މާލީ ހިސާބުތައް އާންމުކޮށްފަައިވަނީ ކުރީ ސަރުކާރުގައި ހިސާބު ބެލެހެއްޓުމުގައި ހަދާފައިވާ ގޯސް ރަނގަޅުކުރާނެ ގޮތަކާމެދު އޮޑިޓާ ޖެނެރަލް ލަފާފުޅު ދެއްވުމާ ގުޅިގެން އެގޮތަށް އަމަލުކުރަން ފަށާފަ އެވެ.
ދައުލަތުގެ އާމްދަނީއާއި ހަރަދުބަރަދުގެ ހިސާބުތައް އާންމުނުކުރާތާ ހަތަރު މަސްވުމަށްފަހު މި މަހުގައި ފާއިތުވި ހުރިހާ ހަފުތާއެއްގެ ހަރަދުތައް އެކުއެކީ އާންމުކޮށްފި އެވެ.
އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް ވަރަށް ބޮޑަށް ކޮންޓުރޯލުކޮށްފައިވާކަން އެނގެ އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޖުމްލަ ހަރަދުވީ 37.7 ބިލިއަން ރުފިޔާ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި މުޅި އަހަރު ހަރަދުވާނެކަމަށް އަންދާޒާކޮށްފައިވަނީ 47.6 ބިލިއަން ރުފިޔާ އެވެ.
ނިމުނު އަހަރުގެ ޖަނަވަރީ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 36.9 ބިލިއަން ރުފިޔާ ހަރަދުވި އެވެ. އެހެންކަމުން ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރުގެ އެ މުއްދަތުގައި އިތުރަށް ހަރަދުވެފައިވަނީ 740 މިލިއަނެއްހައި ރުފިޔާ އެވެ.
އެންމެ ބޮޑަށް އިތުރުވީ މުސާރައާއި އިނާޔަތްތަކުގެ ހަރަދެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް 8.9 ބިލިއަން ރުފިޔާ ހަރަދުވިއިރު މި އަހަރު އިތުރަށް 10.2 ބިލިއަން ރުފިޔާ ހަރަދުވި އެވެ.
މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު އިތުރުވި މައިގަނޑު ސަބަބަކީ މި އަހަރު ކުރީ ކޮޅުގައި ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުމެވެ. އަދި މިދިޔަ އަހަރު މާޗު މަހުގައި ސިއްހީ ހިދުމަތްތެރިންގެ މުސާރައަށް ގެނައި ބަދަލުތައް މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ހަރަދުގައި ނުހިމެނުނަމަވެސް މި އަހަރުގެ ހުރިހާ މަހެއްގައި ރެކޯޑުކުރެވެމުން ދިއުމަކީވެސް މުސާރައިގެ ހަރަދުތައް ބޮޑުވި ސަބަބެކެވެ.
މި އަހަރުގެ މިހާތަނަށް ޖުމްލަ ޑެފިސިޓު އުޅެނީ 9.5 ބިލިއަންގަ އެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 9.2 ބިލިއަން ރުފިޔާގަ އެވެ. ލޯނު ނެގުމާއި އިންޓަރެސްޓުގެ ހަރަދުގެ ގޮތުގައި 3.8 ބިލިއަން އަދި ސީފާ ލޯނު އަދާކުރުމަށް 2.01 ބިލިއަން ރުފިޔާ މި އަހަރު ހަރަދުވެފައިވެ އެވެ.