އަންހެނުންނާއި ޒުވާނުންނަށް ވަކިން ހާއްސަކަމެއް ދީގެން ތައުލީމާއި ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވައިލުމުގެ ތެރެއިން ދިވެހީންނަކީ ފަންނުވެރި ބަޔަކަށް ހަދައި، ދިވެހީންގެ އުފެއްދުންތަކާއި ހިދުމަތްތައް ދުނިޔޭގެ ބާޒާރަށް ނެރުމަކީ އަމާޒެއް.
ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ އިކޮނޮމިކް ރިފޯމް އެޖެންޑާ ތަންފީޒުކުރުމުގެ ތެރެއިން، 2028 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަން 10 ބިލިއަން ޑޮލަރާ ހަމައަށް ގެންދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ އިގުތިސޯދީ ގޮތުން ރާއްޖެ އޮތީ އަލުން ފަށަން ޖެހިފައިވާ ހިސާބެއްގައި ކަމަށެވެ. ނިޒާމީ ގޮތުން ހުރި މައްސަލަތައް ހައްލުކޮށް، ސަރުކާރުގެ ތަސައްވުރާ އެގޮތަށް މުޅި ރާއްޖޭ ތަރައްގީ ކުރުމަކީ އަމާޒެއް ކަމަށެވެ.
މީގެއިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާބަން ސެންޓަރުތައް ގާއިމުކޮށް، ސަރަހައްދީ ތަރައްގީއަށް މަގުފަހިކުރުމަކީ ވެސް މި އެޖެންޑާގައި ތަސައްވުރުކޮށްފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސައްވުރު ކުރައްވަނީ މި ދަންނަވާލި ކަންކަން ހައްލުކުރުމަށް މިހާރު ވަޒީރުންގެ މަޖިލީހުން ފާސްކުރައްވާފައިވާ އިކޮނޮމިކް ރިފޯމް އެޖެންޑާ ތަންފީޒުކުރުމުގެތެރެއިން، ދިވެހިރާއްޖޭގެ ޖީޑީޕީ 2028 ވަނަ އަހަރު 10 ބިލިއަން ޑޮލަރާ ހަމައަށް ގެންދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއަކީ އަބަދުވެސް ތެޔޮ އިމްޕޯޓުކޮށްގެން ރައްޔިތުންނަށް ބޭނުންވާ ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ގައުމެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، އިއާދަކުރަނިވި ހަކަތައާއި ދިމާއަށް ރާއްޖޭގެ ހަކަތައިގެ ވިއުގަ އަނބުރައިލުމަކީ ހާސިލުކުރަންޖެހޭ މުހިންމު ލަނޑުދަނޑިއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަންހެނުންނާއި ޒުވާނުންނަށް ވަކިން ހާއްސަކަމެއް ދީގެން ތައުލީމާއި ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވައިލުމުގެ ތެރެއިން ދިވެހީންނަކީ ފަންނުވެރި ބަޔަކަށް ހަދައި، ދިވެހީންގެ އުފެއްދުންތަކާއި ހިދުމަތްތައް ދުނިޔޭގެ ބާޒާރަށް ނެރުމަކީ އަމާޒެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ފާސްކޮށްދޭން ހުށަހަޅާ މި ބަޖެޓުގައި ދައުލަތުގެ މާލިއްޔާއަށް ދިމާވެފައިވާ މުހިންމު ފިސްކަލް މައްސަލަތައް ހައްލުކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އެޅުމަށް ހިމަނާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.