މި އަހަރުގެ މިހާތަނަށް ކަނޑައެޅި ސަބްސިޑީ ބަޖެޓަށްވުރެ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އިތުރަށް ވަނީ ހަރަދުކޮށްފަ އެވެ.
ދައުލަތުގެ ބަޖެޓުން މި އަހަރު ސަބްސިޑީގެ ގޮތުގައި ހަރަދު ކުރަން ދިން ބަޖެޓަށްވުރެ އިތުރަށް ހަރަދުކޮށްފި އެވެ.
މެދުކެނޑުމަކަށްފަހު ފިނޭންސުން އާއްމު ކުރަން ފެށި ދައުލަތުގެ ހަފުތާގެ މާލީ ހިސާބު ކަރުރާސް ދައްކާ ގޮތުން ފާލުން ނައްޓާލާފައިވާ ރާއްޖޭގެ ސަބްސިޑީ ނިޒާމަށް ކުރަމުން ޖެހިފައިވާ ހަރަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މި އަހަރަށް ހަރަދު ކުރަން ސަބްސިޑީ ބަޖެޓުގެ ގޮތުގައި 2.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިން ނަމަވެސް މިހާރު މި ހަރަދު އުޅެނީ 3.2 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރުވެސް ސަބްސިޑީ ހަރަދު އުޅުނީ އެވަރުގަ އެވެ.
ސަބްސިޑީގެ ބައިން ކޮންޓްރިބިއުޝަން އާއި އެހީގެ ބައިއެއްކޮށް ބަލާނަމަ މި އަދަދު އުޅެނީ 8.3 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރު މި އަދަދު އުޅުނީ 7.6 ބިލިއަން ރުފިޔާގަ އެވެ. މިބަޔަކަށް މި އަހަރަށް ދީފައިވާ ބަޖެޓަކީ 9.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ސަރުކާރުން ވަނީ މި އަހަރަށް ކަނޑައެޅި ސަޕްލިމެންޓްރީ ބަޖެޓުގައިވެސް ސަބްސިޑީ ދޭން ބޮޑު އަދަދެއް ހިމަނާފަ އެވެ. މި އަހަރަށް ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ބުނެފައިވަނީ ސަބްސިޑީއަށެވެ. މި އަހަރު ސަބްސިޑީއަށް ހަރަދުކުރަން ބަޖެޓުގައި ހިމެނި 2.8 ބިލިއަން ރުފިޔާގެ އިތުރަށް 1.02 ބިލިއަން ރުފިޔާ ސަބްސިޑީއަށް ހަރަދުވާނެ ކަމުގައި ސަޕްލިމަންޓަރީ ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ. އެއާއެކު ސަބްސިޑީގެ ހަރަަދު މި އަހަރު 3.8 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
ސަރުކާރުން އެކުލަވާލާފައިވާ މާލީ އިގްތިސޯދީ އެޖެންޑާގައިވެސް ސަބްސިޑީ ނިޒާމު ރިފޯމް ކުރާނެ ކަމަށް ބުނެފައިވެ އެވެ.
މިހާރު ރާއްޖޭގައި އެކި ނަންނަމުގައި ސަބްސިޑީދެ އެވެ. އެގޮތުން ކާޑުގެ ސަބްސިޑީގެ އިތުރުން ތެލާއި ކަރަންޓަށް ވެސް ސަބްސިޑީދެ އެވެ.