އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޕީއެސްއައިޕީއަށް ޖުމްލަ 12.4 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު މިއީ މިހާތަނަށް ބަޖެޓެއްގައި ޕީއެސްއައިޕީއަށް ހިމެނި އެންމެ ގިނަ ފައިސާ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިއަދު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު މި ބަޖެޓަކީ މިހާތަނަށް ސަރުކާރަކުން ހުށަހަޅާ އެންމެ ބޮޑު ޕަބްލިކް ސާވިސް އިންފްރަސްޓްރަކްޗާ ޕްރޮގްރާމު (ޕީއެސްއައިޕީ) ހިމެނޭ ބަޖެޓެވެ.
2025 ވަނަ އަހަރަށް ލަފާކޮށް މިއަދު ހުށަހެޅި ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. މި އަހަރު ފާސްކުރި ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިމަނާފައިވަނީ 8.9 ބިލިއަން ރުފިޔާ އެވެ. 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ 8.5 ބިލިއަން ރުފިޔާ އެވެ.
ޕީއެސްއައިޕީއަށް ބަޖެޓުގައި ހިމަނާފައިވާ އަދަދު އިތުރުވެފައިވާއިރު މި އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ އައު މަޝްރޫއުތައް ފެށުމަށާއި މިހާރު ފެށިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމައިލުމަށް ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ޕީއެސްއައިޕީއަށް ހިމަނާފައިވާ 12.4 ބިލިއަން ރުފިޔާގެ މަޝްރޫއުގެ ތެރެއިން 5 ބިލިއަނެއްހަައި ރުފިޔާއަކީ ބޭރުގެ ފަރާތްތަކުން ފަންޑު ހަމަޖެހިގެން ހިންގަން ނިންމާފައިވާ މަޝްރޫއުތައްކަން ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހަރަދު އިތުރުކުރުމުގެ ސަބަބުން އަންނަ އަހަރު ސަރުކާރުން އިމާރާތްކުރުމުގެ ސިނާއަތަށް ގާތްގަނޑަކަށް ތިން ބިލިއަނެއްހައި ރުފިޔާ ދޫކުރެވިގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން އިގުތިސާދު އިތުރަށް ފުޅާވާނެ ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި ޕީއެސްއައިޕީ ބަޖެޓު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ ހުރިހާ މަޝްރޫއަކަށްވެސް އަހަރު ތެރޭގައި މަސައްކަތް މަޑުޖެހުމެއް ނެތި މަޝްރޫއުތައް ހިންގޭނެ މިންވަރަށް މަޝްރޫއުތަކަށް ފައިސާ ހިމަނާފައި އޮތުމެވެ.
އަދި އޭގެ އިތުރަށް ބަޖެޓު އެކުލަވައިލުމުގައި އެންމެ އިސްކަންދޭ ތަރުތީބަކުން މަޝްރޫއުތައް ތަރުތީބުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
ހިންގަން ރާވާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ގެދޮރުވެރިކަމުގެ ދާއިރާއަށާއި ސިއްހީ ދާއިރާއަށެވެ.
އެގޮތުން ޕީއެސްއައިޕީގެ ތެރެއިން ގެދޮރު ބިނާކުރުމަށް އެކަނި 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ. އަދި އޭގެ އިތުރަށް ސަރުކާރުން އިއުލާނުކޮށްފައިވާ %5 އިންޓަރެސްޓުގައި ގެދޮރުވެރިކަމަށް ދޫކުރާ ލޯނުތަކަށް ހާއްސަކޮށްގެން އިތުރު އެއް ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ.
ދެވަނައަށް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާއަށެވެ. އެގޮތުން ސްޕެޝިއަލިޓީ ހޮސްޕިޓާތައް ހިމެނޭހެން ފަސް ހޮސްޕިޓަލެއް އެޅުމަށް ބަޖެޓުގައި ހިމަނާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މި ބަޖެޓު ތަންފީޒުކުރެވިގެންދާއިރު އަންނަ އަހަރަކީ އެއް އަހަރު ތެރޭގައި އެންމެ ގިނަ މަޝްރޫއުތައް ނިންމައިލެވޭ އަހަރަށް ވާނެ ކަމަށެވެ.