މޫސާ ޖަލީލު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ، 1980 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު އެވެ.
ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލަށް މިރޭ އަރުވައިފި އެވެ. މި އިއްޒަތް މޫސާ ޖަލީލަށް އެރުވީ މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
މި އިއްޒަތް، މޫސާ ޖަލީލަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ހިދުމަތްތަކާއި، ގައުމުގެ އިސްތިގްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ހާއްސަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން، ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި އެމަނިކުފާނު ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.
މޫސާ ޖަލީލު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ، 1980 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު އެވެ. އޭނާ ދިވެހި އަސްކަރިއްޔާގައި އަދާކުރެއްވި ހައުމީ ހިދުމަތާއި، ދެއްކެވި މަތިވެރި އަހްލާގެ ސަބަބުން، ޝަރަފުގެ ނިޝާނުގެ ގޮތުގައި، ނުވަ ކުލަ އާއި 11 މެޑެލް ލިބިވަޑައިގެންފައިވެ އެވެ. އެގޮތުން ލިބިވަޑައިގެންފައިވާ ބައެއް ކުލަތަކުގެ ތެރޭގައި އިހްލާސްތެރި ހިދުމަތުގެ ކުލަ އާއި ސިފައިންގެ ހިދުމަތުގެ ކުލަ، އަދި އަހްލާގީ ކުލަ ހިމެނެއެވެ.
މީގެއިތުރުން ތިނެއް ނޮވެންބަރުގެ މެޑެލާއި ޖިހާދުގެ ރަތް މެޑެލާއި ހުރަވީ ރަން މެޑެލާއި ނަމޫނާ އަސްކަރީ އިސް ހިދުމަތްތެރިންގެ މެޑެލާއި މަތިވެރި ހިދުމަތުގެ މެޑެލް އަދި ރައިސުލްޖުމްހޫރިއްޔާގެ މެޑެލް ވެސް ހިމެނެ އެވެ.
މޫސާ ޖަލީލަކީ ދިވެހި ޢަސްކަރިއްޔާގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގެ ޢަސްކަރީ އެންމެ އިސް ކޮމާންޑަރެއްގެ މަގާމާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ހިމެނެ އެވެ. އަދި މިނިސްޓްރ އޮފް ޑިފެންސް ނޭޝަނަލް ސެކިއުރިޓީގެ މަގާމުވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ފުރުއްވާފައިވެ އެވެ.
މިރޭގެ ޖަލްސާގައި މޫސާ ޖަލީލަށް އިއްޒަތް އެރުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ގަރާރު އިއްވާފައިވެ އެވެ.