ދައުލަތުގެ ރަސްމީ ރިޒާވް 614 މިލިއަނަށް އިތުރުވީއިރު ޖުމްލަ ރިޒާވްވަނީ 737 މިލިއަނަށް އަރާފަ. އަދި ބޭނުންކުރެވޭ ރިޒާވްގެ އިތުރަށް ބޭންކުތަކުގައި އިންވެސްޓުކޮށްފައިވާ އަދަދާއެކު ބޭނުންކުރެވޭ ގޮތަށް 152 މިލިއަން ޑޮލަރު މިހާރު އެބަހުރި.
ދައުލތުގެ ރަސްމީ ރިޒާވް އެސެޓުތައް 614.6 މިލިއަނަށް އިތުރުވެފައިވާކަން އަދި ބޭނުންކުރެވޭ ގޮތަށް ރާއްޖޭގެ ބޭންކުތަކުގައި މަރުކަޒީ ބޭންކުން އިންވެސްޓުކޮށްފައި ހުރި 120 މިލިއަން ޑޮލަރު އެބަހުރިކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ.
މިރޭ އެމްއެމްއޭއިން އާންމުކޮށްފައިވާ ރިޒާވްގެ ހިސާބުތަކުން ފެންނަ ގޮތުގައި އޮކްޓޯބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި 614.6 މިލިއަން ޑޮލަރު ހުއްޓެވެ. އެއީ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރެކޯޑުކުރެވިފައި ހުރި 371.2 މިލިއަން ޑޮލަރަށްވުރެ %65.5 އިތުރު އަދަދެކެވެ.
ރަސްމީ ރިޒާވް އެސެޓުގެ އިތުރަށް އެމްއެމްއޭގެ ޖުމްލަ ބޭރު ފައިސާގެ ރިޒާވްގައި ގުނާ އެހެނިހެން ބޭރު ފައިސާގެ އެސެޓުގެ ގޮތުގައި 122.5 މިލިއަން ޑޮލަރު ހުރިކަން ހިސާބުތަކުން ދައްކަ އެވެ. ސެޕްޓެންބަރު މަހުގެ ނިޔަލަށް އެހެނިހެން ބޭރު ފައިސާގެ އެސެޓުގެ ގޮތުގައި ހުރީ އެންމެ 2.4 މިލިއަން ޑޮލަރެވެ.
ރަސްމީ ރިޒާވް އެސެޓުތަކާއި، އެހެނިހެން ބޭރު ފައިސާގެ އެސެޓުތަކާއެކު ބޭރު ފައިސާގެ ޖުމްލަ ރިޒާވްގެ ގޮތުގައި 737 މިލިއަން ޑޮލަރު ހުންނާނެ އެވެ. އަދި ބޭނުންކުރެވޭ ރިޒާވްގެ އަދަދު ބެލުމަށް ބޭނުންކުރާ ފޯމިއުލާއިން ފެންނަ ގޮތުގައި މި ފައިސާގެ ތެރެއިން ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުންނާނީ ގާތްގަނޑަކަށް 32 މިލިއަން ޑޮލަރެވެ.
އެހެންނަމަވެސް އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި ބޭނުންޖެހިއްޖެ ހާލަތެއްގައި އެމްއެމްއޭއަށް ބޭނުންކުރެވޭ ގޮތަށް ދިވެހިރާއްޖޭގެ ކޮމާޝަލް ބޭންކުތަކުގައި 120.2 މިލިއަން ޑޮލަރު މަރުކަޒީ ބޭންކުން އިންވެސްޓުކޮށްފައި އެބަހުއްޓެވެ. އެއީ ރިޒާވްގެ ހިސާބުގައި ގުނާ ފައިސާއެއް ނޫނެވެ. އެހެންނަމަވެސް މި އަދަދާއެކު އެމްއެމްއޭގެ އޮޕަރޭޝަންތަކަށް ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު 152 މިލިއަން ޑޮލަރާ ގާތްކުރާނެ އެވެ.
އެމްއެމްއޭއިންވަނީ އިންޑިޔާގެ މަރުކަޒީ ބޭންކު ރިޒާވް ބޭންކް އޮފް އިންޑިޔާއާއެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަދާފަ އެވެ. ރިޒާވްގެ ހާލަތު މިހާރު ރަނގަޅުވި މައިގަނޑު ސަބަބަކީ ކަރަންސީ ސްވޮޕުގެ ފައިސާ ލިބުމެވެ. އެ ފައިސާއަކީ ބޭންކުތަކަށް ބޭރު ފައިސާއިން މުއާމަލާތްކުރަން ބޭނުންވާ ޑޮލަރު ދޫކުރުމަށް އެމްއެމްއޭއިން ބޭނުންކުރާ ފައިސާ އެވެ.
ޑޮލަރުގެ ކަރަންސީ ސްވޮޕުގެ އިތުރަށް އެމްއެމްއޭއިންވަނީ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕެއް އިންޑިޔާގެ ރިޒާވް ބޭންކާއެކު ހަދާފަ އެވެ. މިއީ ދެ ގައުމުގެ މެދުގައި ދެ ގައުމުގެ ފައިސާއިން ވިޔަފާރިކުރުމަށް މަގުފަހިކުރަން ހަދާފައިވާ ކަރަންސީ ސްވޮޕެކެވެ.
ކަރަންސީ ސްވޮޕުގެ އިތުރުން ރިޒާވްއަށް އޮތް ފިއްތުން ވަގުތީ ގޮތުން ކުޑަވީ ނަމަވެސް އެމްއެމްއޭގެ ރެގިއުލޭޓަރީ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން ބޭންކުތަކަށް ޓޫރިޒަމް ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާއިން މާރުކުރާ މިންވަރުގެ ތެރެއިން އެމްއެމްއޭއަށް ލިބޭ ފައިސާއާއެކު ރިޒާވްއަށް ދާއިމީ ހައްލެއް ލިބޭނެ އެވެ.