ސަބްސިޑީތަކަށް ގެންނަ އިސްލާހުގެ އެންމެ ބޮޑު މަގުސަދަކީ އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ނިކަމެތި މީހާއަށް ދައުލަތުން ފޯރުކޮށްދޭ އެހީތެރިކަމަކީ ތަނަވަސް މީހާއަށް ފޯރުކޮށްދޭ އެހީއަށްވުރެ ބޮޑު އެހީއެއްކަން ކަށަވަރުކުރުމެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މާލީ އިސްލާހުތަކުގެ މައިގަނޑު އެއް އަމާޒަކީ އިޖުތިމާއީ އަދާލަތުގެ ނިޒާމު އިތުރަށް ފުރިހަމަކުރުން ކަމަށް ސަރުކާރުން ބުނެފި އެވެ.
2025 ވަނަ އަހަރަށް ލަފާކޮށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހަރަދު ކުޑަކުރުމުގެ ގޮތުން ބޮޑެތި މާލީ އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައިވާއިރު އެ އިސްލާހުތަކުގެ ބޮޑު ބަޔަކީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގައި ހިމެނޭ ސަބްސިޑީތަކާއި އާސަންދައިގެ ނިޒާމާ ގުޅޭ އިސްލާހުތަކެވެ. އަދި ޕެންޝަން ނިޒާމު އިސްލާހުކުރުމަށްވެސް ބަދަލުތަކެއް ގެނައުމަށް ބަޖެޓުގައި ހިމަނާފައިވެ އެވެ.
ރޭ ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ނައިބު އަހްމަދު ސާއިދު މުސްތަފާ ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމުގެ ވާހަކައަކީ ފާއިތުވި އެތައް އަހަރަކު ދެކެވެމުން އައި ވާހަކައަކަށްވީ ނަމަވެސް އެކި ސަބަބުތަކާހުރެ އެ މަސައްކަތް އޮތީ ނުކުރެވި ކަމަށެވެ.
އިތުރަށް ސާއިދު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ދިވެހި ރައްޔިތުން ވޯޓު ދިން މައިގަނޑު ސަބަބަކީ އެއިރުވެސް މާލީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައި ހުރިކަމަށް ގަބޫލުކުރެވުނު ދަތިތަކުން އަރައިގަތުމަށް ބޭނުންވާ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ހާލަތުން ރާއްޖެ ސަލާމަތްކުރުން ކަމަށެވެ. 2025 ވަނަ އަހަރުގެ ބަޖެޓުގައި އެކަމަށް ބޭނުންވާ ގިނަ ފިޔަވަޅުތަކެއް ހިމެނިފައިވާނެ ކަމަށް ސާއިދު ވިދާޅުވި އެވެ.
އެ އިސްލާހީ ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ އިޖުތިމާއީ އަދާލަތު ފުރިހަމަކުރުން ކަމަށްވެސް ސާއިދު ވިދާޅުވި އެވެ. މިހާރުގެ ހާލަތަށް އަލިއަޅުވައިލައްވައި ސާއިދު ފާހަގަކުރެއްވީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި ރައްޔިތުން އަތުން ނަގާ ޓެކުހުން ބޮޑު އަދަދެއް ސަބްސިޑީގެ ގޮތުގައި ފޯރުކޮށްދެމުންދަނީ ދައުލަތުގެ ކުންފުނިތަކަށް ކަމަށެވެ.
ނަމަވެސް އެ ހިދުމަތްތަކުގެ އަގުހެޔޮވާކަން ރައްޔިތުންނަށް އިހުސާސްނުވާކަމަށް ސާއިދު ވިދާޅުވި އެވެ. އަދި ސަރުކާރުން އެހީތެރިކަން ރައްޔިތުންނަށް ލިބޭކަމުގެ އިހުސާސެއް ރައްޔިތުންގެ މެދުގައި ނޯންނަނީ އެ އެހީތެރިކަން ކުންފުނިތަކަށް ފޯރުކޮށްދެމުންދާތީކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ދިވެހިން ކުރާނެ ސުވާލެއް، ހަރަދުތަކެއް އެބަކުރެވެއޭ ނަތީޖާއެއް ނެތޭ، ހޭދަތަކެއް އެބަކުރެވޭ އެކަމަކު އިހުސާސެއް ނެތް. ފިއުލް ސަބްސިޑީގެ ގޮތުގައި 1.9 ބިލިއަން، 1.7 ބިލިއަން އަދި ބައެއްފަހަރު ދެ ބިލިއަން ރުފިޔާ އެބަދެވޭ. ކަރަންޓު ސަބްސިޑީގެ ގޮތުގައި މިހާކަށް ބޮޑު ސަބްސިޑީއެއް އެބަދެވޭ. އެކަމަކު އާންމު ދިވެހި މީހާއަށް އެ ސަބްސިޑީއެއް އިހުސާސެއް ނުވޭ. ކަރަންޓު ބިލު ކުޑަވާކަމުގެ އިހުސާސެއް އާންމު ދިވެއްސަކަށް ނުކުރެވޭ،" ސާއިދު ވިދާޅުވި އެވެ.
"މިގޮތަށް ސަބްސިޑީއަށް ހަރަދުކުރަމުންދިއުމަކީ ނިމުމެއް ނެތް ހަލާކެއްގެ ތެރެއަށް ދިވެހި ދައުލަތަށް ހުށަހެޅިގެންދާނެ ކަމެއް،"
އަދި ސަބްސިޑީތައް އެންމެ ގިނައިން ލިބެނީ ކުންފުނިތަކަށްކަން ފާހަގަކުރައްވަމުން ސާއިދު ވިދާޅުވީ އެ ކުންފުނިތައް އިސްލާހުކުރެވޭނެ ގޮތަކީވެސް ސަބްސިޑީ ނިޒާމު އިސްލާހުކުރުން ކަމަށެވެ. މިހާރު ސަބްސިޑީގެ އެންމެ ބޮޑު ބައެއް ލިބެނީ އެންމެ މުއްސަނދި 10 އިންސައްތަ ގޭބީސީއަށް ކަމަށެވެ.
މި ބަޖެޓާއެކު ނިންމާފައިވަނީ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ އާންމު މީހާގެ އަތަށް ފައިސާ ދިނުމަށް ކަމުގައިކަން ފާހަގަކުރައްވަމުން ސާއިދު ވިދާޅުވީ އެއީ ތަރައްގީވެފައިވާ ގައުމުތަކާއި މާލީ ކަންކަން ހަރުދަނާ މިންގަނޑެއްގެ ތެރެއިން ކުރިއަށްގެންދާ ހުރިހާ ގައުމެއްގައިވެސް ކަންކަން އޮތް ގޮތް ކަމަށެވެ.
އަދި މި އިސްލާހުތަކުގެ އަމާޒަކީ ފުދުންތެރި މީހާއަށް ދައުލަތުން ލިބޭ އެހީތެރިކަމަށްވުރެ ބޮޑު އެހީތެރިކަމެއް ނިކަމެތި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ މީހާއަށް ލިބޭކަން ކަށަވަރުކުރުން ކަމަށްވެސް ސާއިދު ވިދާޅުވި އެވެ. ސާއިދު ވިދާޅުވީ މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އެތައް ބިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމަށެވެ.
2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުން ހަރަދު ކުޑަކުރުމަށް ގެންނަ މާލީ އިސްލާހުތަކުން ޖުމްލަ 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ އެވެ.