ދޭތެރެ ދޭތެރެއިން ދާއިންގެ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮހެލަމުން ދާއިން ގެންދިޔަ އިރު، އޭނާގެ ހިތް ހީވަނީ ހިތާމައިގެ ވޭނުން ފިސްފިސް ވެދާނެހެންނެވެ
- އެޕިސޯޑް 75 –
"ލީޒާ... ޕްލީޒް.. ހިތްވަރު ކުރޭ!"
ދާއިން މަސައްކަތް ކޮށްލީ ލީޒާއަށް ހިތްވަރެއް ދެވޭތޯއެވެ. ލީޒާ އަޑުގެ ނެތްކޮޅަށް ރޮމުން ދިޔައިރު، އޭނާ އެތައް އިރަކު އެ އިޙްސާސްތައް ބަންދުކޮށްފައިވާކަން ދާއިންއަށް އިޙްސާސް ވިއެވެ. ދާއިން މަޑުމަޑުން ލީޒާގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. ލީޒާ ހިތް ފުރޭ ވަރަށް ރޯލަން ފުރުސަތު ދެމުންނެވެ. ދާއިން ނުބުންޏެއް ކަމަކު، އަކްޔަންއާ ވަކި ވާކަށް ދާއިން ވެސް ބޭނުމެއް ނުވެއެވެ. ޝަރާގެ ހުރި ހަމަ އެކަނި ހަނދާން ކަމުގައިވާ އަކްޔަންގެ ގާތުގައި އަބަދުވެސް ހުންނަން ދާއިން ބޭނުން ވެއެވެ. އެގޮތުން ކުޑަ ވަގުތު ކޮޅެއް ލިބޭ އިރަށް، އަކްޔަންގެ ގާތަށް އާދެވެނީ ވެސް އެހެން ވެގެންނެވެ.
"ދާއިން.."
ކުއްލިއަކަށް ލީޒާ ރުއިން ހުއްޓާލަމުން ބަލައިލީ ދާއިންގެ މޫނަށެވެ.
"ކީކޭ ލީޒާ؟"
ދާއިން އަހައިލިއެވެ.
"އަޔާޒްއާ ގުޅުންތަ؟ އަޔާޒްގެ ޚަބަރެއް ވިތަ؟ އަޔާޒްއަށް އެއްވެސް ކަމެއް އެންގިންތަ؟"
ލީޒާ ފައްޗަކަށް ސުވާލު ތަކެއް އަމުނާލިއެވެ. ހަމައެކަނި ބޭނުންވީ އަޔާޒަށް އެެއްވެސް ކަމެއް އެނގޭތޯ ބަލާށެވެ.
"ގުޅިން، އެކަމަކު ފޯނެއް ނުނަގާ.."
ދާއިން ހިންދުރުވާލިއެވެ. އަޔާޒްގެ އަންހެނުން ފޯނު ނަގާފައި ކަންތައް ހިނގާ ދިޔަ ގޮތް ލީޒާ ގާތުގަ ބުނަން ދާއިން ބޭނުން ނުވީއެވެ.
"އެކަމު، އަހަރެމެން އެބަ ޖެހެއެއްނު އަޔާޒަށް ގުޅަން... އަޔާޒް ފޯނަށް ޖަވާބު ނުދެންޏާ، އަހަރެމެން އެ ދަރިފުޅާ ހަވާލު ވާން ވީނު؟ އޭރުން އަހަރެން އަކްޔަން ބަލާނަން.."
ލީޒާގެ ވާހަކަތަކުން އޭނާ އަކްޔަން ބޭނުން ވެފައިވާ ވަރު ދާއިންނަށް އިޙްސާސް ވަމުން ދިޔައެވެ.
***
މުޅިން އައު ދުވަހަކަށް ދުނިޔެއަށް އިރު މަރުޙަބާ ކިޔައިފިއެވެ. އަޔާޒް އޭނާގެ ބޮލުގައި އަތް ޖައްސައިގެން، އެނދުގެ އެއް ފަރާތުގައި އިށީންދެގެން އިން އިރު، އޭނާގެ ކުރިމަތީގައި ސުހާ ހުރީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. ދާއިންގެ ފަރާތުން އައި ކޯލަކަށް ސުހާ ޖަވާބު ދިންކަން އަޔާޒަށް އެނގުމުން، އަޔާޒް ވަރަށް ރީތިކޮށް ކޯލްގައި ވީ ގޮތް ސުހާ ގާތުގައި އެހުމުން، އެކަން ވެގެން ދިޔައީ ބޮޑު ޒުވާބަކަށެވެ. އެތައް އިރަކު ސުހާ ހުއްޓާ ނުލައި އަޔާޒަށް ބަވާ ނެގިއެވެ. އެންމެ ފަހުން އަޔާޒަށް ޖެހުނީ "ދެން އޯކޭ އޭ" ބުނެ ނިންމާލާށެވެ. އެވަރުން ވެސް ސުހާ ޒުވާބު ހުއްޓާލީ ވަރަށް އެއްޗެހިތައް ގޮވާފައެވެ.
"ސުހާ. ހިނގާ ދާން ދޯ؟"
އަޔާޒް ބަލައިލީ އޭނާގެ ކުރިމަތީގައި ކޮޅަށް ހުރި ސުހާގެ މޫނަށެވެ. އޭރު ސުހާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅެމުން ދިޔައެވެ. ޖަވާބުގައި ސުހާ ބޯ ޖަހައިލިއެވެ.
މިއަދަކީ ސުހާ އާއި އަޔާޒް ރާއްޖެ އެނބުރި އަންނަން ފުރާ ދުވަސް ކަމުން، އެ ދެމީހުން ގެއިން ނުކުތީ އެއާޕޯޓަށް ދިޔުމަށްޓަކައެވެ. ސުހާ އާއި އަޔާޒް އަންނާތީ އެކަމުގެ ތައްޔާރީތައް ޒީމާ ގެންދިޔައީ މާލޭ ކޮޅުން ހަމަޖައްސަމުންނެވެ. ގޭތެރެ ޒީނަތްތެރިކޮށް، މީރުހާ ކާ އެއްޗެހި ހަދަން ޒީމާ ހުރީ ނިންމައިގެންނެވެ.
އެއާޕޯޓަށް ދިޔަ މަގުމަތީގައި ވެސް ސުހާގެ ވިސްނުމުގައި ވަރަށް ގިނަ ކަންކަން އެނބުރެމުން ދިޔައެވެ. އުފާވެރި ކަމާއި އެކު ކޮންމެ ވަރަކަށް ހާސް ކަމެއް ސުހާއަށް ވެރިވަމުން ދިޔައެވެ. ދުވަހަކު ވެސް އަޔާޒްއާ ދިމާލަށް ނުކިޔޭހާ އެއްޗެހި މިއަދު ކިޔުނީތީއެވެ. އަދި އެހާ އަޑު ބާރުކޮށް ގިނަ އިރު ތަކަކު ޒުވާބު ކުރެވުނީތީއެވެ. ސުހާ އަށް އެހެން އެކަން ވީ ކީއްވެ ކަމެއް ސުހާ އަކަށް ވެސް ނޭނގުނެވެ. ނަމަވެސް ސުހާއަށް އެނގޭހާ ވެސް އެއްޗަކީ އޭނާ އަޔާޒްއާ އެކުގައި ދިރިއުޅެން ބޭނުން ނުވާ ކަމެވެ. ލޯބި ވަނީ ހަމަ އެކަނި ވާރިޝް ދެކެ ކަމެވެ. ނަމަވެސް ހިތަށް ނުތަނަވަސް ކަމެއް އަންނަ ވަރުން، އެންމެ ފަހުން ސުހާ ހިފައިލީ އަޔާޒްގެ އަތުގައެވެ. ދެމީހުން ވެސް ތިބީ ކާރުގެ ފަހަތު ސީޓުގައެވެ. އަޔާޒް ބަލައިލީ ސުހާގެ މޫނަށެވެ.
"އައިމް ވެރީ ސޮރީ.. މިއަދު ވީ ކަންތަކަށް.. މާލެ ގޮސްފަ އަޔާޒް ރުޅި އަންނަ ވަރު ކަމެއް އަހަރެން ނުކުރާނަން.."
ސުހާ މާފަށް އެދުމާ އެކުގައި އަޔާޒް ލުއިކޮށް ހީނލިއެވެ.
"އިޓްސް އޯކޭ.."
އަޔާޒްގެ އަތް މަޑުމަޑުން ސުހާގެ އަތުގެ ތެރެއަށް ލަމުން އަޔާޒް ބުނެލިއެވެ. އެއާ އެކުގައި ސުހާ އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. އަޔާޒްގެ އަތް ދުރުކޮށްލަމުންނެވެ. އަޔާޒް އިތުރަށް އެކަމާ އެއްވެސް ވަރަކަށް އަޅައެއް ނުލައެވެ.
***
ދާއިން ތައްޔާރު ވެލައިގެން ހޮސްޕިޓަލަށް ދިޔުމަށްޓަކައި ކޮޓަރިން ނުކުންނަން ހިނގައިގަތީ، އެނދުގައި އޮތް އަކްޔަންގެ ކޮލަށް ބޮސް ދިނުމަށްފަހުގައެވެ. ކޮޓަރީގެ ދޮރުގެ ތަޅުގެ ހިފާލި ވަގުތަކީ ދާއިންގެ ފޯނު ރިންގުވާ ފެށި ވަގުތެވެ. ގުޅަމުން ދިޔައީ ހޮސްޕިޓަލުން ކަމުން ދާއިން ވަރަށް އަވަހަށް ފޯނަށް ޖަވާބު ދިނެވެ.
"ހަލޯ!"
ދާއިން ވަރަށް އަވަސްކޮށް ބުނެލިއެވެ. އެކޮޅުން ދައްކަމުން ދިޔަ ވާހަކަ ތަކުން ދާއިންގެ މޫނު މައްޗަށް އަލި ކަމެއް ލިބުނެވެ. ތުންފަތުން އުފާވެރި ކަމެއް ފައުޅުވެގެން ދިޔައެވެ. ދާއިން ވަގުތު ކޮޅަކު ހުއްޓުން އަރާފައި ހުރެ އެކޮޅުން ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަމުން، އަސްލުތަ، ތެދެއްތަ ފަދަ ސުވާލުތައް ކުރަމުން ގެންދިޔައެވެ.
އެނދުގައި އޮތް ލީޒާ ވެސް ކޮޅަށް ތެދުވެއްޖެއެވެ. ވީ ކީއްތޯ ބަލާށެވެ. ލީޒާ ބަލަން ހުރީ ހައިރާން ކަމާއެކުގައި ދާއިންގެ މޫނަށެވެ. އެނދުގައި އޮތް އަކްޔަން ހީނލި އަޑު އަހާފައި، ލީޒާއަށް ކުއްލިއަކަށް ބަލައިލެވުނީ އެނދުގައި އޮތް އަކްޔަންގެ މޫނަށެވެ. އެ ތުއްތު ފުރާނަ ވެސް އޮތީ އުފަލުންނެވެ. ހިނިއައިސްގެން މަޖާ ވެގެން އުޅެނީއެވެ.
"އަޅެ ކިހިނެއްތަ ވީ؟"
ދާއިން ފޯނު ބޭއްވުމާ އެކުގައި ލީޒާ ވަރަށް ހާސް ވެގެން ހުރެ އަހައިލިއެވެ.
"އަލްޙަމްދުﷲ... އަލްޙަމްދުﷲ.. އެ ގުޅީ އަހަރެންގެ ފްރެންޑް.. ހޮސްޕިޓަލްގަ ހުރި.. އެނގޭތަ ބުނި އެއްޗެއް؟ ޝަރާ ހޭ އަރައިފި.. ވާހަކަ ވެސް ދައްކާ.. އިތުރަށް ނޭނގެ.. އަހަރެން މިދަނީ ހޮސްޕިޓަލަށް.."
ދާއިން ވަރަށް އަވަސްކޮށް ލީޒާއާ ފުރަގަސްދީ، ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލިއެވެ. ލީޒާ ހިފައިލީ ދާއިންގެ އަތުގައެވެ.
"މަޑުކޮށްބަލަ! އަހަރެން ވެސް ދާނަން.. އަކްޔަން ވެސް ގޮވައިގެން ދާނީ.. ޝަރާ ބޭނުން ވާނެ އަކްޔަން ބަލާލަން.."
ލީޒާ އަވަސްވެ ގަތީ އެނދުގައި އޮތް އަކްޔަން އުރާލާށެވެ.
ކާރުގައި ދުއްވާފައި ހޮސްޕިޓަލަށް ދިޔައިރު، ދާއިން ހުރީ ޝަރާއާ ވާހަކަދައްކަން ވަރަށް ބޭނުން ވެފައެވެ. ޝަރާއާ ހިއްސާ ކުރަން ބޭނުންވާ އެތައް ވާހަކަ ތަކެއް އެބަހުއްޓެވެ. އެ ވާހަކަތައް ޝަރާއަށް ހިއްސާ ނުކޮށް ޝަރާއާ ވަކިވެގެން ދިރިއުޅޭކަށް އެއްވެސް ޙާލެއްގައި ދާއިން ބޭނުމެއް ނުވެއެވެ.
***
ވަގުތުތައް ހޭދަ ވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ހުޅުލޭ އެއާޕޯޓަށް ފްލައިޓް ޖެއްސި އިރު، އަޔާޒް އާއި ސުހާއަށް މަރުޙަބާ ކިޔުމަށްޓަކައި ޒީމާ އާއި، އަޔާޒްގެ ބައްޕަ އާއި އީމާގެ ދެމަފިރިން ވެސް ތިއްބެވެ.
ސުހާއަށް އެންމެ ފުރަތަމަ ވެސް އަޅައިގަތީ ވާރިޝްއެވެ. ހުރިހާ ކަމެއް އެއްކޮށް ހަނދާންނެތި، މުޅި މީހާ އެއްކޮށް އަލުން ދިރިގެން ދިޔަ ކަހަލަ އިޙްސާސެއް ސުހާއަށް ވިއެވެ. ދުވަސް ތަކެއް ފަހުން ވާރިޝް ފެނުމުން ހިތަށް ލިބުން އުފާ ސުހާއަށް ބަޔާން ކުރަން ދަތި ވިއެވެ. ވާރިޝް ވެސް ހަޤީޤަތުގައި ސުހާ ފެނިފައި ވަރަށް އުފާވިއެވެ. އެއީ ވާރިޝްގެ ހިތުގައި ސުހާއަށްޓަކައި ސާފު ލޯތްބެއް އެބަ އޮތެވެ. ނަމަވެސް މިހާރު ވާރިޝް ކޮންމެ ވެސް ވަރަކަށް ސުހާ ދެކެ ބިރުގަނެއެވެ. އެއީ ވާރިޝް ދައްކާ ވާހަކަތައް ސުހާއަށް ޤަބޫލު ކުރަން ފަސޭހަ ނުވާތީއެވެ. މި ކަމުގެ ބޮޑުކަން ސުހާއަށް ނުވިސްނޭތީއެވެ. ނަމަވެސް ހުރިހާ ކަމެއް ދާނީ ރަނގަޅަށް ކަމުގައި ބަލައިގެން ކުރިއަށް ދާން ވާރިޝް ހުރީ ނިންމައިގެންނެވެ.
***
ޝަރާ މިހާރު އޮތީ ވޯރޑްގައެވެ. ޝަރާ ބާއްވާފައި އޮތް އެނދު ކައިރީގައި ތިބި، ދާއިން އާއި ލީޒާ ގެންދިޔައީ އެކި ކަހަލަ ވާހަކަތައް ޝަރާއަށް ކިޔައިދެމުންނެވެ. އެ ދެމީހުން ތިބީ ވަރަށް އުފަލުންނެވެ. ޝަރާއަށް އެއްވެސް ދެރަވާނެ ކަމެއް ދައްކަން ބޭނުން ނުވާތީއެވެ. އަކްޔަން ފެނުމާ އެކުގައި ޝަރާއަށް އެންމެ ފުރަތަމަ ވެސް އުފަލުން ރޮވުނީއެވެ.
"ޝަރާ.. ދެން ނިދާލަން ވީނު.. ވަރަށް އިރުވެއްޖެ އެއްނު ހޭލާ އޮންނަތާ.."
ލީޒާ ވަރަށް ލޯބިން ޝަރާގެ ބޮލުގައި ފިރުމާލިއެވެ.
"އަހަރެން ނިންޖެއް ނާދޭ! ބޭނުން ވަނީ އަކްޔަން ގާތުގަ އޮންނަން. ހޭލާ.."
ޝަރާ ބުނެލިއެވެ. ޝަރާ ވާހަކަދައްކާ އިރު، ކޮންމެ ވެސް ވަރަކަށް އުނދަގޫ ގޮތެއް ހުރެއެވެ. ނަމަވެސް ޝަރާ ވަރަށް ހިތްވަރު ގަދައެވެ.
"އަހަރެންނަށް ނޭނގެ އަހަންނަށް ވީ ކީއް ކަމެއް ވެސް.. އެކަމު ބުނަންތަ؟ އަހަރެންނަށް އިޙްސާސް ވަނީ އަހަންނަށް އިތުރު އެއް ފުރުޞަތު މާތްﷲ ދެއްވީއޭ.. އެނގޭތަ! މި ވޭތުވެ ދިޔަ ކޮންމެ ސިކުންތެއް އަހަރެން ވަރަށް ކެތް ކުރިން.. ހިތްވަރު ދޫވާ ކޮންމެ ފަހަރަކު މާތްﷲ ކިބަފުޅަށް އާދޭސް ދަންނަވަން.. އަހަރެން އަކްޔަންއާ ވަކި ނުކުރުމަށް.. ތި މީހުންނާ އެކު ހަމަ އެންމެ ދުވަހެއް އަދި އިތުރަށް ލިބޭތޯ އަހަރެން ކުރި ހަނގުރާމައެއް މިވޭތުވެ ދިޔަ ކޮންމެ ސިކުންތަކީ.."
ޝަރާ ވާހަކަދައްކަމުން ދިޔައިރު، އޭނާގެ އަޑުގައި އަސަރު ހުއްޓެވެ.
"ޝަރާ.. އަރާމް ކޮށްލާ ދެން.. ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ.."
ލީޒާ އަނެއްކާ ވެސް ޝަރާގެ ބޮލުގައި ފިރުމާލިއެވެ.
"ދާއިން.. ވަރަށް ބޮޑަށް ޝުކުރިއްޔާ.. އަހަންނަށްޓަކާ ތި ވަމުންދާ ޤުރުބާނީ.." ޝަރާގެ ދެލޯ ފެންކަޅި ވިއެވެ.
"ޝަރާ.. އަދި އަރާމް ކޮށްލާ! އަހަރެން ވެސް ޝަރާއާ ދައްކަން ޖެހޭ ވާހަކަ ތަކެއް އެބަ ހުރި.. އަހަރެން ވެސް ވަރަށް ދުޢާ ކުރިން.. އަހަރެންނަށް ވެސް ފަސޭހައެއް ނޫން ޝަރާ ތި ޙާލުގަ އޮންނަތަން ބަލާކަށް.. ތި ހުރިހާ އޮކްސިޖަން ތަކެއް ގުޅައިގެން ތިހެން އޮންނަތަން ބަލަން ވަރަށް އުނދަގޫވޭ.. އެކަމު، ޝަރާ ތީ ވަރަށް ނަސީބު ގަދަ ކުއްޖެއް.. ވަރަށް މާތް ކުއްޖެއް.."
ދާއިން ޝަރާގެ ސީދާ މޫނަށް ބަލަމުން ބުނެލިއެވެ. ޝަރާ ލުއިކޮށް ހީނލިއެވެ.
"ދާއިން.. އަހަންނަށް.. ކަމެއް ކޮށްދީ!"
ޝަރާގެ އަޑު އައީ "ހިމުން" ވަމުންނެވެ. އެ އަޑުގައި ވަނީ ވަރުބަލި ކަމެވެ.
"ކޮން ކަމެއް؟" ދާއިން ކޮންމެވެސް ވަރަކަށް ހައިރާން ވިއެވެ.
"އަޔާޒް.. އަހަރެން ބޭނުން އަޔާޒްއާ ދިމާވެލަން.. އަހަންނަކަށް ދެން މާ ގިނަ ވަގުތެއް ނެތް.. އެކަން އަހަންނަށް ވަރަށް ބޮޑަށް އެބަ އިޙްސާސްވޭ.. އަހަރެން ބޭނުން ވަނީ ހަމަ އެންމެ ފަހަރަކު އަޔާޒް ފެނިލަން.. އަޔާޒަށް އަހަރެންނާ ނުލާ މިހާރު އުޅެން ދަސް ވާނެ.. އެކަމު އަހަރެން ބޭނުން އަކްޔަން އަކީ އަޔާޒްގެ ދަރިއެއްކަން އަޔާޒަށް އަންގަދޭން.. ހަމަ އެންމެ ފަހަރަށް ނަމަވެސް.. އަޔާޒް ޤަބޫލު ނުކޮށްފިއްޔާ، އަހަރެން ވަރަށް ދެރަ ވާނެ.. އެކަމު އަހަރެން އޭރުން ވެސް ވަކި ވެގެން ދާނީ އަކްޔަންއަށް ދެރައެއް ނުލިބޭނެކަން ޔަޤީންކޮށްގެން.."
ޝަރާގެ ދެލޯ އަނެއްކާ ވެސް ކަރުނައިގެ ތިކި ތަކުން ފުރިގެން ދިޔައެވެ. ދާއިން ވަރަށް އަވަހަށް ޝަރާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދާއިންގެ އަތުން ނުފުށުން ފޮހެމުން ގެންދިޔައެވެ. ޝަރާގެ ފަހަތުގައި ލީޒާ އާއި ދާއިން އަބަދުވެސް ހުރިކަން ޝަރާއަށް އަންގާ ދެމުންނެވެ. (ނުނިމޭ)
ވާވް.. ތި ވަރަށް ލިޔުނީމަ އޯކޭ ވާނެ.. އަދިވެސް ދިގު ކުރެވުން ވަރަކަށް ދިގު ކުރޭ.. ވަރަށް ރީތި ވާހަކަ