އެމްޑީ ފަޒުލް ވަނީ ގުޑަގިރި އައިލެންޑާއި އެ ފަޅުގައި ގިނަ މަޝްރޫއުތަކެއް ހިންގަން ނިންމާފައިވާކަން އިއުލާނު ކުރައްވާފަ އެވެ.
ގޯތި ލިބުނު މީހުންނަށް އެޗްޑީސީން ފްރީފެބް ހޯމް ތައާރަފުކޮށް، އަންނަ މަހު ޕާކިން ބިލްޑިންގް އަޅަން ހަވާލުކުރާނެ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.
އެޗްޑީސީ އިން ހިންގާ ގިނަ މަޝްރޫއު ތަކެއް ލޯންޗް ކުރަން ހުޅުމާލޭގައި މިރޭ ބޭއްވި ޓްރާންސްފޯމިން ޓްމޯރޯ އިވެންޓުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ މި މަޝްރޫއުތަކުގެ ތެރޭން ޕްރޯފެބް ހައުސިން އެޅުމުގެ ފުރުސަތު ތައާރަފު ކުރާނެ ކަމަށާ މިއީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ދޭނެ ފުރުސަތެކެވެ.
މި ފުރުސަތާއެކު ސަރުކާރުން ފަސް ޕަސެންޓުގައި ދޫކުރާ ލޯނާއެކު ގުޅިގެން އެ ކުންފުނީގެ އިންވެސްޓަރުންނާއެކު ގޯތީގައި ގެ އެޅުމުގެ ފުރުސަތު ލިބޭނެ އެވެ.
ފަޒުލް އިތުރަށް ވިދާޅުވީ މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ޕާކިން މައްސަލައަށް ހައްލު ހޯދަން އަޅާ ޕާކިން ބިލްޑިންގްތައް އަންނަ މަހު އިންވެސްޓަރުންނާއެކު ސޮއިކުރެވޭނެ އެވެ.
"އިއުލާނު ކުރުމުން ތިން އިންވެސްޓަރުން މި ވަގުތު ވެސް އެބަތިބި. މި ޕާކިން ބިލްޑިންގް ވެގެންދާނީ ރޫފްޓޮޕްގައި ތަފާތު ހަރަކާތްތައް ހިންގޭނެ ތަންތަންނަށް،" ފަޒުލް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ ކަނޑުންނާއި އެކި ތަންތަނުން ގޯތި ދިންއިރު ގޯތި ތަކެއް ހުޅުމާލެ އަށް ވެސް އަރާފައިވާ ކަމަށާ އެ ގޯތިތައް އެ ކުންފުނިން އޭގެ ހައްގުވެރިންނަަށް ހަވާލު ކުރާނެ އެވެ. އަދި ފޭސް ތިނެއް ހިއްކުން މިވަގުތު މަޑު ޖެހިފައިވީނަމަސް އެކަން ހައްލުކޮށް ފެށިގެންދާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ކުންފުނީގައި ރަސްމީ އޮފީސް އިމާރާތެއް ނެތުމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވަމުންދާ ކަަމަށާ އެކަން ހައްލު ކުރަން އެޗްޑީސީގެ ބިލްޑިންގް މުހިންމު ރޯލެއް އަދާކުރާނެ އެވެ.
"މި ބިލްޑިންގް ވެގެންދާނީ މުވައްޒަފުންނަށް ވެސް ފަސޭހައިން މަސައްކަތް ކުރެވޭ ތަނެއް. އިންވެސްޓަރުންނާ ބައްދަލު ކުރުން ފަދަ ކަންކަމަށް ވެސް ހާއްސަ އިމާރާތަކަށް،" ފަޒުލް ވިދާޅުވި އެވެ.
އެޗްޑީސީ އިން މިއަދު އިއުލާނު ކުރި މަޝްރޫއުތަކުގެ ތެރޭގައި މިދިޔަ ސަރުކާރުން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހެދި ކުޑަގިރި އައިލެންޑާއި އެ ފަޅުގައި ހިންގާނެ މަޝްރޫއުތަކެއްވެސް ވަނީ އިއުލާނުކޮށްފަ އެވެ. އެމްޑީ ފަޒުލް ވިދާޅުވީ ކުޑަގިރިއަކީ ހަމައެކަނި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭއްވުމަކީ އެކަށީގެންވާ ގޮތެއް ނޫން ކަމަށާ އެހެންކަމުން މި ފަޅުގައި ކޭމްޕިން އައިލެންޑަކާއި ގެސްޓްހައުސް އައިލެންޑެއް ހިމެނޭހެން ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ.