ކޯޓު އަމުރުގައި ބުނެފައި ވަނީ، އޭނާ ރާއްޖެ އައުމުން އޭނާގެ ލަގެޖު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ހަތަރު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި އުމުރުން 65 އަހަރުގެ ދިވެހި ފިރިހެންމީހާ އެތަކެތި އެތެރެ ކުރަން މަސައްކަތް ކުރީ މާ ޖެހި ވާސްތަކެއްގައި ފޮރުވައިގެން ކަމަށް އެނގިއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށް، ބަންދު މުއްދަތު ޖަހާފައި ވަނީ އައްޑޫ ހިތަދޫ، ވެހެތާނުގެ، އަބްދުﷲ ސޯދިގުގެ އެވެ. އޭނާގެ ބަންދު ހަތަރުވަނަ ފަހަރަށް އިތުރުކުރަން އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ގެންގޮސްފަ އެވެ.
ކޯޓު އަމުރުގައި ބުނެފައި ވަނީ، އޭނާ ރާއްޖެ އައުމުން އޭނާގެ ލަގެޖު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ހަތަރު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ސްރީ ލަންކަން އެއާލައިންސުން އައި އަބްދުﷲ ސޯދިގު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 349 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ.
ނަމަވެސް ކަސްޓަމްސްގެ ފޯމާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާގެ ލަގެޖގައި އޮތް މާ ޖަހާ ތިން ވާސް ތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނަކީ 270 ގްރާމް ކަމަށެވެ. ވަގުތީ ޓެސްޓްތަކުން އެއީ ހެރޮއިންކަން ވެސް އެނގޭ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު މިހާރު ވަނީ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ. އޭނާގެ ބަންދު މުރާޖައާ ކުރަން ހުށަހެޅީ ވެސް އެ އޮފީހުންނެވެ. ކޯޓުން ވަނީ އިތުރު 20 ދުވަހަށް އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.