ރައީސް އިތުރަށް ވިދާޅުވީ ސިފައިންގެ އެއްގަމުގެ ބާރުވެސް ހަރުދަނާކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި ބޭނުންވާ ހަތިޔާރު ހޯދައި އެކިއެކި އާލާތްތައް ހޯދުމަށް މަސައްކަތްޕުޅުކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ސިފައިންގެ ހިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު އަދަދެއް އަންނަ އަހަރުގެ ތެރޭގައި ހޯއްދަވައިދެއްވޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގައުމުގެ މިނިވަންކަން ހިމާޔަތްކުރުމާއި، ގައުމުގެ ސަލާމަތަށްޓަކައި އަދި އަސްކަރީ ބާރު ވަރުގަދަކުރުމަށްޓަކައި މި ސަރުކާރުން ސިފައިންގެ ހިދުމަތްތައް ހަރުދަނާކުރުމަށާއި އެ އިދާރާގެ ކެޕޭސިޓީ ވަރުގަދަކުރުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާކަން ފާހަގަކުރައްވާފަ އެވެ.
އެގޮތުން، މީހުން ތަމްރީނުކުރުމަށް ގައުމީ ފެންވަރުގެ ހާއްސަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަން އެމަނިކުފާނު އިއުލާން ކުރެއްވި އެވެ.
މީގެ އިތުރުން މީހުން ތަމްރީނުކުރުމަށް މިހާރު ހުރި ފެސިލިޓީކަމުގައިވާ، ގިރިފުށީގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކައި ބިން އިތުރުކުރުމަށް މަސައްކަތްކުރައްވަން ނިންމަވާފައިވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަމުގެ ތަފްސީލު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ މިހާރު ސަރުކާރުގެ "ނިއު ޕޮލިސީ އިނީޝިއޭޓިވް"ގެ ތެރެއިން ގިރިފުށިން ހިއްކެން އޮތް 13 ހެކްޓަރުގެ ސަރަހައްދު ހިއްކުމަށާއި ޝޯ ޕްރޮޓެކްޝަން، ވަށައި ޖެހެހުމަށާއި އެރަށަށް ބޭނުންވާ ބަނދަރު ހެދުމުގެ މަސައްކަތް މިއަންނަ އަހަރުތެރޭގައި ފަށްޓަވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ސިފައިންގެ އެއްގަމުގެ ބާރުވެސް ހަރުދަނާކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި ބޭނުންވާ ހަތިޔާރު ހޯދައި އެކިއެކި އާލާތްތައް ހޯދުމަށް މަސައްކަތްޕުޅުކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން މިހާރުވެސް އެކުވެރި ބައެއް ދައުލަތްތަކާއެކީ ބައެއް މަސައްކަތްތައް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުންވެސް ހަތިޔާރާ ބައެއް އާލާތްތައް ގަތުމަށްޓަކައި މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި ވަކި އަދަދެއް ކަނޑައަޅާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޒަމާނީ ފެންވަރަށް އަސްކަރީ ހިދުމަތް ގެންދިއުމަށްޓަކައިވެސް ގިނަގުނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، އެއާކޯ ގާއިމުކުރުމާއި ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ޔޫއޭވީތައް ގެންނަވައި، ގައުމުގެ އިކޮނޮމިކް ޒޯން އަބަދުވެސް ބެލެހެއްޓޭނެފަދަ ގާބިލުކަން ސިފައިންގެ ކިބައިގައި ގާއިމުކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ.