އެގޮތުން ފެށިފައިވާ އެއް މަސައްކަތަކީ ރާއްޖޭގައި ޑިޖިޓަލް ކަރަންސީ ބޭނުންކުރުމަށް މަގުފަހިކުރުމުގެ މަސައްކަތްތައް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސާދު ޑިޖިޓައިޒް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑިޖިޓަލް ކަރަންސީ ރާއްޖެއަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފަށައިފި އެވެ.
އެމްއެމްއޭއިން އެ މަސައްކަތް ކުރަމުންދާކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. އެކަން އެމަނިކުފާނު އިއުލާނު ކުރެއްވީ މިއަދު އޮތް ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްވި ތަގުރީރުގަ އެވެ. އެ ތަގުރީރުގައި ރައީސް ވިދާޅުވީ ޒުވާނުންނަށް އިގުތިސާދީ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެގޮތުން ޒުވާނުންނަށް ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކޮށްދިނުމަށްޓަކައި ފުރިހަމަ ޕޭމެންޓް ގޭޓްވޭ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތުގައި ވަރަށް ގިނަ ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެ ގޮންޖެހުންތައް ގިރާކުރުމުގައި ވަގުތު ނެގި ނަމަވެސް އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި އެމަނިކުފާނު އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ދެއްވި ތަގުރީރުގައި ރާއްޖޭގެ އިގުތިސާދުގައި ޑިޖިޓަލް އިކޮނޮމީގެ ހިއްސާ އިތުރުކުރަން މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކުރެއްވި ކުރެއްވުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އިގުތިސާދުގެ %15 ޑިޖިޓަލް އިކޮނޮމީން ހިއްސާކުރާ މިންވަރަށް 2030 ގެ ކުރިން ޑިޖިޓަލް އިކޮނޮމީ ފުޅާކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
އެގޮތުން ފެށިފައިވާ އެއް މަސައްކަތަކީ ރާއްޖޭގައި ޑިޖިޓަލް ކަރަންސީ ބޭނުންކުރުމަށް މަގުފަހިކުރުމުގެ މަސައްކަތްތައް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ކުރުމަށް އެމްއެމްއޭގެ ގަވަރުނަރަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކަމުގައި ކުރެވެމުންދާ މަަސައްކަތަކީ ޑިޖިޓަލް ކަރަންސީ ތައާރަފުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑުތައް އެކުލަވައިލާ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތެވެ. އެގޮތުން އެ ފައިސާއާ ގުޅޭ އެކި މައްސަލަތަަކަށް ފަރުވާ ލިބޭނެ ގޮތަށް ދުނިޔޭގައި ކްރިޕްޓޮ ކަރަންސީއާ ގުޅޭ ބެސްޓް ޕްރެކްޓިސްއަށް ބަލައިގެން ގާނޫނު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު މިހާރު އެމްއެމްއޭގެ ގަވަރުނަރަށް ދަންނަވާފައިވާނެ ޑިޖިޓަލް ކަރަންސީ، ކްރިޕްޓޮ ކަރަންސީ ރާއްޖެއަށް ތައާރަފުކުރުމަށްޓަކައި މަސައްކަތްތައް ފަށަން. އެ މަސައްކަތާ ގުޅޭ އަމަލީ މަސައްކަތް ގަވަރުނަރު ފަށައިފި،" ރައީސް ވިދާޅުވި އެވެ.