"އެ ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށްވެސް ގޮވާލަން." ޔޫތު މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މިސް ޔުނިވާސް މުބާރާތެއްގައި ދިވެއްސަކު ބައިވެރިވުމަށް ނިންމި ނިންމުމަކީ ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އެކަން ހުއްޓާލުމަށް ސަރުކާރުން ގޮވާލައިފި އެވެ.
އަންނަ މަހު 14 އިން 16 އަށް މެކްސިކޯގައި ކުރިއަށް ދާ މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރަނީ 21 އަހަރުގެ މޮޑެލް، މަރިޔަމް ޝައިނާ ނަސީމެވެ. މިއީ މި މުބާރާތުގައި ރާއްޖޭން ބައިވެރިވާ ފުރަތަމަ ފަހަރެވެ.
މިކަމާ ގުޅިގެން ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކު ބައިވެރިވާތީ، އެއީ ރާއްޖެ ތަމްސީލުކުރަން ދިވެހި ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމެއް ކަމަށް ދޭހަވާގޮތަށް އާންމުވަމުންދާ ހަބަރުތަކާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރާ ކަމަށެވެ.
މި ބަޔާނުގައި ބުނެފައިވަނީ ދިވެހިންގެ ދީނާއި އަގީދާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތް ބޭއްވުމާއި، އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ، ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ދިވެހިން ގަބޫލުކުރާ އާންމު އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާ ވެސް ހިލާފު ކަންކަން ވާއިރު، ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތަކަށް ދިޔުން، ދިވެހި ސަރުކާރުން ކުށްވެރި ކުރާ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެ އެވެ.
"އެ ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށްވެސް ގޮވާލަން." ޔޫތު މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރި ކުރުވުމަކީ ސަރުކާރުން ކުރާނޭ ކަމަކަށް ނުވާއިރު، ސަރުކާރުން ކުރުވާ ކަމެއްކަން ދޭހަވާގޮތަށް މައުލޫމާތި ނުފެތުރުމާއި އެފަދަ ކަންކަމުގައި ދިވެހިން ބައިވެރި ނުވުމަށް ވަނީ ގޮވާލާފަ އެވެ.
މި މުބާރާތުގައި ދިވެއްސަކު ބައިވެރިވާން ނިންމާފައިވާ ކަމަށް ބުނެ މީޑިއާތަކުން ހަބަރު ގެނެސްދީފައިވާތީ ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އާންމު ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.