ކިނާރިއާ ކުޑަގިރި ފަޅުގެ ނަމުގައި ފަށާ މި މަޝްރޫއުގެ ދަށުން ހަތަރު ރަށެއް ހަދައި ދިވެހިންނަށް ފުރުސަތު ފަހިކޮށްދޭނެ އެވެ.
މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާން ހިއްކި ކުޑަގިރި ޕިކްނިކް އައިލެންޑާއި އެ ފަޅު ހިމެނޭ ސަރަހައްދުގައި ބިޔަ މަޝްރޫއެއް ހިންގަން އެޗްޑީސީ އިން ނިންމައިފި އެވެ.
އެޗްޑީސީއިން ހިންގަން ނިންމާފައިވާ ގިނަ މަޝްރޫއުތަކެއް އެ ކުންފުނިން އިއުލާނު ކުރިއިރު އެންމެ ފާހަގަކޮށްލެވެނީ ކުޑަގިރި އާއި ފަޅު ހިއްކައިގެން ހިންގަން އިއުލާނުކުރި ބިޔަ މަޝްރޫއުތަކެވެ.
ކިނާރިއާ ކުޑަގިރި ފަޅުގެ ނަމުގައި ފަށާ މި މަޝްރޫއުގެ ދަށުން ހަތަރު ރަށެއް ހަދާނެ އެވެ. އެގޮތުން ދަތުރު ދާން ހެދި ކުޑަގުރީގައި އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއް ހަދާނެ އެވެ. މި ތަނުގައި ކުދި ގެސްޓްހައުސް ހުންނާނެ އެވެ. އަދި ފްލޯޓިން ރެސްޓޯރެންޓެއް ހުންނާނެ އެވެ. އަދި އެންޓެޓައިމެންޓް އައިލެންޑަކާއި ސްކޫލް ކުދިންނާއި ކޭމްޕް ދާ ފަރާތްތަކަށް ކޭމްޕިިން އައިލެންޑެއް ވެސް ހަދާނެ އެވެ. އަދި އެއް ރަށް ހަދާނީ މިތަނުގައި ހިދުމަތްދޭ މުވައްޒަފުން ތިބޭނެ ރަށެއްގެ ގޮތުގަ އެވެ.
މި މަޝްރޫއާ ބެހޭ ގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ކުޑަގިރި އެގޮތުގައި ބޭއްވުމަކީ މިހާރުގެ މެނޭޖުމަންޓުގެ ވިސްނުމެއް ނޫން ކަމަށާ މިތަނުން ދިވެހިންނާއި ރާއްޖޭގެ އިގްތިސޯދަށް ފައިދާ ކުރާނެ ގޮތެއް ހެދުމަށް ބޭނުންވާ ކަމަށެވެ. މިހާރު އިއުލާނުކުރި މަޝްރޫއުގެ ދަށުން ދިވެހިންނަށް ވަޒީފާތަކެއް އުފެދި ދިވެހި ވިޔަފާރިއަށް ފުރުސަތު ފަހިވާނެކަން ފަޒުލް ފާހަގަ ކުރެއްވި އެވެ.
ކުޑަގިރިއަކީ ސަރުކާރުގެ ގިނަ ކުންފުނިތަކުން ސީއެސްއާރުގެ ގޮތުގައި ހިއްކި ރަށެވެ. މި ރަަށަށް ދިޔަ ހަރަދު މިހާތަނަށް ހާމަކޮށްފައެއް ނެތެވެ. ނަމަވެސް ރަށަށް އެމްޓީސީސީއިން 40 މިލިއަން ހަރަދު ކުރިކަމަށް ކުރީގެ މެނޭޖުމަންޓުން ބުނެފައިވެ އެވެ.