އަހަރުމެން ސޯޝަލް މީޑިޔާ ބޭނުންކުރާ ގޮތާއި ޓެކްސްޓު މެސެޖުކުރާ ގޮތާއި ވީޑިޔޯ ފުލުފުލުގައި ބަލަމުންދާ ގޮތުގެ ސަބަބުން ޓެކްނޮލޮޖީއާއި އެކަނިވެރިކަމުގެ އިހުސާސް ގުޅި ލާމެހިފައިވާކަމަށް ބާހިސުން ވިދާޅުވެ އެވެ.
ނިމުނު ހޫނު މޫސުމުގައި އެމެރިކާގެ ހަވަޑް ޔުނިވަސިޓީގެ ބާހިސާއެއް ކަމުގައިވާ ލޯރާ މާޝިއާނޯ ފުރާވަރުގެ 500 ކުދިންނާ އިންޓަވިއުކުރީ ޓެކްނޮލޮޖީއާއި އެކަނިވެރިކަމުގެ މެދުގައި އޮތް ގުޅުން ތަހުގީގުކުރުމަށް ހަދަމުންދާ ދިގު މުއްދަތުގެ ދިރާސާއަކަށް މައުލޫމާތު އެއްކުރާށެވެ. ދިރާސާއިން އެއްކުރެވުނު މައުލޫމާތުތަކުން ގެނުވީ ސިހުމެވެ.
އިންސްޓަގްރާމް އިންފުލުއެންސަރުންގެ އެހީތެރިކަމާއެކު ދިރާސާގައި ބައިވެރިކުރި ކުދިން ހަފުތާއަކަށްފަހު ހަފުތާއަކު ފުރިހަމަކުރި ސާވޭތަކުގައި ބުނެފައިވަނީ އެ ކުދިންގެ ތެރެއިން 50 އިންސައްތަ ކުދިން ފާއިތުވި ގަޑިއިރެއްހައި އިރުގެ ތެރޭގައި އޮންލައިންކޮށް ނުވަތަ މޫނާއި މޫނު ދިމާވާ ގޮތަށް އެއްވެސް މީހަކާ ވާހަކަނުދައްކާ ކަމަށެވެ.
އެހެން ގޮތަކަށް ދަންނަވާނަމަ ސްކޫލު ބަންދުގައި، ސޯޝަލް މީޑިޔާ އެޕްތަކުގައި އެކުދިން ލައްކަ ވަގުތު ހޭދަކުރެ އެވެ. ނަމަވެސް ސޯޝަލައިޒްވުމުގައި ނުވަތަ އިޖުތިމާއީ ގުޅުންތަކުގެ ތެރޭގައި އެކުދިން ހޭދަކުރަނީ މަދު ވަގުތުކޮޅެކެވެ.
ފާއިތުވި އަހަރު އެމެރިކާގެ ސާޖަން ޖެނެރަލް ޑރ.ވިވެކް މުރްތީވަނީ އެ ގައުމުގައި އެކަނިވެރިކަމުގެ ބަލިމަޑުކަމެއް ފެތުރިފައިވާކަން އިއުލާނުކުރައްވާފަ އެވެ. ދިރާސާތައް ދައްކާ ގޮތުން އެމެރިކާގެ ކޮންމެ ދެ މީހަކުން ކުރެ އެކަކީ އެކަނިވެރިކަން އިހުސާސްކުރާ މީހެކެވެ.
މި އެކަނިވެރިކަމުގެ ސަބަބުތައް ދެނެގަތުމަށް އެމެރިކާއާއި އަދި އެނޫންވެސް ގައުމުތަކުގައި ދިރާސާތައް ހެދިފައިވެ އެވެ. އެ ދިރާސާތަކުން ފެންނަ ހަގީގަތަކީ ސްމާޓް ފޯނު އާންމުވެ މީސްމީޑިޔާ ޕްލެޓުފޯމުތައް ތައާރަފުވުމާއެކު އިޖުތިމާއީ ގުޅުންތަކަށާއި އެއްބަޔަކު އަނެއްބަޔަކާ މުއާމަލާތްކުރާ ގޮތަށާއި އުރުފުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެ އެވެ. ކުރިއަށްވުރެ މީހުން އެކަކު އަނެކަކާ ސީދާ މުއާމަލާތްކުރާ މިންވަރު މަދުވެ ޓެކްސްޓު މެެސެޖުތައް ބޭނުންކުރުން އިތުރުވެފައިވެ އެވެ. އިންސްޓަގްރާމާއި ޓިކްޓޮކް ފަދަ މަންސަތައް އާންމުވެ، އެ ތަންތަނުގައި މީސްމީހުންގެ އަސްލު ސޫރަ ނޫން އެހެން ސޫރައެއް ދެއްކުން މިހާރުވަނީ އާންމުވެފަ އެވެ.
ދިރާސާތައް ބުނަނީ ކީކޭތޯ ބަލާއިރު ޓެކްނޮލޮޖީއާއި އެކަހެރިކަމުގެ މެދުގައި ސަބަބިއްޔަ ގުޅުމެއް އޮތްކަން ދިރާސާތަަކުން ސާބިތުނުވި ނަމަވެސް އެ ދެ ކަމުގެ މެދުގައި ގުޅުމެއް އޮތްކަން ސާފުވެ އެވެ. އެގޮތުން ދިރާސާތަަކުން ފެނުނު ގޮތުގައި ވަކި ގޮތަކަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރާ މީހުންގެ މެދުގައި އެކަހެރިކަން ނިސްބަތުން އިތުރެވެ.
ޓެކާއި އެކަނިވެރިކަމުގެ ގުޅުން ދެނެގަތުމަށް ހެދުނު އެންމެ ޝާމިލު އެއް ދިރާސާއަކީ ޑރ.މާޝިއާނޯއާއި އޭނާގެ ބައިވެރިން ހައްދަވަމުންދާ ދިރާސާ އެވެ. އެ ދިރާސާގައި ފާހަގަކުރި ގޮތުގައި އާންމު ދިރިއުޅުމުގައި އަދި ސޯޝަލް މީޑިޔާގައިވެސް ތިމާއާއި އެހެން މީހުންގެ މެދުގައި އަޅައިކިޔުމަކީ އިންސާނީ ތަބީއަތެވެ. ސައިކޮލޮޖިސްޓުންގެ މުސްތަލަހުގައި މިއީ ސޯޝަލް ކޮމްޕެރިޒަަން އެވެ.
ނަމަވެސް ކުރިއާ ހިލާފަށް ސޯޝަލް މީޑިޔާގެ ވަސީލަތްތަކާއެކު މި އަޅައިކިޔުން މުޅިން އެހެން ދަރަޖައަކަށް ފުޅާވި އެވެ. ތިމާގެ ޕޯސްޓުތަކަށް ލިބޭ ލައިކުތަކާއި ކޮމެންޓުތަކާއި އެހެން މީހުންގެ ޕޯސްޓުތަކަށް ލިބޭ ލައިކާއި ކޮމެންޓުތައް އަޅައިކިޔަނީ އެވެ. އިންފުލެއެންސަރުންގެ ރީތިކަމާއި ހަށިގަނޑާއި ތިމާމީހެގެ ބުރުސޫރަ އަޅައިކިޔަނީ އެވެ. އަލަށް ދަރިން ލިބޭ މީހުން އެމީހުންގެ ދަރިންގެ ހެދިބޮޑުވުމާއި އެހެން މީހުންގެ ދަރިންގެ ހެދިބޮޑުވުންވެސް އަޅައިބަލަނީ އެވެ.
އޭގެ ޒާތުގައި އެހެން މީހުންނާ އަޅައިކިޔުމަކީ ގޯހެއް ނޫނެވެ. ކިޔެވުމާއި މަސައްކަތުގައި ކާމިޔާބު މީހުންނާ ތިމާގެ ނަފްސު އަޅައިކިޔުމަކީ އިތުރަށް މަސައްކަތްކޮށް އިތުރު ކާމިޔާބީ ހޯދުމަށް ބާރުއަޅާ ކަމެކެވެ. އޮކްލަހޯމާ ޔުނިވާސިޓީގައި 2018 ވަނަ އަހަރު ސޯޝަލް މީޑިޔާއާ ގުޅޭ ގޮތުން ދިރާސާއެއް ހެދި ޓީމެއްގެ އިސްވެރިޔަކަށް މަސައްކަތްކުރެއްވި ޝިއާ-ޝެން ޔަންގް ދެކެވަޑައިގަންނަވާ ގޮތުގައި ހައްލަކީ އެހެން މީހުންނާ އަޅައިކިޔުން އެއްކޮށް ހުއްޓައިލުމެއް ނޫނެވެ.
ނަމަވެސް އެހެން މީހުންނާ އަޅާކިޔާއިރު ހަސަދަވެރިކަން އުފެދޭ ޒާތުގެ ކަންކަމުގައި އަޅައިކިޔުން ހުއްޓައިލަންޖެހޭ ކަމށް ޔަންގް ވިދާޅުވި އެވެ. އެގޮތުން ރީއްޗާއި، މަގުބޫލުކަން ފަދަ ކަންކަމަކީ އަޅައިކިޔުމުގެ މިންގަނޑުތަކަށް ވެއްޖެނަމަ އެކަމުން ނުކުންނާނީ ނޭދެވޭ އަސަރުތަކެއް ކަމުގައި އޭނާ ފާހަގަކުރައްވަ އެވެ.
ސޯޝަލް މީޑިޔާ ބޭނުންކުރުމުގައި އުފެއްދުންތެރި އީޖާދީ މުހިއްމު މައުލޫމާތުތައް ހިއްސާކުރާ ފަރާތްތަކުގެ ޕޯސްޓުތައް ބަލައި ހެދުމުން ފުރާވަރުގެ ކުދިންގެ މެދުގައި ސޯޝަލް މީޑިޔާއިން އީޖާބީ ވިސްނުމާއި އިހުސާސްތައް އުފައްދާ މިންވަރު ގިނަކަން ޔަންގްގެ ދިރާސާއިން ފެނުނެވެ. ނަމަވެސް ސޯޝަލް މީޑިޔާ ބައްޓަންކޮށްފައި އޮންނަނީ ހަސަދަވެރިކަން އުފެދޭ ގޮތަށެވެ. "ވެލިޑޭޝަން" ނުވަތަ އެހެން މީހުންގެ ރުހުމާއި ލޯބި ހޯދުމަކީ ސޯޝަލް މީޑިޔާ ބޭނުންކުރުމުގެ މައިގަނޑު މަގުސަދަށްވާ ގޮތަށެވެ. ޝެއާތަކާއި ކޮމެންޓާއި ލައިކްތައް ހޯދަން ބޭނުންވުމަކީ އެ ޕްލެޓުފޯމުތައް ބައްޓަންކޮށްފައިވާ ގޮތުގެ މައިގަނޑު އުންސުރެކެވެ.
ޑިޖިޓަލް މުވާސަލާތާ ގުޅޭ ގޮތުން ހެދިފައިވާ ދިރާސާތައް ދައްކާ ގޮތުން ފޯނު ކޯލާއި ވީޑިޔޯ ކޯލާއި ޓެކްސްޓުކުރުން ފަދަ މުވާސަލާތީ ވަސީލަތްތަކުގެ ތެރެއިން އެކަނިވެރިކަމުގެ އިހުސާސް އުފެއްދުމުގައި އެންމެ ބޮޑު ދައުރެއް އޮތީ ޓެކްސްޓު މެސެޖުކުރުމަށެވެ.
ޑރ.މާސިއާނޯގެ ދިރާސާއިން އެނގޭ ގޮތުގައި ފުރާވަރުގެ ކުދިންގެ މެދުގައި ޓެކްސްޓުކުރުމާ ގުޅޭ ގިނަ އެންޒައިޓީތަކެއް އުފެދިފައިވެ އެވެ. ރަހުމަތްތެރިއަކު ޓެކްސްޓަކަށް ޖަވާބުދޭން ދިގު ވަގުތެއް ނަގައިފިނަމަ އެކަމުންވެސް އެންޒައިޓީ އުފެދޭ ކުދިން ގިނަ އެވެ. "ވައިބް"ގެ މައްޗަށް ސިކުނޑީގެ ހަމަޖެހުން ބަރޯސާވާއިރު ޓެކްސްޓުކުރުމަކީ އެންމެ އުދަގުލުން އެބުނާ ވައިބެއް ދެނެގަނެވޭ މުވާސަލާތީ އާލަތެވެ.
އެހެންކަމުން އެކަނިވެރިކަން ދަށްކުރުމަށް އޯޑިއޯ ކޯލާއި ވީޑިޔޯ ކޯލު ނުވަތަ އޯޑިޔޯ މެސެޖުތައް ބޭނުންކުރެވިދާނެ ކަމުގައި ޑރ.މާސިއާނޯ ވިދާޅުވެ އެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ފޯނު އަތުން ދޫކޮށްލައި މޫނާއި މޫނު ދިމާވާ ގޮތަށް ބައްދަލުވެ އެކުގައި ވަގުތު ހޭދަކުރުން ކަމާމެދު ޝައްކެއް ނެތެވެ.
ކޮވިޑުގެ ތެރޭގައި ސައިންސްވެރިން ދިރާސާކުރަން ފެށި އަނެއްކަމަކީ ފުލުފުލުގައި ވީޑިޔޯ ބެލުމުގެ ސަގާފަތާއި އެކަނިވެރިކަމުގެ މެދުގައި ގުޅުމެއް އޮވޭތޯ އެވެ. ޔޭލް ޔުނިވަސިޓީން އެތައް ދިރާސާއެއްގެ ރިވީއެއް ތައްޔާރުކޮށް އެކުލަވައިލި ދިރާސާގައި ފާހަގަކުރާ ގޮތުގައި އެކި ޒާތުގެ ވީޑިޔޯތައް ފުލުފުލުގައި ބަލާ ބޮޑެތި މީހުންގެ މެދުގައި އެކަަނިވެރިކަމާއި އެންޒައިޓީގެ މައްސަލަތައް އެކަން ނުކުރާ މީހުންގެ މެދުގައި އެ މައްސަލަތައް އޮންނަ މިންވަރަށްވުރެ ގިނަ އެވެ.
މި ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ދެވިހިފުމުގެ ދާއިރާގެ ހަބީރު ޑރ.މާކް ޕޮޓެންޒާ ވިދާޅުވީ ނެޓްފްލިކްސް، ޓިކްޓޮކް އަދި އިންސްޓަގްރާމް ރީލުތައް ފުލުފުލުގައި ބެލުމަކީ އެހެން މީހުންނާ ގުޅުން ބާއްވައި ހެލިފެލިވެ ހަރަކާތްތެރިވުމަށް އެޅޭ ހުރަހެއް ކަމަށެވެ. އަދި އެއީ އެތައް ވަގުތެއް އެކަމުގައި ހޭދަވެ ހަގީގީ ދުނިޔެއިން މީހާ ބޭރުކޮށްލާ ކަމެއް ކަމަށެވެ.
ސްކްރީނަށް ބަލައިގެން މިހާ ވަގުތު ހޭދަކުރުމުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް މީހާއަށް ގެއްލުންވެ އެވެ. އަދި ހާއްސަކޮށް ލައިފްސްޓައިލް ކޮންޓެންޓު ބެލުމުގައި ގިނަ ވަގުތު ހޭދަކުރުމަކީ މީހާގެ ވިސްނުމަށް އެކަމުން ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއްކަަން ދިރާސާތަކުން ސާބިތުވެ އެވެ.
މި ހުރިހާ ހަގީގަތަކަށް ބަލާއިރު ޒިންމާދާރު ގޮތުގައި އަމިއްލަ ނަފްސަށް އެންމެ ގެއްލުން ކުޑަވާނެހެން ސޯޝަލް މީޑިޔާ ބޭނުންކުރަން ދަސްކުރަންޖެހެ އެވެ. އަދި ހާއްސަކޮށް ފުރާވަރުގެ ކުދިންނަށް މި ހުނަރު ދަސްކޮށްދީ މިކަމުގައި ހުރި ނުރައްކާތައް ބުނެދޭންޖެހެ އެވެ.