އޮކްޓޯބަރު މަހު ދެ ކެނޑިޑޭޓުން ފައިލުކުރައްވާފައިވާ މާލީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ދެ ކެމްޕެއިނުން އިންތިހާބުގެ ކަންކަމަށް ހަރަދުކުރަން ޖުމްލަ 4.2 ބިލިއަން ޑޮލަރު ހޯދާފައިވެ އެވެ.
އެމެރިކާގެ އިންތިހާބުތަކުގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ހަރަދު ބޮޑު އިންތިހާބުގައި ރިޔާސީ ކެންޑިޑޭޓުންކަމަށްވާ ނައިބުރައީސް ކަމަލާ ހެރިސްއާއި ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕު އިންތިހާބުގެ ކެމްޕެއިނަށް 3.5 ބިލިއަން ޑޮލަރު ހޭދަކުރެއްވިކަމަށް ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓުކޮށްފި އެވެ.
އިއްޔެ ބޭއްވި އެމެރިކާގެ އިންތިހާބަކީ މި ފަހުގެ ތާރީހެއްގައި އެންމެ ބޮޑަށް ކެނޑިޑޭޓުންގެ މެދުގައި ވާދަވެރިކަން ބޮޑު އެއް އިންތިހާބުކަމަށް ބެލެވެ އެވެ. އަދި ދެ ކެނޑިޑޭޓުންގެ މެދުގައި އޮތް ފަރަގުވެސް ވަރަށް ކުޑަވާނެކަމަށް ޕޯލްތަކުން ދައްކަ އެވެ.
އޮކްޓޯބަރު މަހު ދެ ކެނޑިޑޭޓުން ފައިލުކުރައްވާފައިވާ މާލީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ދެ ކެމްޕެއިނުން އިންތިހާބުގެ ކަންކަމަށް ހަރަދުކުރަން ޖުމްލަ 4.2 ބިލިއަން ޑޮލަރު ހޯދާފައިވެ އެވެ.
ފައިސާ ހޯއްދެވުމުގައި ހެރިސްވަނީ ޓުރަމްޕަށްވުރެ ގިނަ ފައިސާ ހޯއްދަވާފަަ އެވެ. ޑިމޮކްރެޓިކް ޕާޓީއާއި އެ ޕާޓީއާ ގުޅިފައިވާ ސުޕަ ޕެކްސް ފަދަ ފައިސާ ހޯދުމަށް ބޭނުންކުރާ ތަފާތު އާލަތްތަކުގެ އެހީގައި ޖުމްލަ 2.3 ބިލއިަން ޑޮލަރު ހެރިސްގެ ކެމްޕެއިނަށް ހޯދާފައިވެ އެވެ. އަދި އެއިން 1.9 ބިލިއަން ޑޮލަރު ކެމްޕެއިނުގެ ކަންކަމަށް ހޭދަވެފައިވެ އެވެ.
ޓުރަމްޕަށް ފައިސާ ހޯދާ ގުރޫޕުތަކާއި ރިޕަބްލިކަން ޕާޓީ އެކުވެގެން އޭނާގެ ކެމްޕެއިނަށް ހޯއްދަވާފައިވަނީ 1.8 ބިލިއަން ޑޮލަރެވެ. އެއިން ހަރަދުކުރީ 1.6 ބިލިއަން ޑޮލަރުކަން ލިޔެކިޔުންތަކުން ފެނެ އެވެ.
ކެމްޕެއިނާ ގުޅޭ މާލީ ލިޔެކިޔުންތަކުގެ ތަހުލީލަށްފަހު ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކުރި ގޮތުގައި ކެނޑިޑޭޓުން ކުރެއްވި ހޭދައިގެ ދެބައިކުޅަ އެއްބައާ ގާތްކުރާ އަދަދެއް ހަރަދުކޮށްފައިވަނީ މީޑިޔާއަށާއި އިޝްތިހާރުކުރުމަށެވެ.
އިޝްތިހާރުކުރުމަށާއި މީޑިޔާއަށް ކުރި ހަރަދުގެ ބޮޑު ބައެއް ހަރަދުކޮށްފަައިވަނީ އިންތިހާބުގެ ނަތީޖާ ނިންމުމުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ ހަތް ސްވިންގް ސްޓޭޓުގައި ކެމްޕެއިން ކުރުމަށެވެ. ކަމަލާ ހެރިސްގެ ކެމްޕެއިނުން އެކަނި އެ ހަތް ސްޓޭޓުގައި އެއް ބިލިއަން ޑޮލަރު މީޑިޔާ އަދި މީސްމީޑިޔާގައި އިޝްތިހާރުކުރުމަށް ހޭދަކުރި އެވެ.
މި މުހިއްމު ހަތް ސްޓޭޓުގައި ދެ ކެންޑިޑޭޓުންވަނީ އިޝްތިހާރުކުރުމަށް އެކަނި ޖުމްލަ 1.5 ބިލިއަން ޑޮލަރު ހަރަދު ކުރައްވާފަ އެވެ. ހަމައެކަނި ޕެންސަލްވީނިއާގައި ދެ ކެންޑިޑޭޓުން 400 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އިޝްތިހާރުތަކަށް ހޭދަކުރައްވާފައިވާކަން ހިސާބުތަކުން ދައްކަ އެވެ.
މި ކެމްޕެއިނުގައި ޓްރަމްޕުގެ އަމިއްލަަ ގުރޫޕުތަކުން ހޯދި ފައިސާގެ ބޮޑު ބައެއް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަަކުން ސަލާމަތްވުމަށް ހަރަދުކޮށްފައިވެ އެވެ. އެގޮތުން އެ ދައުވާތަކާ ގުޅޭ ހަރަދުތަކަށް ޓްރަމްޕުގެ ވިޔަފާރިތަކުން 100 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
އޭނާގެ ކެމްޕެއިނަށް އެންމެ ބޮޑަށް އެހީތެރިވެފައިވާ އަނެއް ފަރާތަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު އީލަން މަސްކު އިސްވެ އުފެއްދި އެމެރިކާ ޕެކް އެވެ. އެމެރިކާ ޕެކް އުފެއްދުމަށްފަހު މަސްކުވަނީ އެ ޕެކްއަށް 118 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.
އެމެރިކާ ޕެކްއިންވަނީ ވޯޓުލުން އޮތް ދުވަހު ވޯޓު ލުމަށް މީހުން ނެރުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި ޓުރަމްޕުގެ ކެމްޕެއިނުގެ އެކި ކަންކަމަށް އެ ޕެކްއިން ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްފައިވާކަމަށް މާލީ ހިސާބުތަކުން ދައްކަ އެވެ.