ޓެކްސީ އެސޯސިއޭޝަނުން ބުނީ ސަރުކާރުން ޓެކްސީ ހިދުމަތް ފަަށައިފިނަމަ ގިނަ ބަޔަކަށް އަސަރު ކުރާނެ އެވެ.
ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފު ކުރަން ކުރަމުންދާ މަސައްކަތްތައް ހުއްޓުވައިދޭން ޓެކްސީ އެސޯސިއޭޝަނުން މަޖިލީހުގައި އެދިއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޓެކްސީ އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ނިޔާޒު ވިދާޅުވީ ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށައިފިނަމަ ބޮޑެތި ގެއްލުން ތަކެއް ލިބިގެންދާނެ އެވެ. ޓެކްސީ ޑްރައިވަރުންނަކީ ހަމައެކަނި ޓެކްސީ ދުއްވާ މީހުން ނޫން ކަމަށާ މިކަމުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ އެވެ. މި ޓެކްސީ ލައިން ސަރުކާރުން ގެނެސްފިނަމަ މި ހުރިހާ ފަރާތްތަކަށް ގެއްލުންވާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަޖިލީހުގަ މި އެދެނީ އެ މަސައްކަތް ހުއްޓުވައިދޭން. މި ޓެކްސީ ލައިންގެ ސަބަބުން އިގްތިސޯދީ މި ދަތި ވަގުތުގައި އިތުރު މައްސަލަތަކެއް ނުކުންނާނެ. ސަރުކާރުން ޓެކްސީ ކުރަން ފެށީމަ ޑްރައިވަރުން ބިކަވާނެ. ސެންޓަރުތައް ބިކަވާނެ. ކާރު ވައްދާ ގަރާޖުތައްވެސް ބިކަވާނެ،" ނިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ހިދުމަތް ތައާރަފުކޮށްފިނަމަ މާލޭގެ ޓްރެފިކް މައްސަލަ އިތުރަށް ގޯސްވެ ޕާކިން މައްސަލަ އިތުރަށް ގޯސްވެގެން ދާނެ އެވެ. އަދި ސަރުކާރުން މި ހިދުމަތް ފަށަނީ ޓެކްސީ ޑްރައިވަރުންގެ ލަފާ ހޯދައިގެން ނޫން ކަމަށް ނިޔާޒު ވިދާޅުވި އެވެ.
"ސަރުކާރަކުން ނެއް ޓްރާންސްޕޯޓް މިނިސްޓްރީން މަޝްވަރާއެއް ނުކުރެ. އަޅުގަނޑުމެންނާ ބައްދަލު ކުރިން،" ނިޔާޒު ވިދާޅުވި އެވެ.
ޓެކްސީ އެސޯސިއޭޝަނުން ވާހަކަ ދެއްކެވި ނިޔާޒު ވިދާޅުވީ ކުރީ ސަރުކާރުން ޓެކްސީ ނަފާގެ ނަމުގައި ޓެކްސީ ވިޔަފާރި އަށް ޓެކްސީ ގެންނަން ފުރުސަތު ދިން ކަމަށާ މި ލޯނު ދޫކޮށްފައިވަނީ އިންތިހާބުގެ ތެރޭގަ އެވެ. އަދި އެ ލޯނާއެކު ކާރު ގެނައުމުން މިހާރު ރަޖިސްޓްރީ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ލައިނެއްގެ ގޮތުގައި ނެރެން މަސައްކަތް ކުރަނީ 300 ކާރެވެ. މީގެތޭގައި ތިމާވެއްޓާ ރަހުމަތްތެރި ކާރުތައް ވެސް ހިމެނެ އެވެ. ސަރުކާރުން ވަނީ މި ހިދުމަތް ފެށުމަށްފަހު ޑްރައިވަރުންނަށް ވެސް މި ޓެކްސީ ދުއްވުމުގެ ފުރުސަތު އޮންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ޓެކްސީގެ މައްސަލައަކީ ދާއިމީ ބޮޑު މައްސަލައެކެވެ. މި މައްސަލަ ހައްލުކުރަން މިހާތަނަށް އެއްވެސް ސަރުކާރަކުން މިކަން ހައްލުވެފައެއް ނެތެވެ.