މުދަލަށް ގެއްލުންދީ، ބިރުދައްކައި އިންޒާރު ދިން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. މަނަދޫ، މަގުލަަސް، އަލީ ޝާހިލް އަބްދުﷲ 28އ، އެވެ.
ފިހާރައަކަށްވަދެ މުދަލަށް ގެއްލުން ދިނުމަށްފަހު އެތާ ހުރި މީހަކު މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި އެވެ.
މުދަލަށް ގެއްލުންދީ، ބިރުދައްކައި އިންޒާރު ދިން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. މަނަދޫ، މަގުލަަސް، އަލީ ޝާހިލް އަބްދުﷲ 28އ، އެވެ.
އޭނާ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ބަންދު އަމުރުގައިވާގޮތުން، އޭނާ އާޢި ދެކޮޅަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ވަނީ ހުށަހަޅާފައެވެ. އެގޮތުން މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި ވީޑިއޯ ސްނެޕްޝޮޓް ތަކާއި، މަންޒަރު ދުށް ފަރާތާއި ފުލުހުންގެ ބަޔާންވެސް ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން މީނާ ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިން ކަމަށްވެސް އަމުރުގައި ވަނީ ފާހަގަކޮށްފަ އެވެ.
އަމުރުގައިވާގޮތުން މީނާ އަކީ ކުށުގެ ރެކޯޑު ގިނަ މީހެކެވެ. އަދި މައްސަލަ ހުށަހެޅި ފަރާތް މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާތީއާއި، އެއްވެސް ފަރުވާލެއްނެތި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ފިހާރައަކަށް ވަދެ ގެއްލުން ދީފައިވާ ކަމަށް އަމުރުގައިވެ އެވެ.
އޭގެ އިތުރުން މިއީ މައްސަލަ ހުސަހެޅި ފަރާތަށް އިންޒާރުދިން ދެވަނަ ފަހަރު ކަމަށާއި އެހެންކަމުން އޭނާ ބަންދުން ދޫކޮށްލައިފިނަމަ ކުށް ތަކުރާރުވެދާނެ ފަދަ އިހުތިމާލެއް އެންމެ މަތީ ދަރަޖައަށް އޮތް ކަމަށް ދެކޭތީ ގާޒީ އިސްމާއިލް ޝަފީއު ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.