މިނިސްޓަރު ވިދާޅުވީ ސަރުކާރު ބަދަލުވިއިރު އެ ސްކޫލުގެ ހޯލު އެޅުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް ކަމަށާއި މި އަހަރުގެ ބަޖެޓުގައިވެސް ދަރުމަވަންތަ ސްކޫލުގެ ހޯލު އެޅުމަށް ފައިސާއެއް ހިމަނާފައި ނެތް ކަމަށެވެ.
އެމްޑީޕީގެ ވެރިކަމުގައި ދަރުމަވަންތަ ސުކޫލު ހިންގުމަށް އެޅި އިމާރާތުގެ މަސައްކަތް ނިންމައި ހުޅުވިއިރު އެ ސްކޫލުގައި ހުންނަންޖެހޭ ވަރަށް ގިނަ ހިދުމަތްތައް ނެތްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލު ޝަފީއު ވިދާޅުވެއްޖެ އެވެ.
ދަރުމަވަންތަ ސުކޫލު ހިންގަމުން އައި ވަގުތީ އިމާރާތުން ދާއިމީ އިމާރާތަކަށް ބަދަލުކުރުމަށް މާލޭގެ އެންމެ ރަނގަޅު އެއް ސަރަހައްދުން ބޮޑު ބިމެއް ކަނޑައަޅައިގެން ސުކޫލެއް އެޅީ ނިމުނު ދައުރުގަ އެވެ. އެއިރު ސްކޫލު ހުޅުވިއިރު އެ ސްކޫލުގައި ހޯލެއް އަދި ދަރިވަރުން ކުޅޭނެ ތަނެއްވެސް ނެތެވެ.
ދަރުމަވަންތަ ސްކޫލު ބިނާކުރުމުގެ މަަސައްކަތް ފެށީ ޑިސެންބަރު 2020 ގަ އެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރު ބަދަލުވިއިރު އެ ސްކޫލުގެ ހޯލު އެޅުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް ކަމަށެވެ. އަދި މި އަހަރުގެ ބަޖެޓުގައިވެސް ދަރުމަވަންތަ ސްކޫލުގެ ހޯލު އެޅުމަށް ފައިސާއެއް ހިމަނާފައި ނެތް ކަމަށެވެ.
އެހެންނަމަވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ރެކޯޑުތަކަށް ބަލާއިރު ކުރިން މާލޭ ޖަލު ހުރި ތަނުގައި ހޯލެއް އެޅުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަން ފެންނަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ޖަލު ހުރި ތަނުގައި ސްކޫލު ހޯލެއް އަޅަން ބޭނުންވާ ކަމަށާއި، ބިމުގެ ރަޖިސްޓްރީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދޭން އެދޭކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން ހޯމް މިނިސްޓްރީއަށް އެއިރު ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސިޓީން ފޮނުވި ސިޓީއަށް 15 ނޮވެންބަރު 2023 ގައި އެއިރުގެ ހޯމް މިނިސްޓްރީން އެޑިއުކޭޝަނަށް ފޮނުވި ސިޓީގައި ޖަލުގައި ތިބި ގައިދީން އެހެން ތަނަކަށް ބަދަލުކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިނުވާތީ، އެ މައްސަލައަށް ހައްލެއް ހޯދިފައިނުވާކަން އަންގާފައިވެ އެވެ. އަދި ޖަލު ހުސްކުރަން ދަތިވާނެކަމަށް އެއިރު ހޯމް މިނިސްޓްރީން ބުނެފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް ޖަލު ތެރޭގައި ހިނގާ ކަންކަމުގެ އަޑު ސުކޫލުގެ ދަރިވަރުންނަށް އިވޭތީ އެކަމުގެ ކަންބޮޑުވުން ހިއްސާކުރުމާއެކު މިހާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާން އިސްނެންގެވުމަށް ޖަލު ހުސްކޮށް ގައިދީން އެހެން ތަނަކަށް ބަދަލުކޮށްފައިވާކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދަރުމަވަންތަ ސްކޫލަށް ހޯލެއް ބޭނުންވާކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ ސްކޫލު އަޅާފައިވާ ބިމަކީ 40،000 އަކަފޫޓުގެ ބޮޑު ބިމަކަށްވާއިރު ރަނގަޅަށް އެ އިމާރާތް ފަރުމާކުރެވުނުނަމަ އެ ތަނުގައި މިހާރު ކުލާސްރޫމުތަކާއެކު ހޯލަކާއި ދަރިވަރުން ކުޅެން ބޭނުންވާނެ ތަންތަންވެސް ގާއިމުކުރެވުނީސް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވީ އެންމެ ފުރަތަމަ އެ ސުކޫލަށް ޒިޔާރަތްކުރެއްވިއިރު އެތަނުގައި ކުޅޭނެ ތަނެއްވެސް ނެތް ކަމަށެވެ. ނަމަވެސް މިހާރު އެ ވަސީލަތްތައް ސުކޫލުގައި ހަމަޖައްސަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސްކޫލަށް ބޭނުންވާ ހޯލުވެސް މި ސަރުކާރުން ގާއިމުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.