ދައުލަަތުގެ ހަރަދުބަރަދުގެ ހިސާބުތަކުން އެނގޭ ގޮތުގައި ބަޖެޓުގެ ދަރަނި ކުޑަކޮށް، ގާނޫނު ތަންފީޒުކޮށްގެން ހޯދަންޖެހޭ ބައެއް ދާއިރާތަކުން އާމްދަނީ ހޯދި މިންވަރު ސަރުކާރުންވަނީ އިތުރުކޮށްފަަ އެވެ.
ފާއިތުވި އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަތުގެ ހަރަދާއި އާމްދަނީގެ ފަރަގު ފާައިތުވި އަހަރުގެ އެ މުއްދަތުގެ އާމްދަނީއާއި ހަރަދުގެ ފަރަގަށްވުރެ ކުޑަކޮށް، ތަންފީޒީ މަސައްކަތްތަކުގެ ތެރެއިން އާމްދަނީ ލިބުނު މިންވަަރު ސަރުކާރުން ވަރަށް ބޮޑަށް އިތުރުކޮށްފި އެވެ.
މި އަދު ސަރުކާރުން އާންމުކުރި ދައުލަތުގެ ހަރަދުބަރަދާއި އާމްދަނީގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބުނީ 29.1 ބިލިއަން ރުފިޔާ އެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 455 މިލިއަނެއްހައި ރުފިޔާ އިތުރު އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް ހަރަދުކުރެވިފައިވަނީ 38.9 ބިލިއަން ރުފިޔާ އެވެ. ނިމުނު އަހަރުވެސް 38.9 ބިލިއަން ރުފިޔާ ހަރަދުވި އެވެ. ނިމުނު އަހަރަށްވުރެ މި އަހަރު ހަރަދަށް އިތުރުވީ އެންމެ 75 މިލިއަނެއްހައި ރުފިޔާ އެވެ. ކުރިން ކޮންމެ އަހަރަކުވެސް ނިމުނު އަހަރަށްވުރެ ބިލިއަނުން ހަރަދު އައީ އިތުރުވަމުންކަން ފާހަގަކުރެވެ އެވެ.
ގާނޫނު އެކަށީގެންވާ ގޮތުގައި ތަންފީޒުނުކުރެވިގެން ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބި ހުރި އެތައް ދާއިރާއަކުން މި އަހަރު އާމްދަނީ އިތުރުކޮށްފައިވާކަނަް މާލީ ހިސާބުތަކުން ދައްކަ އެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީއާއި، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފަައިވާ ބިންތަކުގެ ކުލިން ލިބުނު އާމްދަނީ މި އަހަރު އިތުރުވެފައިވާކަން ހިސާބުތަކުން އެނގެ އެވެ.
ނިމުނު އަހަރު ބިދޭސީންގެ ކޯޓާ ފީގެ ގޮތުގައި އޮކްޓޯބަރުގެ ނިޔަލަށް ދައުލަތަށް ލިބުނީ 186.4 މިލިއަން ރުފިޔާ އެވެ. މި އަހަރު އެ ނިސްބަތްވަނީ 316.3 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އެހެންކަމުން މިއީ ގާތްގަނޑަކަށް %70 އިތުރުވުމެކެވެ.
ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ބިމުގެ ކުލީގެ ގޮތުގައި ފާއިތުވި އަހަރު ލިބުނީ 1.3 ބިލިއަން ރުފިޔާ އެވެ. މި އަހަރު އެ އަދަދުވަނީ 1.4 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އެހެންކަމުން މި އަހަރު ޓޫރިޒަމް ބިންތަކުގެ ކުލީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދުވަނީ %7.6 އިތުރުވެފަ އެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ އިތުރަށް ކުރި ޖުމްލަ ހަރަދު ނުވަތަ ޖުމްލަ ޑެފިސިޓަކީ 9.8 ބިލިއަން ރުފިޔާ އެވެ. ނިމުނު އަހަރުގެ އޮކްޓޯބަރު މަހުގައި އެ އަދަދު ހުރީ 10.2 ބިލިއަން ރުފިޔާގަ އެވެ. އެހެންކަމުން މި އަހަރު ޖުމްލަ ބަޖެޓު ޑެފިސިޓުވަނީ 378 މިލިއަން ރުފިޔާއިން ކުޑަކުރެވި %3.6 ދަށްވެފަ އެވެ.
ޖުމްލަ ބަޖެޓު ޑެފިސިޓުގެ އިތުރަށް ދަރަނި އަދާކުރުމަށް ހަަރަދުވި 3.8 ބިލިއަން ރުފިޔާ ހަރަދުން އުނިކުރުމަށްފަހު ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި މި އަހަރު ރެކޯޑުކުރެވިފައިވަނީ ހަ ބިލިއަން ރުފިޔާ އެވެ. އެއީ ނިމުނު އަހަރަށްވުރެ 300 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް ސީދާ ލޯނު ދެއްކުމަށް ދެ ބިލިއަން ރުފިޔާ ހަރަދުވި އެވެ. އަދި ފައިނޭންސްކުރުމާއި އިންޓަރެސްޓުގެ ހަރަދުގެ ގޮތުގައި 3.8 ބިލިއަން ރުފިޔާވަނީ ހަރަދުކުރެވިފަ އެވެ. މި އަހަރުގެ މިހާތަނަށް ދަރަނި އަދާކުރަން ގާއިމުކުރި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް 949 މިލިއަން ރުފިޔާ ޑޮލަރުންވަނީ ޖަމާކޮށްފަ އެވެ.