ދައުވާކުރާއިރު ބޯޓުތައް ރާއްޖޭގައި ނޯންނާތީ، ގާނޫނު އޮންނަ ގޮތުން އެ ބޯޓުތައް ރާއްޖޭގައި ހިފެހެއްޓޭނެ ގޮތެއް ވެސް ނެތެވެ. އެހެންވެ، މައްސަލަތައް ކުރިއަށް ގޮސް ހުކުމެއް ކުރިޔަސް، ތަންފީޒު ކުރެވޭނެ ގޮތެއް ވެސް ނެތެވެ.
ބޯޓުފަހަރު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުރާ ޖޫރިމަނާގެ ފައިސާ، ކޯޓު މެދުވެރިކޮށް ހޯދަން ގޮންޖެހުން ކުރިމަތިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުން ބުނެފި އެވެ.
ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ޖޫރިމަނާ ކުރަނީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންނެވެ. އެ ފައިސާ އީޕީއޭ ނުދައްކައިފިނަމަ ބޯޓު ނިސްބަތްވާ ކުންފުންޏަށް ނުވަތަ ބޯޓުގެ ވެރިފަރާތަށް ދައުވާ ކޮށްދިނުމަށް އެދި އީޕީއޭ އިން ފޮނުވަނީ އޭޖީ އޮފީހަށެވެ.
ތިމާވެއްޓަށް ގެއްލުން ލިބޭ މައްސަލަތަކުގައި ކުރާ ޖޫރިމަނާގެ ފައިސާ ނުދައްކާ މައްސަލައާ ގުޅިގެން މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީއަށް މިއަދު ވަނީ އޭޖީ އޮފީހުގެ ބޭފުޅުން ހާޒިރުކޮށްފަ އެވެ.
ކޮމެޓީގައި ވާހަކަދައްކަވަމުން އޭޖީ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތި ހަލީމް ވިދާޅުވީ ފަރަށް އަރާ ބޯޓުތަކާ ދެކޮޅަށް ދައުވާ ކުރުމަށްވެސް އަދި ކޯޓުން ހުކުމެއް ކޮށްފިނަމަ އެ ހުކުމް ތަންފީޒު ކުރުމަށް ވެސް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. އެންމެ ބޮޑު ސަބަބަކީ އެ ބޯޓުތަކަކީ ރާއްޖެއަށް ނިސްބަތްވާ ބޯޓުތަކަކާ ނުވުން ކަމަށް އޭނާ ވިދާޅުވި އެވެ. އެބޯޓުތައް ރާއްޖެ އަންނަނީ ކޮންމެވެސް އެޖެންޓެއް މެދުވެރިކޮށެވެ.
ދައުވާކުރާއިރު ބޯޓުތައް ރާއްޖޭގައި ނޯންނަ ކަމަށާއި، ގާނޫނު އޮންނަ ގޮތުން އެ ބޯޓުތައް ރާއްޖޭގައި ހިފެހެއްޓޭނެ ގޮތެއް ވެސް ނެތް ކަމަށް ފާތިމަތު ވިދާޅުވި އެވެ. އެހެންވެ، މައްސަލަތައް ކުރިއަށް ގޮސް ހުކުމެއް ކުރިޔަސް، ތަންފީޒު ކުރެވޭނެ ގޮތެއް ވެސް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާތިމަތު ވިދާޅުވީ ދައުވާ ރައްދުވާ ފަރާތަކީ ރާއްޖޭން ބޭރު ފަރާތަކަށްވާތީ، އެފަރާތްތަކުގެ އެޑްރެސްފަދަ މައުލޫމާތުތައް ހޯދަން އުނދަގޫވާ ކަމަށެވެ. ރައްދުވާ ފަރާތެއްނެތި ދައުވާ ނުކުރެވޭނެތީ، އެޖެންޓަށް ވެސް މިހާރު ދައުވާ ރައްދު ކުރާ ކަމަށެވެ. ނަމަވެސް އެޖެންޓަކީ ހަގީގަތުގައި މައްސަލައާ ގުޅޭ ފަރާތެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެ އެޖެންޓަކީ އެ ބޯޓު ރާއްޖެ އައުމަށް ކަސްޓަމްސް އިން އެއް އަހަރު ދުވަހަށް އައްޔަނު ކުރާ ފަރާތެއް ކަމުން، އަހަރު ދުވަސް ނިމުމުން އެޖެންޓް ބަދަލުވެ އެވެ.
ފަރަށް އަރައިގެން ތިމާވެއްޓަށް ގެއްލުންވެފައިވާތީ ޖޫރިމަނާކޮށްގެން ފައިސާ ނުލިބޭ ހަ މައްސަލައެއް މިހާރު ކޯޓުގައި ހިނގަމުން އެބަދެ އެވެ. އޭގެ ތެރެއިން ހަތަރު މައްސަލައެއް އޮތީ އެންމެ ފަހު މަރުހަލާގަ އެވެ. އެ މައްސަލަތައް ލަސްވާ އެންމެ ބޮޑު ސަބަބަކީ ޖަވާބުދާރީވާނެ ފަރާތެއް ނުހުރުން ކަމަށް ފާތިމަތު ވިދާޅުވި އެވެ.
"މި މައްސަލަތަކުގަ ވެސް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެއަށް ޖަވާބުދާރީވާނެ ފަރާތެއް ނުހުރޭ. ހަމައެކަނި އެޖެންޓް އައިސް އެ އެޖެންޓް ދައްކާ ވާހަކައެއް މި އޮންނަނީ ދައުވާގެ ރައްދުގަ ދިފާއުގެ ޖަވާބެއްގެ ގޮތުގަ ފެންނަން. ނަމަވެސް އެ އެޖެންޓް ވެސް އަނެއްކާ އެބަ ބަދަލުވޭ އެހާ އަވަހަށް،" ފާތިމަތު ވިދާޅުވި އެވެ.
ޖޫރިމަނާ ފައިސާ ހޯދަން ދައުވާކޮށްގެން ދަތިވާ ކަމަށް އޭޖީ އޮފީހުން ފާހަގަކުރިއިރު، އީޕީއޭ އިން ވެސް މީގެ ކުރިން ކޮމެޓީއަށް ހާޒިރުވެ އެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވެ އެވެ. އެގޮތުން ބޭރުގެ ފަރާތްތަކާ މުއާމަލާތް ކުރުމާއި ސީދާ އީޕީއޭއަށް ދައުވާ ކުރުމުގެ ބާރު ނެތެމުގެ ސަބަބުން ގޮންޖެހުންތައް ދިމާވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.