އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ އައިއެސްޑީބީގެ ފަރާތުން މިފްކޯގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އައްޑޫގެ ފިޝަރީސް ކޮމްޕްލެކްސް ހިމެނޭ ގޮތަށް މި މަސައްކަތް ކުރެވޭނެ ފައިސާ ހަމަޖެހިގެން މިދިޔައީ މިދިޔަ ހަފްތާ،"
އައްޑޫ ފިޝަރީސް ކޮމްޕްލެކްސް ތަރައްގީ ކުރަން ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި، އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށޭނެ ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެންނެވެ. މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެތަން ތަރައްގީ ކުރުމަށް މިފްކޯ މެދުވެރިކޮށް ފަންޑިން އެޖެންސީތަކަށް ޕްރޮޕޯސަލް ފޮނުވަމުން ދިޔަ ކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިގެން ދިޔައީ މިދިޔަ ހަފްތާގައި ކަމަށެވެ.
"އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ އައިއެސްޑީބީގެ ފަރާތުން މިފްކޯގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އައްޑޫގެ ފިޝަރީސް ކޮމްޕްލެކްސް ހިމެނޭ ގޮތަށް މި މަސައްކަތް ކުރެވޭނެ ފައިސާ ހަމަޖެހިގެން މިދިޔައީ މިދިޔަ ހަފްތާ،" މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުދޫގައި ހުންނަ އައްޑޫ ފިޝަރީސް ކޮމްޕްލެކްސް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށާއި، އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ 2026 ވަނަ އަހަރުގެ ކުރީކޮޅު މަސައްކަތް ނިންމައިލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ފެކްޓްރީގައި މިހާރު ހުރީ 1500 ޓަނުގެ މަސް ރައްކާކުރެވޭ ކެޕޭސިޓީ އެވެ. އަދި 50 ޓަނުގެ ބްރައިމް ފްރީޒިން ކެޕޭސިޓީ އެވެ. މިނިސްޓަރު ވިދާޅުވީ އެތަން ތަރައްގީކޮށް ނިމުމުން 2500 ޓަނުގެ މަސް ރައްކާކުރެވޭނެ ކަމަށެވެ. އަދި އިތުރު 50 ޓަނުގެ ބްރައިމް ކެޕޭސިޓީއާއެކު ދުވާލެއްގެ މައްޗަށް 100 ޓަނުގެ މަސް ގަނެވޭ ގޮތަށް ކެޕޭސިޓީ އިތުރުވެގެން ދާނެ ކަމަށެވެ.
"މީ އައްޑޫ ސިޓީގެ މަސްވެރިންގެ ތަރައްގީއަށް ޔަގީނުންވެސް ކުރެވޭނެ އެންމެ ބޮޑު، އެންމެ މުހިންމު ތަރައްގީގެ މަޝްރޫއަކީ،" މިނިސްޓަރު ވިދާޅުވި އެވެ.