އަހަރުތަކަކަށް ފަހު މައުމޫން ގައުމީ ޕޯޑިއަމަށް: ވަރުގަދަ ކުރަންވީ އީމާންކަން، މާތްﷲއަށް އޮންނަން ޖެހޭ ލޯބި

"ދުނިޔޭގެ ސިޔާސީ އޮއިވަރުތައް ހިނގަމުންދާ ގޮތުން ރާއްޖެއަށް ކުއްލި ނުރައްކަލެއް ދިމާވުމަކީ އަބަދުވެސް ވެދާނެ ކަމެއްކަން. އަބަދުވެސް ދިވެހި ރައްޔިތުން ތިބެން ޖެހޭނީ މިކަމަށް ހޭލާ،"

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަނީ

ދިވެހީންގެ މެދުގައި އޮތް އެއްބައިވަންތަކަން ދެމެހެއްޓުމަށް ހާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށާ ނޮވެންބަރު ތިނެއްގެ އުދުވާނުން ދިވެހީންނަށް މާތްﷲ މިންވަރު ކޮށްދެއްވި ނަސްރުގެ މަތީން އަބަދުވެސް ހަނދާންކޮށް ޝުކުރުވެރިވާން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. 1988 ވަނަ އަހަރުގެ ނޮވެންބަރު ތިންވަނަ ދުވަހު ދިވެހީންގެ މަދު ބަޔަކާ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ވަނީ ރާއްޖެ އަރާ ހަތިޔާރުން ހަމަލާދީ އޭރު ވެރިކަން ފުރޮޅާލަން މަސައްކަތް ކޮށްފަ އެވެ. ވެރިކަމުގައި ހުންނެވީ ރައީސް މައުމޫނެވެ.

ވަރަށް ގިނަ އަހަރުތަކަށް ފަހު ފުރަތަމަ ފަހަރަށް ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ނޮވެންބަރު ތިނެއް، 88 ގެ ހަމަލާ އަކީ ފަހަކަށް އައިސް ދިވެހީންނާއި ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާ ކަމަށެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް މައުމޫންގެ ދެކަނބަލުން ވަޑައިގަތުން

ނަސްރަކީ ހަމައެކަނި މާތްﷲގެ ހަސްރަތުން ލިބޭ އެއްޗެއްކަން ފާހަގަ ކުރައްވާ މައުމޫން ވިދާޅުވީ އެ ދުވަހުގެ ނަސްރަކީ މާތްﷲ މިންވަރު ކުރެއްވި ވަރަށް ބޮޑު ރަހްމަތެއް ކަމަށެވެ. އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް ކަމުގައި ވިދާޅުވެ އެމަނިކުފާނު ވަނީ އަމިއްލަ ސަލާމަތާއި ރައްކާތެރި ކަމަށްޓަކާ އީމާންކަން ވަރުގަދަ ކުރަންޖެހޭ ކަމަށާ މާތްﷲއަށް އޮންނަ ލޯބި އިތުރު ކުރަން ޖެހޭ ކަމުގައި ވިދާޅުވެފަ އެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް މައުމޫންގެ ދެކަނބަލުން ވަޑައިގަތުން

ރައީސް ވިދާޅުވީ އެފަދަ ކޮންމެ ހާދިސާއަކުން ސަަލާމަތް ވުމަށް އެއްބައިވަންތަކަން ދެމެހެއްޓުމަށް ހާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށެވެ. ވިދާޅުވީ ގައުމީ އުސޫލުތަކަށް ސިޔާސީ ކަންކަމަށް ވުރެ އަބަދުވެސް އިސްކަން ދޭން ޖެހޭ ކަމަށެވެ.

ނަސްރުގެ ދުވަހު ފެނިގެން ދިޔައީ އެ ސިފަ ކަމުގައި ވެސް ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ އޭރު ވެސް ސަރުކާރާމެދު މަދު ބަޔަކު ހިތްހަމަނުޖެހި ތިއްބަސް ނޮވެންބަރު ތިނެއް ގައި ކޮންމެ ރައްޔިތެއްްގެ ފަރާތުން ފެނުނީ ގައުމުގެ ދިފާއުގައި ތިބި މަންޒަރު ކަމަށެވެ.

ކުއްލި ނުރައްކަލެއް ދިމާވުމަކީ އަބަދުވެސް ވެދާނެ ކަމެއް ކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"ދުނިޔޭގެ ސިޔާސީ އޮއިވަރުތައް ހިނގަމުންދާ ގޮތުން ރާއްޖެއަށް ކުއްލި ނުރައްކަލެއް ދިމާވުމަކީ އަބަދުވެސް ވެދާނެ ކަމެއްކަން. އަބަދުވެސް ދިވެހި ރައްޔިތުން ތިބެން ޖެހޭނީ މިކަމަށް ހޭލާ،"

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް މައުމޫންގެ ދެކަނބަލުން ވަޑައިގަތުން

މައުމޫންގެ ވާހަކަފުޅު ނިންމަވާލެއްވީ ފަލަސްތީނުގެ މުސްލިމު ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ކުށްވެރި ކުރައްވަމުންނެވެ.

އަދި ވިދާޅުވީ ފަލަސްތީނަށް ތާއީދު ދިނުމުގައި ދިވެހީން ދެގޮތެއް ނެތި ދެމިތިބެން ޖެހޭ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.