ހައްޖު ކޯޕަރޭޝަނުގެ ފަރާތުން މާފުށީ ކައުންސިލާ ގުޅިގެން ސަބްސިޑީ ކުންފުންޏެއް އުފައްދައިގެން ހަލާލު ޓޫރިޒަމް ހިންގުމަށް ވިސްނާކަމަށް އެ ކުންފުނީގެ އެމްޑީ ވިދާޅުވި އެވެ.
އަގުހެޔޮކޮށް ދިވެހި ހައްޖާޖީން ހައްޖަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސުމަށް އުފައްދާފައިވާ ހައްޖު ކޯޕަރޭޝަނުގެ އާމްދަނީ އިތުރުކުރުމަށް އެ ކުންފުނިން ކ.މާފުށީގައި ހަލާލު ޓޫރިޒަމްގެ މަޝްރޫއެއް ފަށަން ގަސްތުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ފުވައްމުލަކު މެދުދާއިރާގެ މެންބަރު އަލީ ފަޒާދު، ހެޔޮ އަގުގައި ރައްޔިތުން ހައްޖަށް ގެންދިއުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އެ ކޯޕަރޭޝަނުގެ ސީއީއޯ މުހައްމަދު ޝަކީލުވަނީ ހަލާލު ޓޫރިޒަމް މަޝްރޫއެއް ހިންގުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތަފުސީލުތައް ހިއްސާކުރައްވާފަ އެވެ.
މިހާރު ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ދެމުންދަނީ ނުއަގުގައި ވަރަށް ބޮޑު ގެއްލުމުގައިކަން ޝަކީލު ފާހަގަކުރެއްވި އެވެ. އެގޮތުން މިހާރު މީހުން ހައްޖަށް ގެންދާ އަގުތަކަކީ 2013 ވަނަ އަހަރު ކަނޑައެޅި އަގުތަކެއްކަން ފާހަގަކުރައްވައި ޝަކީލު ވިދާޅުވީ މިހާރު މުދަލަށް އަދި ހާއްސަކޮށް އެއާލައިން ޓިކެޓުތަކުގެ އަގަށް އައިސްފައިވާ ބަދަލުތަކާއެކު ހައްޖު ކޯޕަރޭޝަނަށް ބޮޑު ގެއްލުމެއް ލިބޭ ކަމަށެވެ.
ޝަކީލު ވިދާޅުވި ގޮތުގައި ހައްޖުވެރިންގެ އަތުން 69،965 ރުފިޔާ ނަގައިގެން ހައްޖަށް ގެންދިޔަ ނަމަވެސް މިހާރު ހައްޖުވެރިއެއްގެ ބޮލަކަށް އެ ކުންފުނިން 100،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހަރަދުވެ އެވެ.
އެހެންކަމުން މިހާރު އޭނާގެ އަމާޒު ހުރީ ހައްޖު ކޯޕަރޭޝަނުން ކުރާ ހަރަދުތައް ކުޑަކޮށް އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެއްދެވުން ކަމަށް ޝަކީލު ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވަން ވިސްނަވާކަމަށް ވިދާޅުވި އެވެ.
ޝަކީލު ވިދާޅުވި ގޮތުގައި އޭނާގެ ވިސްނުންފުޅު ހުރީ ހިރާސް ކުޑަ ވިޔަފާރިތައް ކޯޕަރޭޝަނުން ފެށުމަށެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި ހަލާލު ޓޫރިޒަމް ފެށުމަށް ވިސްނަވާ ކަމުގައި އޭނާ ވިދާޅުވި އެވެ. އެކަން މާފުށީގައި ފެށުމަށް އެ ރަށު ކައުންސިލުގެ ކުންފުންޏާއި ހައްޖު ކޯޕަރޭޝަން ގުޅިގެން ސަބްސިޑަރީ ކުންފުންޏެއް ހަދަން ހުށަހަޅާފައިވާކަމަށް ޝަކީލު ވިދާޅުވި އެވެ.
ޝަކީލު ވިދާޅުވި ގޮތުގައި އެ މަޝްރޫއު ހިންގުމަށް މާފުށިން ބިމެއް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އިންވެސްޓުކުރާނެ ފަރާތްތަކެއްވެސް މިހާރު ހޯދިފައިވާ ކަމަށާއި، މާފުއްޓަކީ މިހާރުވެސް ޓޫރިޒަމް ރަނގަޅަށް ހިނގާ ތަނެއް ކަމުގައިވާތީ އެ ރަށުގައި އެ ވިޔަފާރިއަކީ ހިރާސް ކުޑަ ވިޔަފާރިއަކަށްވާނެ ކަމުގައި ޝަކީލު ވިދާޅުވި އެވެ.
"މި ކަމަށްޓަކައި އިންވެސްޓްކުރާނެ ފަރާތްތަކެއް ވެސް އަޅުގަނޑުމެންނަށް އޯލްރެޑީ އެޕްރޯޗްކޮށްފައިވަނީ. މާފުއްޓަކީ އޯލްރެޑީ ޓޫރިޒަމަށް އެސްޓާބްލިޝްޑް ތަނެއް ވީމާ މިއީ ވަރަށް ރިސްކު ކުޑަ، އެހެންނަމަވެސް ރަނގަޅު އާމްދަނީއެއް ބޭރު ފައިސާއެއް ލިބޭނެ މަގެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ މި ދާއިރާއަށް އިންވެސްޓްކުރަނީ،" ޝަކީލު ވިދާޅުވި އެވެ.
އަދި ހުޅުމާލޭގައި ލަގްޒަރީ އެޕާޓުމެންޓު ބިލްޑިން އެޅުމުގެ މަސައްކަތްވެސް ކުރަމުންދާކަން ޝަކީލު ފާހަގަކުރެއްވި އެވެ. މިހާރު އިމާރާތް ކުރެހުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި ޝަކީލު ވިދާޅުވީ ދެތިން މަސް ތެރޭ އެ މަސައްކަތް އެވޯޑުކުރެވޭނެ ކަމަށެވެ.