މި ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ ފައިދާގެ ގޮތުގައި ލިބުނު އަދަދުވެސް ވަނީ 592 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯ އިން ކުރަމުން އަންނަ ވިޔަފާރިތައް ރަނގަޅުވެ، ސާފު ފައިދާގެ ގޮތުގައި 156 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ނިމިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ވަނީ 3.6 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު ތިން ޕަސެންޓުގެ ކުރިއެރުމެކެވެ.
ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރި ރަނގަޅު ވެފައިވުމެވެ. އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައިވަނީ 592 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ. ކުންފުނީގެ ޕްރޮވިޝަންސް އިތުރުވުމާއިއެކު ކުންފުނީގެ ހަރަދު އިތުރުވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު މިކުއާޓަރގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 251 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 23 އިންސައްތައިގެ ކުރިއެރުމެކެވެ.
މާލީ ރިޕޯޓް ދައްކާ ގޮތުގައި ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓަރގެ ސާފު ފައިދާއަކީ 198 މިލިއަން ރުފިޔާ އެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާބަލައި 12 ޕަސެންޓުގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަގަޅުކުރެވި ޖުމްލަ ފައިދާ އިތުރުވެފައިވުމެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފުފައިދާގެ ގޮތުގައި ވަނީ 156 މިލިއަން ރުފިޔާ ލިބިފައެވެ.