައި މިއޮތީ އަޅުގަނޑުމެން ކުރި މަސައްކަތުން: ސޯލިހް

"މިއަދު މި ގައުމު ސަލާމަތްވެފައި މި އޮތީ އަޅުގަނޑުމެން ކުރި މަސައްކަތުން،" ރައީސް ސޯލިހް ރޭ ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

މި ގައުމު ސަލާމަތްވެފައި މި އޮތީ އެމްޑީޕީގެ ސަރުކާރުން ކުރި މަސައްކަތުން ކަމަށް އެ ޕާޓީގެ އެންމެ ފަހުގެ ސަރުކާރު ހިންގެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ފުދިއްޖެ، ފުނޑިއްޖެ" ނަމުގައި ރޭ އާޓިފިޝަލް ބީޗުގައި އޮތް އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުންނެވެ. ވަރަށް ގިނަ އާންމުން ބައިވެރިވި ޖަލްސާގައި ސޯލިހް ވަނީ 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ގައުމުގެ ހާލަތު އޮތްގޮތް ސާފުކޮށް ދެއްވާފަ އެވެ. ވިދާޅުވީ ރައީސް ޔާމީން ވަޑައިގެންނެވީ ދައުލަތުގެ ހުރި ފައިސާއެއް އެއާޕޯޓް ހޯދަން ޖީއެމްއާރަށް ދައްކާފައި ކަމަށެވެ.

އެހެން ކަމުން ޖެހިވަޑައިގެންނެވީ ރިސްކު ނަންގަވާ އެންމެ މުހިންމު ފިޔަވަޅުތައް އަޅުއްވަން ކަމަށެވެ. އެކަންކަން ކުރައްވާ ގައުމުގެ ހާލަތު ރަނގަޅު ކުރެއްވީ އެެއްވެސް މީހަކު ވަޒީފާއިން ވަކިނުކޮށް ބަރާބަރަށް މުސާރަ ދެމުން ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮވިޑްގެ އާލަމީ ވަބާގެ ތެރޭގައި ރާއްޖެ ހަމަމަގުގައި ހިފެހެއްޓެވި ކަމަށެވެ.

"މިއަދު މި ގައުމު ސަލާމަތްވެފައި މި އޮތީ އަޅުގަނޑުމެން ކުރި މަސައްކަތުން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

އެސްޑީއެފް 7.7 ބިލިއަނަށް ބޮޑުކުރިން

ރޭގެ ޖަލްސާގައި ރައީސް ސޯލިހް ވަނީ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅު ވެސް ފާހަގަ ކުރައްވާފަ އެވެ. ވިދާޅުވީ ވެރިކަން ނިމުނުއިރު، ފަހަރަށް ދައްކާކުރާ ފަންޑު ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) 7.7 ބިލިއަނަށް ބޮޑު ކުރެއްވި ކަމަށެވެ. ޔާމީންގެ ވެރިކަން ނިމުނުއިރު އެ ފަންޑުގެ ސައިޒަކީ 1.9 ބިލިއަން ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެމަނިކުފާނު ވެރިކަން ދޫކޮށްލެއްވީ ދަރަނި ދެއްކޭނެ ގޮތް ހޯއްދަވާފައި ކަމަށެވެ.

"އެހެން ވެގެން އަޅުގަނޑުމެން މި ދައްކަނީ މި ގައުމު ބަނގުރޫޓެއް ނުވާނޭ. ހިންގަން ނޭންގިގެން މި އުޅެނީ. 2025 ވަނަ އަހަރު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ދެއްކޭނެ ގޮތް އަޅުގަނޑުމެން އޮންނާނީ ހޯދާފައި. އެ ފައިސާގެ ބޭނުން ކޮށްގެން މިއަދު މި ސަރުކާރު އެ ކުރިއަށް ދަނީ،"

ރޭގެ ޖަލްސާގައި ރައީސް ސޯލިހާއި އެމްޑީޕީގެ އިސްވެރީން ބައިވެރިވެވަޑައިގަންނަވަނީ

އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަން ނިމި ރައީސް މުއިއްޒަށް ވެރިކަން ހަވާލުކުރިއިރު ގައުމު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށާ ނަމަވެސް އަހަރު ދުވަސްވީއިރު މުޅި ރާއްޖެ "ފުނޑާލާފައިވާ" ކަމަށެވެ. އެކަން އެހެންވީ ރައީސް މުއިއްޒަށް ގައުމު ހިންގަން ނޭންގުމުން ކަމަށް ވިދާޅުވި އެވެ.

"މިއީ ސިއްރު ސަރުކާރެއް. ދޮގުވެރި ސަރުކާރެއް. އަނިޔާވެރި ސަރުކާރެއް. މުނާފިގު ސަރުކާރެއް،" ރައީސް މުއިއްޒުގެ ސަރުކާރަށް ބޮޑެތި ތުހުމަތުތައް ކުރައްވާ ރައީސް ސޯލިހް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ގައުމުގެ ހާލަތު ބަދަލު ކުރަން ރައްޔިތުން ތެދުވަން ވެއްޖެ ކަަމަށެވެ. އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ދިން ގޯތިތަކާއި ފްލެޓްތައް އަތުލަން ރާވަމުންދާ ކަމަށާ އެ ފުރުސަތު ދީގެން މަޑުން ތިބެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން އެންމެން އެކީ ނިކުންނަން ޖެހޭ ވަގުތު. ރާއްޖެ މި އޮތީ ފުނޑިފައި،"

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.