"ރާއްޖޭގައި މެރިކަލްޗާ ވިޔަފާރި ފަށަން ބޭރުގެ އިންވެސްޓަރުން ތިބީ ތައްޔާރަށް"

މެރިކަލްޗާއަށް މިހާތަނަށް ދައްކަމުން ގޮސްފައިވަނީ ހުސް ވާހަކަ އެވެ. ނިމިދިޔަ ސަރުކާރުން މި ވިޔަފާރި ފަށަން ކަނޑުގޮވާންގެ ނަމުގައި މަސައްކަތްތަކެއް ކުރި އެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

މަސްވެރިކަމުގެ އާ ބާވަތް ތަކެއް ގެންނަން ކުރާ މަސައްކަތުގެ ދަށުން، ރައްޖޭގައި މެރިކަލްޗާ ކުރިއަރުވަން ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލަން ތައްޔާރުވާއިރު އިންވެސްޓަރުން ތައްޔާރަށް ތިބި ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ އެވެ. 

މަސްވެރިކަން ސިންދަފާތު ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުމުގެ ދަށުން ޒަމާނުއްސުރެއް "ހުސް ވާހަކަ" ދައްކާ މެރިކަލްޗާ ތަރައްގީ ކުރުމަށް ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލަން ނިންމާފައިވާކަން ހާމަ ކުރެއްވީ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލުކާ ގުޅިގެން ނެވެ.

މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި މިހާތަނަށް އައިއިރު ރާއްޖޭގެ މެރިކަލްޗާ ސިނާއަތެއްގެ ގޮތުގައި ތަރައްގީވެފައި ނެތް ކަމަށާ ނަމަވެސް މި ސަރުކާރުން އެކަން ކާމިޔާބު ކުރާނެ އެވެ. 

"އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދަކީ 99 ޕަސެންޓް. އެހެންވެ ކަނޑުގެ ރޯދި އިތުރު ކުރުމަކީ ވާޖިބެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރަން ޖެހޭނީ. އެކަމަށް މި މަސައްކަތް ކުރަނީ. ރާއްޖޭގެ މެރިކަލްޗާ ސިނާއަތަކީ ބޭރު ފައިސާ އިންތިހާއަށް ވެއްދެން އޮތް ސިނާއަތެއް. އެކަމަކު މިހާތަނަށް މެރިކަލްޗާގެ ވާހަކަ ދެއްކި. ނަމަވެސް މި އޮތީ ކޮމިއުނިޓީ ސްކޭލްގަ،" މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި ސަރުކާރުގެ އަމާޒަކީ މި ސިނާއަތް ވިޔަފާރިއެއްގެ ގޮތުގައި ކުރެވޭ ފަދަ ކޮމާޝަލް ސްކޭލަކަށް ގެނައުން ކަމަށާ ރާއްޖެއަށް ވައްދާ ސިނާއަތަކަށް މި ސިނާއަތް ހެދުމެވެ، 

"މިހާރު ވާނީ މެރިކަލްޗާ ކުރަން ހަތަރު ސަރަަހައްދެއް މެރިކަލްޗާ ކުރަން ފާސްކޮށްފަ، މިހާރު ކުރަމުން މިދަނީ މަސައްކަތަކީ މީގެ ދަށުން ގާނޫނާއި ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލު ގެނައުން. މި ހުޅުވާލަނީ މި ބާވަތުގެ މަސައްކަތް ކުރާ އެހެން ގައުމުތަކާ ކޮމްޕީޓް ކުރެވޭނެ ލުއިތަކާއެކީގައި. ބޭރުގެ އިންވެސްޓަރުން ދޮރު ބުޑުގައި ތައްޔާރަށް އެބަތިބި،" ޝިޔާމް ވިދާޅުވި އެވެ. 

ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތަރައްގީކުރަން ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ) އާއެމު ފިޝަރިޒް މިނިސްޓަރު ޝިޔާމް މި އަހަރުގެ ޖުލައި މަހު މަޝްވަރާތަކެއް ބާއްވާފައިވެ އެވެ. މި ބައްދަލުވުމުގައިި މެރިކަލްޗާ ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

ވަޒީރުން މަޖިލީހުން ވަނީ ރާއްޖޭގެ އިގުތިސޯދު ފުޅާކޮށް، ސިންދަފާތުކޮށް ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރު ކުރުމުގެ ގޮތުން މެރިކަލްޗާގެ ވިޔަފާރިތައް ގާއިމު ކުރުމަށް، ހެޗަރީތައް ބިނާކުރުމާއި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާހައުލުގައި ބޮޑު ކުރުމަށް، ފޮރިން އިންވެސްޓްމަންޓުތައް ހިމެނޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ވަކި ޒޯނުތަކެއް މެރިކަލްޗާ ތަރައްގީކުރާ ޒޯނުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ވެސް ވަނީ ނިންމާފަ އެވެ.

މެރިކަލްޗާ ތަރައްގީ ކުރާނެ ޒޯންތައް

  • ބޮޑުތިލަދުންމަތި (ހދ. އަދި ށ. އަތޮޅު)
  • މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅު
  • މުލަކަތޮޅު (މ) އަތޮޅު
  • ކޮޅުމަޑުލު (ތ) އަތޮޅު)

މެރިކަލްޗާގެ އިތުރުން މާލެ އަތޮޅު ދެކުނުން ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް ހަތް ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަހައްދަކީ "ކޮމާޝަލް ސްކޭލް" އެއް ގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ހާއްސަ ކުރެވޭ މޫދު ކޮށީގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަންވެސް ނިންމާފައިވެ އެވެ. 

މެރިކަލްޗާގެ ހުވަފެން - މިދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އައި ދެ ވެރިކަމުގައިވެސް މެރިކަލްޗާ ކުރަން ވާހަކަ ދެއްކި އެވެ. އެމްޑީޕީން މިކަމަށް ގެންގުޅުނު ބަސް މަގަކީ ކަނޑު ގޮވާން ކުރުމެވެ. އެކަމަކު މީގެ އެއްވެސް އަމަލީ މަސައްކަތެއް ނުފެނެ އެވެ. އަދި ކޮމާޝަލް ލެވަލްއެއްގައި މި ވިޔަފާރިއެއް ނުކުރެވެ އެވެ. މިހާތަނަށް ކުރެވުނު މަސައްކަތަކީ މަނިޔަފުށީގެ ފާނަ ކޮށިތަކުގައި ކުދި ފާނަ ބޮޑު ކުރުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.