މިސްރުގެ ސުވޭސް ކެނަލް ހުރަސްކޮށް އިސްރާއީލުގެ އަސްކަރީ ބޯޓެއް ދަތުރުކުރި މައްސަލާގައި މިސްރުގެ ގިނަ ބަޔަކު އަންނަނީ މީސްމީޑިޔާގައި އެ ގައުމުގެ ހުދުމުހުތާރު ސަރުކާރަށް ފާޑުކިޔަމުންނެވެ.
އިސްރާއީލުގެ އަސްކަރީ މަނަވަރެއް ސުއެޒް ކެނަލް ހުރަސްކޮށް ދަތުރުކުރާ ވީޑިޔޯއެއް މީސްމީޑިޔާގައި އާންމުވެ މިސްރުގެ އާންމުންގެ ފާޑުކިޔުން އެ ގައުމުގެ ސަރުކާރަށް އަމާޒުވެއްޖެ އެވެ.
ސޯޝަލް މީޑިޔާގައި ދައުރުވާ ވީޑިޔޯގައި ފެންނަަނީ އިސްރާއީލުގެ މަނަވަރެއް ސުއެސް ކެނަލުން ދަތުރުކުރާ ތަނެވެ. އެ އުޅަނދުގައި އިސްރާއީލުގެ ދިދައާއި މިސްރު ދިދަ ޖަހާފައި ހުއްޓެވެ. އެ މަނަވަރު ދަތުރުކުރަމުންދިޔަ މަންޒަރު ބަލަން ތިބި މިސްރު މީހުން ނުރުހުން ފާޅުކޮށް، އެ އުޅަނދަށް ސުއެސް ކެނަލުން ދަތުރުކުރެވިގެންނުވާނެ ކަމަށް ބުނާ އަޑު ވީޑިޔޯއިން އިވެ އެވެ.
އަދި އެ މަންޒަރު ބަލަންހުރި މީހަކު އެ ބޯޓުން ދެން ގަތުލުކުރާނީ ކޮން ބައެއްތޯ ސުވާލުކުރާ އަޑުވެސް އިވެ އެވެ. މި ވީޑިޔޯ އެކްސްއާއި ފޭސްބުކުގައި ވަރަށް ބޮޑަށް ދައުރުކޮށްފައިވާއިރު، ފާޑުކިޔާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް މަޝްހޫރު އަބްދުލްފައްތާހު އައްސީސީގެ ސަރުކާރަށް މި މައްސަލާގައި މިސްރުގެ އާންމުން އަންނަނީ ވަރަށް ފާޅުކަން ބޮޑު ގޮތަކަށް ފާޑުކިޔަމުންނެވެ.
އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މެޑިޓެރޭނިއަން ކަނޑާއި ރަތް ކަނޑު ގުޅުވައިދޭ ކެނަލް ބަލަަހައްޓާ ސުއެސް ކެނަލް އޮތޯރިޓީން ބަޔާނެއް ނެރެ ބުނެފައިވަނީ، ބައިނަލްއަގުވާމީ މުއާހަދާތަކުގެ ތެރެއިން މަދަނީ އަދި އަސްކަރީ އުޅަނދުތަކަށް ސުއެސް ކެނަލް މެދުވެރިކޮށް ދަތުރުކުރުމުގެ ހައްގު ކަށަވަރުކޮށްދޭ ކަމަށެވެ.
އެގޮތުން 1888 ވަނަ އަހަރުގެ ކޮންސްޓަންޓިނޮޕްލްގެ މުއާހަދާގައި ބަޔާންކުރާ ކަންކަމަކީ މިހާރުވެސް ސުއެސް ކެނަލް ހިންގުމުގެ ހުރިހާ ކަމެއް އެ މައްޗަށް ބިނާވެފައިވާ އަސާސްތައްކަން ފާހަގަކޮށް އެސްސީއޭއިން ބުނީ އެ މުއާހަދާގެ އެއްވަނަ މާއްދާަގެ ދަށުން ހުރިހާ ހާލަތެއްގައި އެ އުޅަނދެއް ނިސްބަތްވާ ގައުމަކަށް ބެލުމެއް ނެތި ހުރިހާ ގައުމެއްގެ އުޅަނދުތަކަށްވެސް ސުއެސް ކެނަލް ހުރަސްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ނިމުނު ހަފުތާ ތެރޭގައި މިސްރު އަސްކަރިއްޔާއިން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އުދުވާނީ ހަމަލާތަކުގައި އިސްރާއީލު އަސްކަރިއްޔާއަށް މަދަދުވެރިވާކަމުގެ ތުހުމަތުތައް މީސްމީޑިޔާގައި ދައުރުވާން ފެށުމުން އިސްރާއީލު އަސްކަރިއްޔާއިންވަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް ބަޔާނެއް ނެރެފަ އެވެ.
އޭގެ އެއް ދުވަސްކުރިން މިސްރުގެ އިސްކަންދަރިއްޔާއަށް ބަނދަރުކުރި އާގު ބޯޓެއްގަައި އިސްރާއީލުގެ އަސްކަަރިއްޔާއިން ބޭނުންކުރާ ގޮވާތަކެތި ގެންދާކަމަށް ތުހުމަތުކޮށް، އެ އުޅަނދުގައި ހުރި 150 ޓަނުގެ ގޮވާތަކެތި އިސްރާއީލަށް ވާސިލުވިޔަނުދިނުމަށް ޔޫރަޕުގެ ޖަމްއިއްޔާއަކުން ބާލިންގެ ކޯޓަކަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ.
އެ މައްސަލާގައި މިސްރު ސަރުކާރުން ބުނީ އެ އުޅަނދު އިސްކަަންދަރިއްޔާއަށް މަޑުކުރީ މިސްރުގެ ދިފާއީ ވުޒާރާއިން ގަނެފައިވާ މުދާތަކެއް ބޭލުމަށް ކަމަށާއި، އަދި އެ އުޅަނދު އިސްކަންދަރިއްޔާއިން ދަތުރުކުރާ މަންޒިލެއްގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ ތުރުކީ ކަމަށެވެ.