އަންނަ އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ކަނޑައަޅާފައިވެ އެވެ. އަދި އެ ފިޔަވަޅުތައް ވަނީ އަޅަން ފަށާފަ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރަން ކުރި އެއްވެސް ކަމެއް ފެންނަން ނެތް ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ފާޑު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ ސަރުކާރަކީ މިހާތަނަށް އައި އެންމެ ދެއުޅި އެއްނުވާ ސަރުކާރު ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރަން އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށެވެ.
"ހަތް ބިލިއަން ބޮޑު ބަޖެޓެއް. މުވައްޒަފުންގެ ހަރަދު 14 ބިލިއަން. މި އަހަރަށްވުރެ 30 ޕަސެންޓް ބޮޑު. އަންނަ އަހަރު 50،605 މުވައްޒަފުންނަށް ހަރަދު ކުރާނެ ކަމަށް ވޭ. މިއިން ސާފުވަނީ 2200 އަށްވުރެ ގިނަ ސިޔާސީ މީހުން ތިބިކަން. ސިޔާސީ ގޮތުން އައްޔަންކޮށްފަ ތިބި މީހުން ގިނަ،" މީކާއީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަބްސިޑީތައް ކަނޑާލާ ކަމަށާ ޓާގެޓެޑް ސަބްސިޑީއަކަށް ދާން ތާއީދު ކުރާ ކަމަށެވެ. ނަމަވެސް އެކަމަށް ސަރުކާރުން ތައްޔާރުވެފައި ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ސަބްސިޑީ ތަކަށް ކުރާ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރުމާއެކު ދައުލަތުން އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދު އިތުރުކޮށްފައިވެ އެވެ.
ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ އެކި ހިދުމަތްތަކާއި މުދަލުގެ އަގުތައް ހެޔޮކުރުމަށް ސަރުކާރުން ކޮންމެ އަހަރަކުވެސް ސަބްސިޑީގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއް ހަރަދުކުރެ އެވެ. މައިގަނޑު ގޮތެއްގައި ސަބްސިޑީ ދެނީ ހަތަރު ދާއިރާއަކުންނެވެ. ސަބްސިޑީތައް ދެމުން އަންނަނީ ހިދުމަތާއި މުދާ ފޯރުކޮށްދޭ ކުންފުނިތަކަށެވެ. އަންނަ އަހަރުން ފެށިގެން ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ފައިސާ ދިނުމުގެ ބަދަލުގައި މުހިއްމު ބައެއް ސަބްސިޑީތައް ސީދާ އެންމެ ބޮޑަށް ހިދުމަތާއި މުދާ ހެޔޮ އަގުގައި ލިބުން މުހިއްމުވާ މީހުންނަށް ފައިސާ ދޭން ފެށުމަށް ބަޖެޓުކޮށްފައިވެ އެވެ. މި ބަދަލަކީ މި އަހަރަށް ލަފާކޮށް ކުރީ ސަރުކާރުން ނިމުނު އަހަރު ހުށަހެޅި ބަޖެޓުގައިވެސް ހިމެނި ބަދަލުތަކެކެވެ. އެންމެ ބޮޑު ހަރަދެއް ހިނގާ ތެލުގެ ސަބްސިޑީ އަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. 2023 ވަނަ އަހަރު 1.9 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީ އަށް ހޭދަވި އެވެ. އަދި މި އަހަރުގެ ނިޔަލަށް 2.2 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވެ އެވެ.
ކާބޯތަކެތީގެ އަގުހެޔޮކުރަން ނިމުނު އަހަރު 311.6 މިލިއަން ރުފިޔާ ހަރަދުވިއިރު މި އަހަރު 352.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމުގައި އަންދާޒާކުރެވެ އެވެ. އަންނަ އަހަރު ގެންނަ ބަދަލާއެކު ހަރަދުވާނެކަމަށް ލަފާކުރެވެނީ 93.1 މިލިއަން ރުފިޔާ އެވެ.
ކަރަންޓު އަގުހެޔޮކުރަން ނިމުނު އަހަރު 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި އަހަރު 794.9 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވެ އެވެ. އަންނަ އަހަރު އެ އަދަދު 379.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމުގައި ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. އޭގެ އިތުރަށް މަސްވެރިންނަށް ދޭ ސަބްސިޑީއަށް އަންނަ އަހަރު ހަރަދުކުރާނީ 210 މިލިއަން ރުފިޔާ އެވެ. ނިމުނު އަހަރު 316.6 މިލިއަން ރުފިޔާ ހަރަދުކުރިއިރު މި އަހަރު 413.2 މިލިއަން ރުފިޔާ އެ ސަބްސިޑީއަށް ހަރަދުވާނެ ކަމުގައި ބެލެވެ އެވެ.
ސަބްސިޑީތަކަށް ކުރާ ހަރަދުތައް ވަރަށް ބޮޑަށް މަދުކުރިއިރު، އަމިއްލަ ފަރާތްތަކަށް އެހީގެ ގޮތުގައި ފައިސާ ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ފައިސާގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. ނިމުނު އަހަރު 311.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި އަހަރު 301.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމުގައި ލަފާކުރެވޭއިރު އަންނަ އަހަރަށް 1.2 ބިލިއަން ރުފިޔާވަނީ ބަޖެޓުގައި ހިމަނާފަ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 39.7 ބިލިއަން ރުފިޔާ އެވެ. މީގެ ތެރޭން 29.2 ބިލިއަން ރުފިޔާއަކީ ޓެކުހުގެ އާމްދަނީ އެވެ. އަންނަ އަހަރު އޯވަރޯލް ޑެފިސިޓް ހުންނާނީ 9.3 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 7.8 ޕަސެންޓެވެ. އަންނަ އަހަރު މެދުރާސްތާގައި އޯވަރޯލް ބަޖެޓުގެ ޕްރައިމެރީ ޑެފިސިޓް ޖީޑީޕޫގެ ނިސްބަތުން ފަސް ޕަސެންޓަށްވުރެ ކުޑަވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ސީދާ ދަރަނި ހުންނާނީ 137 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 114 ޕަސެންޓުގަ އެވެ.