"ނަމަވެސް ގާނޫނުތައް ހެދިފަ ހުރި ގޮތުން ތަކުރާރުކޮށް ކުށް ކުރާ މީހާ ވަރަށް ފަސޭހައިން އަޅުގަނޑުމެންގެ އަތްދަށުން ދޫވެގެން މިދަނީ. މިކަމަށް ހައްލެއް ލިބޭނެ ގާނޫނުތަކަށް ގެންނަ މިއުޅޭ ބަދަލުތަކުން،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން އިސްލާހު ކުރަން ހުށަހަޅާ ގާނޫނުތައް ތަންފީޒު ކުރެވެން ފެށުމުން، ތަކުރާރުކޮށް ކުށް ކުރާ މީހާ ދޫވުމަށް އޮންނަ ބާގަނޑު ބެދިގެން ދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ގާނޫނުތައް ހެދިފައި ހުރި ގޮތުން، ކުށް ކުރާ މީހުން ބަންދުން ދޫކޮށްލަން ޖެހޭ ޖެހުމާއި، ކުށް ކުރުން ހުއްޓުވުމަށް ހުރަސް އެޅެމުންދާ ކަމަށް މީގެ ކުރިން ވެސް ކަމާ ގުޅުން ހުރި ފަރާތްތަކުން ބުނެފައިވެ އެވެ.
އެކަން ތަކުރާރު ކުރައްވަމުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ކުށް ހުއްޓުވަން އުޅޭ ފަރާތްތަކުން ކުރާ ކުށް ހުއްޓުމަށާއި، ކުށުގެ މާހައުލުން މީހުން ދުރު ކުރުމަށް ގާނޫނުތައް ބައްޓަން ކޮށްފައި ނެތް ކަމަށެވެ.
އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަނީ އެފަދަ ގޮތަކަށް ގާނޫނުތައް އިސްލާހުކޮށް، މިހާރު އުފެދިފައި އޮތް ކުށުގެ މާހައުލު އެއްކޮށް ހައްލު ކުރުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގާނޫނުގެ ތެރެއިން ފުލުހުންނަށް ލިބެންޖެހޭ ބާރާއި ހަތިޔާރު ބޭނުންކޮށްގެން މިކަންކަމަށް ހައްލު ގެންނަން މަސައްކަތް ކުރެވޭނެ ކަމަށެވެ.
"ނަމަވެސް ގާނޫނުތައް ހެދިފަ ހުރި ގޮތުން ތަކުރާރުކޮށް ކުށް ކުރާ މީހާ ވަރަށް ފަސޭހައިން އަޅުގަނޑުމެންގެ އަތްދަށުން ދޫވެގެން މިދަނީ. މިކަމަށް ހައްލެއް ލިބޭނެ ގާނޫނުތަކަށް ގެންނަ މިއުޅޭ ބަދަލުތަކުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު އޮތް ގޮތުން، ކުރިމަތީ ކުށް ކުރާ މީހާވެސް "އިދާރީ ކުށެކޭ" ކިޔާފައި ނުވަތަ އެމީހުން ބަންދު ކުރަން ނުޖެހޭ ތަނަކުން ބަންދުކޮށްގެން އެތަނަކަށް ފިޔަވަޅު އަޅަން ޖެހެއޭ ކިޔާފައިވެސް މީހުން ދޫކޮށްލަން ޖެހޭ ކަމުގެ ކަންބޮޑުވުން މިނިސްޓަރު ފާޅުކުރެއްވި އެވެ.
މިހުރިހާ ކަމަކަށް ދާއިމީ ހައްލު ލިބިގެންދާނީ ގާނޫނުތައް އިސްލާހުކޮށްގެން ކަމަށް ވިދާޅުވި އެވެ.