މައިގަނޑު ގޮތެއްގައި އިންފުލޭޝަން މަތިވަނީ ކުރިން ނުސީދާ ގޮތެއްގައި ކުންފުނިތައް މެދުވެރިކޮށް ދެމުންދާ ސަބްސިޑީތައް ސީދާ ބޭނުންޖެހިފައިވާ މީހުންނަށް ދޭ ގޮތަށް ބަދަލުކުރުމުންނެވެ.
އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު %3.9 އަށް މަތިވާނެ ކަމުގައި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި 2025 ވަނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފި އެވެ.
ބަޖެޓާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ބަޖެޓުގައި ހިމަނާފައިވާ މާލީ އިސްލާހުތައް ތަންފީޒުކުރުމުގެ ސަބަބުން ކޮންމެވެސް މިންވަރަކަށް އިންފުލޭޝަން މަތިވާނެ ކަމުގައި އަންދާޒާކުރެވޭ ކަމަށެވެ.
މި އަހަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ނެރެފައިވާ ރިޕޯޓުގައި އަދި ވޯލްޑް ބޭންކުން މި އަހަރު ނެރުނު އިކޮނޮމިކް އަޕްޑޭޓުގައިވެސް ބުނެފައިވަނީ ސަރުކާރުން އެކުލަވައިލާފައިވާ މާލީ އިސްލާހީ އެޖެންޑާގައި ހިމެނޭ ސަބްސިޑީ ނިޒާމު އިސްލާހު ކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުން އިންފުލޭޝަން މަތިވާނެ ކަމަށެވެ.
އެގޮތުން ބައެއް މާލީ އިދާރާތަކުން ލަފާކުރި ގޮތުގައި އަންނަ އަހަރު ރާއްޖޭގެ އިންފުލޭޝަން %5 އަށް އުފުލޭނެ އެވެ. ނަމަވެސް ސަރުކާރުން ގަބޫލުކުރާ ގޮތުގައި އެ މިންވަރަށް އިންފުލޭޝަން މަތިނުވާނެ އެވެ.
މައިގަނޑު ގޮތެއްގައި އިންފުލޭޝަން މަތިވަނީ ކުރިން ނުސީދާ ގޮތެއްގައި ކުންފުނިތައް މެދުވެރިކޮށް ދެމުންދާ ސަބްސިޑީތައް ސީދާ ބޭނުންޖެހިފައިވާ މީހުންނަށް ދޭ ގޮތަށް ބަދަލުކުރުމުންނެވެ. ސަބްސިޑީ ނިޒާމަށް ގެންނަ ބަދަލާއެކު ސަބްސިޑީ ލިބޭނީ އޭގެ ހައްގުވެރިންނަށް އެކަންޏެވެ.
ސަބްސިޑީ ނިޒާމު އިސްލާހުކުރުމަށް މާލީ އިދާރާތަކުން ލަފާ ދެމުންދާތާ އަހަރުތަކެއް ފާއިތުވި ނަމަވެސް އެކި ސަބަބުތަކާހުރެ ސަބްސިޑީ އިސްލާހުތައް ތަންފިޒުކުރުން އޮތީ ވަރަށް ބޮޑަށް މަޑުޖެހި ލަސްވެފަ އެވެ. ސަބްސިޑީއަށް ކުރާ ހަރަދު އަހަރުން އަހަރަށް އިތުރުވަމުން ގޮސް ދައުލަތަށް ބޮޑު މާލީ ބުރައަކަށްވަނީ ވެފަ އެވެ.