މި ބަދަލާއެކު އެއާޕޯޓުން ފުރާ މީހުންގެ އަތުން ނަގާ ޓެކްސް ވެސް ބޮޑުވާނެ އެވެ. މި ބަދަލާއެކު ޖުމްލަ އާމްދަނީ 4.9 ބިލިއަން އިތުރުވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.
އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ ބޮޑުކުރަން ހުށަހެޅި ބިލާއެކު ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ދެގުނައަށް ބޮޑު ކުރަން މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުން ވަނީ އަންނަ އަހަރު އާމްދަނީ އިތުރު ކުރުމުގެ ގޮތުން ހުށަހެޅި ގޮތަށް މި ބަދަލު ފާސް ކުރުމާއެކު ޓެކްސްތައް ބޮޑުވުމުން ޓޫރިޒަމް ސިނާއަތުގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ. ނަމަވެސް ސަރުކާރުން ވަނީ މި ބަދަލާއެކު ޓޫރިޒަމް ސިނާއަތަށް ދަތި ނުވާނެ ކަމަށް ބުނެފަ އެވެ.
ސަރުކާރުން ހުށަހެޅި މި ބިލްތަކަށް ހުށަހަޅާފައިވާ އިސްލާހުތަކަށް މާލިއްޔަތު ކޮމެޓީ އަދި އިގްތިސޯދީ ކޮމެޓީ ގުޅިފައިވާ ސަބްކޮމެޓީން ގެނެސްފައިވަނީ އެންމެ ބަދަލެކެވެ. އެ ބަދަލަކީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ނަގާ ގޮތަށް ބަދަލު ކުރުމެވެ.
ޓެކުހަށް ގެނައި މި ބަދަލުތަކުގެ އިތުރުން ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާފީ ބޮޑުކުރަން ވެސް ވަނީ ނިންމާފަ އެވެ. މި ބަދަލު ގެނެސްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށެވެ.
ސަރުކާރުން ވަނީ އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އާމްދަނީ އިތުރު ކުރުމުގެ ފިޔަވަޅުތަކާއެކު 4.9 ބިލިއަން ރުފިޔާ މި އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.