އެ އާއިލާތަކަށް ބޯހިޔާވަހިކަން ދެއްވުމަށް ހާއްސަ ހައުސިން ޕްރަގްރާމެއް ފައްޓަވާނެ ކަމަށް ވެސް އިއުލާނު ކުރެއްވި އެވެ. އެ މަޝްރޫއު ހިންގަވާނީ "ޝަހީދުގެ ހިޔާ" ނަމުގައި ކަމަށް ވިދާޅުވި އެވެ.
ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި މީހުންގެ އާއިލާތަކަށް ހާއްސަ އިނާޔަތެއް ދެއްވުމަށާއި އެ އާއިލާތަކަށް ހާއްސަކޮށްގެން ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާ އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ސާޅީހަކަށް އަހަރުތެރޭ ސިފައިންގެ 29 ބޭކަލަކު އެކި ހާދިސާތަކުގައި އަޅުގަނޑުމެންނާއި ވަކިވެފައިވާ ކަމަށެވެ. ގައުމީ ހިދުމަތުގައި ތިއްބަވާ ގައުމާއި ރައްޔިތުންގެ ހައްގުގައި ފުރާނައިން ގުރުބާންވީ ނަމަވެސް އެ ބޭކަލުންނަށްޓަކާ އެކަށީގެން ކަމެއް ދައުލަތުން ކޮށްދެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ޝަހީދުގެ އާއިލާތަކަށް އެލަވަންސްއެއް އޮތް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަން ވެސް ފަހުން ހުއްޓިގެން ދިޔަ ކަމަށެވެ. އެއީ އެކަން ވެގެންވާނެ ގޮތް ނޫން ކަމަށާ އެ ބޭއިންސާފާމެދު ހިތާމަ ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެމަނިކުފާނު ގަސްތު ކުރައްވަނީ ޝަހީދުންގެ އާއިލާތަކަށް އަލުން އެލަވަންސްއެއް ދެއްވުމަށެވެ. އެ ގޮތުން ނޮވެމްބަރު ތިނެއްގައި މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ ލިބުނު ފަސް ބޭކަލަކާއި މެޑަލް ފޯ ބްރޭވަރީ ލިބިފައިވާ 10 ބޭކަލަކަށް އަދި އެ ދުވަހުގެ ޝަހީދުންގެ އާއިލާތަކަށް އުސޫލެއްގެ ތެރެއިން އެލަވަންސްއެއް ދެއްވަން ފައްޓަވާނެ ކަމަށް އިއުލާނު ކުރެެއްވި އެވެ.
މީގެ އިތުރުން އެ އާއިލާތަކަށް ބޯހިޔާވަހިކަން ދެއްވުމަށް ހާއްސަ ހައުސިން ޕްރަގްރާމެއް ފައްޓަވާނެ ކަމަށް ވެސް އިއުލާނު ކުރެއްވި އެވެ. އެ މަޝްރޫއު ހިންގަވާނީ "ޝަހީދުގެ ހިޔާ" ނަމުގައި ކަމަށް ވިދާޅުވި އެވެ.
އެ ޕްރަގްރާމްގެ ދަށުން 50 ހައުސިން ޔުނިޓް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޔަގީންކަން ދެއްވެވީ މި ދައުރުގައި އެ މަޝްރޫއު ފެށި ނިމި އާއިލާތަކާ ހަވާލު ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޝަހީދުންގެ އާއިލާތަކަށް ދައުލަތުގެ އެހީތެރިކަން އޮންނަން ޖެހޭ ކަމަށެވެ.