މި ފިއުލް ފާމްގެ ސަބަބުން ފިއުލް ރައްކާކުރެވޭ ކެޕޭސިޓީ 13.5 މިލިއަން ލީޓަރުން 45 މިލިއަން ލީޓަރަށް އިތުރު ވެގެންދާނެ އެވެ.
ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގެ ގާއިމު ކޮށްފައިވާ އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފި އެވެ. މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގަ އެވެ.
މި ފިއުލް ފާމްގެ ސަބަބުން ފިއުލް ރައްކާކުރެވޭ ކެޕޭސިޓީ 13.5 މިލިއަން ލީޓަރުން 45 މިލިއަން ލީޓަރަށް އިތުރު ވެގެންދާނެ އެވެ. މިއީ އެއާޕޯޓުގައި ތެޔޮ ރައްކާކުރުމުގެ ގާބިލުކަން ތިން ގުނަ އިތުރުކޮށްދޭނެ މަޝްރޫއުކެވެ. މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުން މި މަޝްރޫއު ފުރިހަމަ ކުރީ ޗައިނާގެ އެގްޒިމް ބޭންކްގެ ލޯން އެހީ އާއިއެކުއެވެ.
މި މަޝްރޫއުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުރިއެރުމަކީ 8.4 ކިލޯމީޓަރުގެ ދިގުމިނުގެ ފިއުލް ހައިޑްރަންޓް ސިސްޓަމެއް ގާއިމުކުރުމެވެ. މިއީ ތެޔޮ ރައްކާކުރާ ތަނުން ފެށިގެން މަތިންދާ ބޯޓުތައް ޕާކުކުރާ ސަރަހައްދާ ހަމައަށް ބިމުގެ އަޑީގައި ގާއިމުކޮށްފައިވާ ވިއުގައެކެވެ. މީގެ ކުރިން ބޯޓުތަކަށް ތެޔޮ އެޅުމަށް މުޅިންވެސް ބޭނުންކުރަމުން އައީ ރިފިއުލާ އެވެ.
މިއަދު ރަސްމީ ވި މި ނިޒާމުގެ ސަބަބުން އެއާ ސައިޓުގައި އުޅަދުތަކުގެ ހަރަކާތްތައް މަދުވެ ސަލާމަތާ ރައްކާތެރިކަން އިތުރުވެ ތެޔޮއެޅުމަށް ހޭދަވާ ވަގުތުވެސް މަދުވެގެން ދާނެ އެވެ. ނަތީޖާއެއްގެ ގޮތުން އަވަސް އަދި ރައްކާތެރިކޮށް މަތިންދާބޯޓުތަކަށް ތެޔޮ އެޅުމުގެ ހިދުމަތް، މި ނިޒާމުގެ ސަބަބުން ފަހިވެގެންދާނެ އެވެ.
ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމާއެކު ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގެ މާސްޓާ ޕްލޭން ގައިވާ ގޮތަށް އޮޕްރޭޝަންސް ފުޅާކޮށް ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގޮތުން، މަތީ ފަންތީގައި ގުނާލެވޭ އެއާޕޯޓަކަށް މި އެއާޕޯޓް ހެދުމަށްކުރާ ދަތުރު އިތުރަށް ހަލުވިވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި އޭގެ މަންފާއާ ހެޔޮ އަސަރު ދިވެހި ރާއްޖޭގެ އިގްތިސާދަށް ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.
އައު ފިއުލް ފާމް ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަން ބައްލަވާލައްވާފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.