މި މައްސަލަ ރިޔާސަތުން ބޭރުކޮށްލުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ނުރުހުންފާޅުކުރައްވާފަ އެވެ.
އާސަންދައިގެ ހިދުމަތް މެދުކެނޑުމެއްނެތި ލިބޭކަން ކަށަވަރު ކުރުމަށް އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ރިޔާސަތުން ބޭރުކޮށްލައިފި އެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ނަމަވެސް ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތުތައް ހަމަނުވާ ކަމަށް ބުނެ އެ މައްސަލަ މަޖިލީހުން ބަލައިނުގަންނަ ކަމަށް ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާގައި އިއުލާނު ކޮށްފަ އެވެ.
ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ މިއަހަރުގެ މިހާތަނަށް ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ހިދުމަތް ހޯދަން ދާ ދިވެހިންނަށް ޑޮކްޓަރަށް ދެއްކުމާއި ޓެސްޓްތައް ހެދުން ފަދަ ކަންކަމަށް އާސަންދަ ދިނުން ހުއްޓާލާފައިވާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އަދި ބޭސް ސިޓީއަށް ބޭސްދޫކުރުމުގައި ލިބެމުންދާ އާސަންދަ ނުލިބޭކަމުގެ ޝަކުވާތައް ވެސް ލިބެމުންދާ ކަމަށެވެ.
މި މައްސަލަ ރިޔާސަތުން ބޭރުކޮށްލުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ނުރުހުންފާޅުކުރައްވާފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތަކަށް އަޑުއުފުލަން ޖެހޭ ތަނެއް ކަމަށެވެ.
މި މައްސަލައަށް ބަހުސް ކުރުމުގެ ހިތްވަރު ސަރުކާރުގައި ނެތް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ. މި މައްސަލަ ބޭރުކޮށްލުމުން މިކަމާމެދު ސަރުކާރުގެ ވިސްނުން ވަރަށް ބޮޑަށް ސާފުވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާސަންދަ އަކީ ގާނޫނުން ކަށަވަރުކޮށްދީފައިވާ ހިދުމަތަކަށްވާއިރު، މި ހިދުމަތް ފޯރުކޮށްނުދެވޭނަމަ އޭގެ ގެއްލުން ވާނީ ސަރުކާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާސަންދަ ނުލިބޭ ކަމުގެ އަޑުތައް ފެތުރިފައި ވަނީ އަމިއްލަ އިންޝުއަރެންސަށް އިސްކަން ދިނުމަށް ސަރުކާރުން ނިންމުމުންނެވެ. އެގޮތުން ހިދުމަތް ހޯދާ މީހާގެ އަތުގައި އަމިއްލަ އިންޝުއަރެންސްއެއް އޮތްކަން ކަށަވަރުކުރުމަށްފަހު އިންޝުއަރެންސްގެ ކަވަރޭޖު މެދުވެރިކޮށް އެ ކަވަރޭޖުގެ ލިމިޓު ހަމަވަންދެން ހިދުމަތް ދިނުމަށް އާސަންދަ ހިދުމަތް ދޭ ތަންތަނަށް ސަރުކާރުން ވަނީ އަންގާފަ އެވެ.