ޓުރަމްޕުގެ ފުރަތަމަ ސަރުކާރުގައި އަރަބި ބައެއް ގައުމުތަކާއި އިސްރާއީލުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމަށް މަގުފަހިކުރި އެބްރަހަމް އެކޯޑްސް އެކުލަވައިލެއްވުުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ޖެރެޑް ކުޝްނާ އެވެ.
އެމެރިކާގެ އިންތިހާބީ ރައީސް ޑޮނާލްޑް ޖޭ ޓުރަމްޕުގެ ސަރުކާރުގައި އޭނާގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ ދައުރެއް އަދާނުކުރައްވާނެކަން އޭނާގެ އަރިސް ބަައެއް ބޭފުޅުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިޔާއިން ރިޕޯޓުކޮށްފި އެވެ.
ޓުރަމްޕުގެ ފުރަތަމަ ސަރުކާރުގައި އިސް މުޝީރެއްގެ ވަޒީފާ އަދާކުރެއްވި ކުޝްނާއަކީ އިސްރާއީލާއި އަރަބި ބައެއް ގައުމުތަކުގެ މެދުގައި ގުޅުން ގާއިމުކުރުމަށް އެކުލަވައިލި އެބްރަހަމް އެކޯޑްސްގެ މަޝްވަރާތައް ކުރިއަށްގެންދެވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެއިރު އެކުވެރި އަރަބި އިމާރާތާއި ބަހުރެއިނާއި ސޫދާން އަދި މަޣުރިބާއި އިސްރާއީލުގެ މެދުގައި ސިޔާސީ ގުޅުން ގާއިމުކުރެވިގެންދިޔައީ މި އެއްބަސްވުމުގެ ދަށުންނެވެ.
ދެން އުފެދޭ ޓުރަމްޕު ސަރުކާރެއްގައި އިސްރާއީލާ ގުޅުން އޮތް އަރަބި އިސްލާމީ ގައުމުތައް އިތުރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެވޭނެ ކަމުގައި ބެލެވެ އެވެ. އަދި އެ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށްވާނީ ސައުދީއާއި އިސްރާއީލުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުންކަމަށް މުހައްލިލުން ދެކެވަޑައިގަންނަވަ އެވެ.
ކުޝްނާއާއި އޭނާގެ އަނބިކަނބަލުން އިވަންކާވަނީ ޓުރަމްޕުގެ ފުރަތަމަ ސަރުކާރުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރައްވާފަ އެވެ. 2020 ވަނަ އަހަރުގެ އިންތިހާބުން ޓުރަމްޕަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބަށްފަހު އެ ދެމަފިރިކަނބަލުން ދިރިއުޅުއްވަނީ މަޔާމީގަ އެވެ.
އަދި ކުޝްނާވަނީ 2021 ވަނަ އަހަރުގައި ބޭރުގެ އިންވެސްޓަރުންގެ އެހީތެރިކަމާއެކު ތިން ބިލިއަން ޑޮލަރާއެކު އެފިނިޓީ ޕާޓްނާސްގެ ނަމުގައި އިންވެސްޓުމެންޓު ފަންޑެއް އުފައްދަވާފަ އެވެ. މި ފަންޑަށް ފައިސާ ދެއްވި ބޭފުޅުންގެ ތެރޭގައި ގިނަ އަދަދަކަށް ހަލީޖު ގައުމުތަކަށް ނިސްބަތްވެވަޑައިގަންނަވާ މަހުޖަނުން ހިމެނެ އެވެ.
ޓުރަމްޕުގެ އަރިސް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުގެ މަގާމަކަށް ކުޝްނާ ވަޑައިނުގެންނެވި ނަމަވެސް މެދުއިރުމަތީގެ ސިޔާސަތު ބައްޓަންކުރެއްވުމުގައި ރައީސް ޓުރަމްޕަށް އިރުޝާދާއި ލަފާ ދެއްވުމުގެ ދައުރެއް އޭނާ އަދާކުރައްވާނެ އެވެ. ނަމަވެސް އެ ދައުރު އެކީ ކަނޑައެޅިގެންދާނީ ޓުރަމްޕުގެ ޓީމު އެކުލަވައިލައްވައި އިއުލާނުކުރެއްވުމުންނެވެ.
ޓުރަމްޕުގެ އިންތިގާލީ ޓީމުން އަންނަނީ މުހިއްމު މަގާމުތަކަށް އައްޔަންކުރާނެ ބޭފުޅުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ގިނަ މަގާމުތަކަށް އައްޔަންކުރާނެ ބޭފުޅުން ކަނޑައެޅިފައި ނެތް ނަމަވެސް ބައެއް މަގާމުތަކަށް އައްޔަންކުރައްވަފާނެ ބޭފުޅުންގެ ނަންފުޅުތައް މީޑިޔާއަށްވަނީ ތިލަވެފަ އެވެ.
ކުރިއަށް އޮތް ހަފުތާއެއް ދެ ހަފުތާއެއްހައި ދުވަސް ތެރޭގައި ޓުރަމްޕުގެ އައު ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރައްވާނެ ބޭފުޅުންގެ ލިސްޓުތައް މަޑުމަޑުން މީޑިޔާއަށް ތިލަވަމުންދާނެ އެވެ.