އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކުން 11.5 ބިލިއަން ރުފިޔާގެ ފިސްކަލް ޖާގައެއް އުފެދޭނެކަމަށް އަންދާޒާކުރެވެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ހުށަހެޅި ބަޖެޓުގައި ގެންނަން ކަނޑައަޅާފައިވާ މާލީ އިސްލާހުތަކުގެ ތެރެއިން 11.5 ބިލިއަން ރުފިޔާގެ ފިސްކަލް ޖާގަައެއް އުފެދޭނެކަން ބަޖެޓުން ހާމަވެއްޖެ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ގެންނަން ހަމަޖެހިފައިވާ މާލީ އިސްލާހުތައް ދެ ބައަކަށްވަނީ ބަހާލާފަ އެވެ. އެއިން ފުރަތަމަ ބައަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ބައެވެ. ހަރަދުތައް ކުޑަކުރުމުގެ ގޮތުން ފަސް ފިޔަވަޅެއް އެޅުމަށް ބަޖެޓުގައިވަނީ ހިމަނާފަ އެވެ.
މި ފަސް އިސްލާހު ތަންފީޒުކުރެވުމުން ބަޖެޓުގެ ހަރަދުތަކުން 6.6 ބިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެ އެވެ. އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތައް މިހާރުވަނީ ނިމިފަ އެވެ.
އެހެންކަމުން އަންނަ އަހަރު މި އިސްލާހުތައް އެކަށީގެންވާ ގޮތެއްގަައި ތަންފީޒުކޮށް ނިންމާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދެ އެވެ.
މާލީ އިސްލާހުތަކުގެ ދެވަނަ ބަޔަކީ އާމްދަނީ އިތުރުކުރުމެވެ. އާމްދަނީ އިތުރުކުރުމަށް އަޅާ ބައެއް ފިޔަވަޅުތައް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރާނެ އެވެ. އެއީ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ގެންނަ އިސްލާހުގެ އިތުރަށް ބައެއް ޓެކްސްތައް ބޮޑުކުރުމެވެ.
ބޮޑުކުރާ ފީތަކާއި ޓެކްސްތަކުގެ ތެރޭގައި އެއާޕޯޓު ޓެކުހާއި ފީ އަދި ގްރީން ޓެކުހާއި، އަދި ޓީޖީއެސްޓީ އެވެ. މި ޓެކުސްތައް ބޮޑުކުރުމުގެ އިތުރަށް ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމާއި، އަމިއްލަ ފަރާތްތަކުން ހިންގާ ބިންހިއްކުމުގެ މަޝްރޫއުތަކަށް ނަގާ ވެލިން ޑްރެޖިން ފީއެއްވެސް ނެގުމަށްވަނީ ނިންމާފަ އެވެ.
އޭގެ އިތުރަށް ރާއްޖޭގައި ހިންގާ ޓޫރިޒަމް އެސްޓަބްލިޝްމެންޓުތަކުގެ ހިދުމަތްތައް ވިއްކާ ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ޓެކްސް ނެގޭ ގޮތަށް ޖީއެސްޓީ ނިޒާމުގެ ތެރެއިން ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުން ހިމެނެ އެވެ.
އާމްދަނީ އިތުރުކުރުމުގެ މިހުރިހާ ފިޔަވަަޅުތަކާއެކު، އެ ފިޔަވަޅުތަކުން އެކަނި އަންނަ އަހަރު 4.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ވަންނާނެ ކަމުގައި ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.