ވިދާޅުވީ މި ބަޖެޓުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ނުވާނެ ކަމަށެވެ.
ބަޖެޓު 2025 އަކީ ދިވެހި ރައްޔިތުންނަށް މާޔޫސްކަން ގެނުވާނެ ޓެކުހާއި ހަރަދު އަދި ދަރަނި ބޮޑު ބަޖެޓެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން / ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ މެދު އޮތް ކަންބޮޑުވުންތަކާ ގުޅިގެން ފައްޔާޒު ވަނީ މިރޭ އެކްސް ގައި ތަފްސީލީ ޕޯސްޓެއް ކުރައްވާފަ އެވެ.
ފައްޔާޒު ވިދާޅުވީ މި ފަހަރުގެ ބަޖެޓާ މެދު ރައްޔިތުން މާޔޫސްވާނެ ގިނަ ސަބަބުތަކެއް ހުރި ކަމަަށެވެ. ބައެއް ސަބަބުތައް ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ވިދާޅުވީ މި ބަޖެޓުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުންނާއި ވިޔަފާރިތަކުގެ ފައިސާ ސަރުކާރަށް ޓެކްސްގެ ގޮތުގައި އިތުރަށް ނަގައި، އެ ފައިސާ ސަރުކާރުން ހަރަދު ކުރަނީ ރައްޔިތުންނަށް ފައިދާހުރި ކަންކަމަކަށް ނޫން ކަމަށެވެ.
"އެ ފައިސާ ގެއްލި ދަނީ ސަރުކާރުގެ އިސްރާފަށް،"
ފައްޔާޒު ވިދާޅުވީ ކޮވިޑް-19އަށް ފަހު ބޭނުންވާ އިގްތިސާދީ އިސްލާހީ އެޖެންޑާ މި ބަޖެޓުގައި ބޭނުންވާ މިންވަރަށް ހިމެނިފައި ނެތް ކަމަށެވެ. މި ބަޖެޓަކީ ދަރަނި ބޮޑު ކުރާނެ ބަޖެޓެއް ކަމަަށާ 16.9 ބިލިއަން ރުފިޔާގެ އިތުރު ދަރަނި މި ބަޖެޓު ފޫބައްދަން ހޯދަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ފައިސާ ހޯދަން ސަރުކާރު މިހާރުވެސް ފޭލިވަމުން ދާއިރު މި ފައިސާ ހޯދޭނެ ގޮތުގެ ރަނގަޅު ޕްލޭނެއް ނެތް. މި ފައިސާގެ ބޮޑުބައި ހޯދުމަށް ބަޖެޓުގައި ޖަހާފައިވަނީ ބޭރުގެ ކޮމާޝަލް ބޭންކުތަކުން ބަޖެޓް ސަޕޯޓް ލޯނު ނަގައިގެން. މިއީ ކަންބޮޑުވާ ފައިނޭންސިންގ ސްޓްރެޓެޖީއެއް. އަދި މިހާރުވެސް ނުހޯދިގެން އުޅޭއިރު، ކޮމާޝަލް ބޭންކްތަކުން ދޭނެކަމަށް ނިންމީ ކިހިނެއްބާ،" ފައްޔާޒު ވިދާޅުވި އެވެ.
ސަރުކާރަށް ބަޖެޓަށް ބޭރުން ފައިސާ ނުހޯދިގެން ދައުލަތުގެ ކޭޝްފްލޯ އާއި ރިޒާވް ވަނީ ދުވަހަކު އަޑިނާޅާ މިންވަރަކަށް ހީނަރުވެފައި ކަން ވެސް ފާހަގަ ކުރެއްވި އެވެ. އަދި މި ބަޖެޓުން މި ހީނަރުކަން ފިލުވައިދޭނެ ހައްލެ ނުފެންނަ ކަމަށާ ފޫބައްދަންޖެހޭ މިންވަރު ބޮޑުކަމުން ނަގަން ޖެހޭ ދަރަނި ބޮޑު ކަމަށް ވިދާޅުވި އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ޓެކްސްތައް ބޮޑު ކުރުމާއި ބަޖެޓު ފައިނޭންސް ކުރުމަށް ބެންކުގައި ހުރި ފައިސާ ސަރުކާރަށް ނެގުމުން ޕްރައިވެޓް ސެކްޓަރަށް ވަރަށް ދަތިވާ ކަމަށެވެ. އަދި ސަރުކާރުން ޕްރައިވެޓް ސެކްޓަރަށް ގަވާއިދުން ފައިސާވެސް ނުދައްކާ ކަމަށާ މި ބަޖެޓުން ފެންނަނީ ޕްރައިވެޓް ސެކްޓާ އިތުރަށް ހީނަރު ކުރާނެ ތަން ކަމަށެވެ.
"މިއީ ސިޔާސީ ބޭނުމަށް ކައުންސިލްތަކަކީ ނުކުޅެދޭ ތަންތަން ގޮތުގައި ރައްޔިތުންނަށް ވިސްނައިދިނުމަށް ކައުންސިލްތަކަށް އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް އޮތް ބަޖެޓެއް،"
ކައުންސިލްތަކުގެ ބަޖެޓު ލާމަރުކަޒީ ގާނޫނާ ހިލާފަށް އުނިކޮށް، ލޯކަލް ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ބާރުތައް މަރުކަޒު ކުރާނެ ކަމަަށާ ދައުރުގެ ކުރީކޮޅުގައި ރައީސް މުއިއްޒު އިތުރު ބަޖެޓް ކައުންސިލުތަކަށް ދެއްވާނެ ކަމަށް ވައުދުވި ނަމަވެސް، އެކަން ބޮލާލައި ޖަހާފައިވާ ކަމަށެވެ. އަދި ކުރީގެ ހައުސިން މިނިސްޓަރުގެ ގޮތުގައި ހުންނެވި އިރުވެސް ކައުންސިލުތަކުގެ ބާރު ކަނޑުވާލީ ރައްޔިތުންނަށް ބާރު ނުދީ، ބަޖެޓުން ސަރުކާރުން ހިންގާ ޖަރީމާތައް އިތުރުކުރާން ވެގެން ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ބަޖެޓުގެ މުހިއްމު ތަފްސީލުތައް ވަނީ ނުހިމަނައި ފޮރުވާފައި ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެގޮތުން މުސާރައިގެ ތަފްސީލު އަންގައިދޭ ތާވަލެއް އަދި މަޝްރޫއުތަކުގެ ލިސްޓެއް ބަޖެޓުގައި ހިމަނާފައި ނެތް ކަމަށާ ސަރުކާރުގެ ސިއްރުވެރި ސިޔާސަތު ބަޖެޓުންވެސް ފެންނަ ކަމަށް ވިދާޅުވި އެވެ.
"މަޝްރޫއުތަކުގެ ލިސްޓް ފޮރުވުމުން ރައްޔިތުންގެ ފަރާތުން މަޖިލީހުގެ މެންބަރުންނަށް ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއްވެސް ނެތް. ރައްޔިތުންގެ އުއްމީދުތަކުގައި ކެރިގެން ކުލަޖައްސައިދެވޭނެ ޕްލޭނެއް ނެތް. ސަރުކާރު ދަނީ ރައްޔިތުންނާ ދުރަށް،"
އަދި ވިދާޅުވީ ރައީސް މުއިއްޒު ވެވަަޑައިގެންނެވި ބޮޑެތި ވައުދުތައްވެސް މި ބަޖެޓުގައި ނުހިމެނޭ ކަމަށެވެ. އެކަން ބަޖެޓުގެ ތަފްސީލަކުން ނަންބަރަކުން ފެންނަން ނެތް ކަމަށެވެ.
އެހެން ކަމުން މި ބަޖެޓަކީ ރައީސް މުއިއްޒު އުނބަށް ޖަހައި ވައުދާ ހިލާފުވި ބަޖެޓެއް ކަމަށާ މިއީ ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާ ބަޖެޓެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"މި ބަޖެޓުން މި ފެންނަނީ އިގްތިސާދީ މާލީ ކަންކަން މެނޭޖް ނުކުރެވި، ތިމާމެންނަށް ނުވާ ވަރުގެ ކަމަކާ ބޮލުގައި އެޅިގެން ނުކުރެވިގެން އުޅޭތަން. މިއީ ދިވެހި ރައްޔިތުންނަށް ހައްގު މިންވަރެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.