އޯލެވެލް ނިންމުމަށްފަހު އިތުރަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ނުލިބޭ އަދި ވަޒީފާއެއްވެސް ނުލިބޭ ޒުވާނުން ސިފައިންގޭގައި ނުވަތަ ފުލުހައި ހިދުމަތްކުރުން ލާޒިމުކުރާ ގާނޫނެއް ތައާރަފުކުރައްވާނެކަން މިރޭ ރައީސްވަނީ އިއުލާނުކުރައްވާފަ އެވެ.
ގައުމީ ދިފާއީ ބާރަށާއި ދިވެހި ފުލުހުންގެ ހިދުމަތަށް ބޭނުންވާ އަދަދަށް ޒުވާނުން ވެެއްދުމަށް ހާއްސަކޮށްގެން ގާނޫނުގެ ތެރެއިން އެކަށައަޅައި ގައުމީ ހިދުމަތުގެ ޕްރޮގުރާމެއް އަންނަ އަހަރުން ފެށިގެން ކުރިއަށްގެންދަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބާ އިހުތިފާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޯލެވެލް ފެންވަރަށް ތައުލީމު ހާސިލުކުރުމަށްފަހު އިތުރަށް ކުރިއަށްދާނެ މަގެއް ނެތި މަގުމަތިވެފައި ތިބޭ ޒުވާނުންގެ އަދަދު ވަރަށް ގިނަ ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމުގައި ވަރަށް ގިނަ ޒުވާނުން ކިޔަވައި އެބަ ނިމޭ. އޯލެވެލް ނިމި އޭލެވެލްއަށް ނުދެވި ކޮންމެ އަހަރަކުވެސް 2،000 އާއި 3،000 އާ ދެމެދުގެ އަދަދަކަށް ކުދިން އެބަތިބި ކަމަށް ހިސާބުތަކުން ދައްކާ. މީގެ ގިނަ ކުދިންނަށް ވަޒީފާއެއްވެސް ނުލިބޭ. އަދި ހަމައެއާއެކު އޭލެވެލް ނިންމާފައި ޑިގުރީއަށް ނުފެށޭ 500 އާއި 1،000 ދެމެދުގެ ކުދިން އެބަތިބި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެކަށީގެންވާ ތައުލީމެއް ނުލިބުމާއި ވަޒީފާގެ ފުރުސަތުވެސް ނެތުމުގެ ސަބަބުން އެތައްހާސް ޒުވާނުންނެއް މަސްތުވާތަކެއްޗާއި ކުށުގެ ވެށީގެ ތެރެއަށް ވިއްސިވިހާލިވަމުންދާ ޒުވާނުން ގިނަވުމުގެ ސަބަބުން ގައުމާއި މުޖުތަމައު އުފުލަންޖެހޭ ބުރަ ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ކުދިންނަކީ ވަޒީފާއެއް ލިބި އަސްކަރީ ތަމްރީނު ފުރިހަމަކޮށް ގައުމަށް ބޭނުން ހިފޭ ބަޔަކަށް ހެދިއްޖެނަމަ އެއީ އެ ކުދިންނާއި، އެކުދިންގެ އާއިލާތަކަށާއި ގައުމަށާއި ސިފައިންގެއަށްވެސް ކޮށްދެވޭނެ ވަރަށް ބޮޑު ރަނގަޅު ކަމެއް ކަމަށެވެ.
އަދި ސިފައިންގެ ހިދުމަތް އެމަނިކުފާނު ބޭނުންފުޅުވާ މިންވަރަށް ބޮޑުކުރާނަމަ ކުރިއަށް އޮތް ހަތަރު އަހަރު ކޮންމެ އަހަރަކު ސިފައިންގެއަށް 1،000 ކުދިން ރެކްރޫޓުކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ފުލުހުންގެ ވަޒީފާއަށް ހަތަރު އަހަރުން މަދުވެގެން 1،000 ކުދިން ރެކްރޫޓުކުރަންޖެހޭނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް ގައުމީ ހިދުމަތުގެ ޕްރޮގުރާމުގެ ގޮތުގައި އަންނަ އަހަރުން ފެށިގެން ޕްރޮގުރާމެއް ތައާރަފުކުރައްވަން ނިންމަވާފައިވާކަން އިއުލާނު ކުރައްވައި، އެ ޕްރޮގުރާމުގެ ބައެއް ތަފުސީލުތައް ރައީސްވަނީ މިރޭ ހިއްސާކުރައްވާފަ އެވެ.
ނޭޝަނަލް ސާވިސްގެ ގާނޫނެއް ހެދިގެން އެ ގާނޫނުގެ ދަށުން އުމުރުން 16 އަހަރުވެފައި އޯލެވެލް ނިންމުމަށްފަހު ނުވަތަ ތައުލީމު ހާސިލުކުރެވުނު ހިސާބުން އިތުރަށް ކުރިއަށްދާނެ ގޮތެއް ނެތި ވަޒީފާއެއްވެސް ނުލިބި ތިބޭ ކުދިން އެ ޕްރޮގުރާމުގައި ބައިވެރިވުން ލާޒިމުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ޕްރޮގުރާމުގެ ސަބަބުން ހަތަރު އަހަރުން 4،000 ކުދިން ސިފައިންގެ އަށް ރެކްރޫޓުކުރެވޭނެ ކަމަށާއި، އަދި ފުލުހަށް ޖުމްލަ އެއްހާސް ކުދިން ރެކްރޫޓުކުރެވޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވީތީ ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގުރާމުގެ ގޮތުގައި މި އަންނަ އަހަރުން ފެށިގެން ހިންގޭ ޤައުމީ ޕްރޮގުރާމެއް ފެށިގެންދާނެ. މި ޕްރޮގުރާމުވެގެންދާނީ ނޭޝަނަލް ސާވިސްއަކީ ޤާނޫނެއް ހެދިގެން، އެ ޤާނޫނުގެ ދަށުން އުމުރުން 16 އަހަރު ވުމަށްފަހު، އެ 16 އަހަރުވެގެން އޯލެވެލް ނިންމާފައި ދެން މައްޗަށް ދިއުމުގެ ފުރުސަތު ނުލިބޭ ކުދިންނަށް، ވަޒީފާއެއްވެސް ނުލިބޭ ކުއްޖަކު ވިއްޔާ މި ޕްރޮގުރާމުގައި ބައިވެރިވާންޖެހޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
" މީގެ ނަތީޖާއަކަށްވާނީ ސިފައިންގެއަށް 4،000 ކުދިން ފުލުހަށް 1،000 ކުދިން އިތުރުވާނެ. 400 މިލިއަން ރުފިޔާ މިކަމަށް ހާއްސަ ކުރެވިގެންދާނެ.،"
އިތުރަށް ރައީސް ވިދާޅުވީ މި ޕްރޮގުރާމު ހިންގުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމަނުއްވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ކޮންމެ އަހަރަކުވެސް އެ ޕްރޮގުރާމަށް 400 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނުއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެންމެފަހުން މިފަދަ ޕްރޮގުރާމެއް ރާއްޖޭގައި ހިންގާފައިވަނީ ރައީސް މައުމޫނުގެ ވެރިކަމުގަ އެވެ. އެއިރު ސްކޫލު ނިންމާ ކުދިންގެ ތެރެއިން ސަރުކާރުން ކަނޑައަޅާ ކުދިންނަށް ސިފައިންގޭގައި ހިދުމަތްކުރުން އޮންނަނީ ލާޒިމުކޮށްފަ އެވެ. ނަމަވެސް ފަހުން އެ ސިޔާސަތުވަނީ ނިމުމަކަށް ގެނެސްފަ އެވެ.
ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ ތެރެއިން ސިންގަޕޫރާއި ސްވިޒްލޭންޑު ފަދަ ވަރަށް ގިނަ ގައުމުތަކުގައި ޒުވާނުން ކިޔެވުމަށްފަހު ކަނޑައެޅިފައިވާ ވަކި މުއްދަތެއް ދިފާއީ ބާރުގައި ހިދުމަތްކުރުން ލާޒިމުކޮށްފައި އޮވެ އެވެ. އެފަދަ ޕްރޮގުރާމުތަކުގެ ބޭނުމަކީ ޒުވާނުންގެ އަހުލާގާއި އުޅުން ހަރުދަނާކުރުމެވެ.